ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ "ބީއެމްއެލް ކޮމިއުނިޓީ ފަންޑު"ގެ ދަށުން ހއ. ތަކަންދޫ އާއި ލ. ފޮނަދޫގައި ކުރިއަށްގެންދިޔަ ދެ ޕްރޮޖެކްޓުގެ މަސައްކަތް ނިންމާލައިފިއެވެ.

ބީއެމްއެލުން މިއަދު ބުނީ ތަކަންދޫގައި ހިންގި ޕްރޮޖެކްޓުގެ ދަށުން އެރަށު ސްކޫލުގައި އައުޓްޑޯ ރީޑިން ސަރަހައްދެއް ގާއިމުކޮށް އެ ރަށުގައި ކޮމިއުނިޓީ ފޮތް ހަރުގަނޑުތަކެއް ބަހައްޓާފައިވާ ކަމަށެވެ. އަދި ތަކަންދޫ ސްކޫލުގެ ހުސް ޖާގައިގައި ފޮތް ހަރުގަނޑު ބަހައްޓައި ހިޔާކޮށް ހަޓު ޖަހާފައިވާ އިރު، ރަށުގެ އެކި ސަރައްހައްދުތަކުގައި ވެސް ފޮތް ހަރުގަނޑުތަކެއް ބަހައްޓާފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.

މި ޕްރޮޖެކްޓު ކާމިޔާބު ކުރި ތަކަންދޫ އެކުވެރިންގެ ރޫހުން ބުނީ މިހާރު ލައިބްރަރީއެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަނީ ސްކޫލު އޮފީސް ކަމަށާއި އެހެންކަމުން އަމާޒަކަށްވީ ދަރިވަރުން ފޮތް ކިޔުމަށާއި ކްލާހުން ބޭރުގައި ބާއްވާ ހަރަކާތްތަކަށް އެކަށީގެންވާ ރަނގަޅު ޖާގައެއް ހޯދައިދިނުން ކަމަށެވެ.

"ސްކޫލު އޮފީހާ ވަކިން މި ސަރަހައްދު ގާއިމުކުރުމުގެ ސަބަބުން މި ތަން ވެގެންދާނީ ދަރިވަރުންނަށް ފަސޭހަ މާހައުލަކަށް. އަޅުގަނޑުމެން ރަށުގައި ފޮތް ހަދިޔާ ކުރާ ކެމްޕޭނެއް ބާއްވައި މި އައުޓްޑޯ ލައިބްރަރީއަށް އަދި ރަށުތެރޭ ބެހެއްޓިފައި ހުރި ފޮތް ހަރުގަނޑުތަކަށް އިތުރު ފޮތް އެއްކުރުމަށް ވަނީ ހަމަޖެހިފައި،" ތަކަންދޫ އެކުވެރިންގެ ރޫހުގެ ފަރާތުން ބުންޏެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން ލ. ފޮނަދޫގެ ސްކޫލު ސަރަހައްދުގައި އައުޓްޑޯ ރީޑިން ސަރަހައްދެއް ވަނީ ގާއިމު ގާއިމުކޮށްފައެވެ. އެ ސަރަހައްދަކީ ލ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ހާއްސަކޮށް ގާއިމުކުރެވުނު ސަރަހައްދެއް ކަމަށާއި އެ ސަރަހައްދުގައި ގޮނޑިއާއި މޭޒު އަދި ފޮތް ހަރުގަނޑު ބަހައްޓާފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ.

އެ ޕްރޮޖެކްޓާ ގުޅޭގޮތުން ބެލެނިވެރިންނާއި މުދައްރިސުންގެ ޖަމިއްޔާގެ ފަރާތުން ފާތިމަތު ޝަހީދާ ބުނީ އެތަނަކީ ފޮނަދުއަށް ވަރަށް ބޭނުންތެރި ތަނެއް ކަމަށާއި އެ އައުޓްޑޯ ރީޑިން ސަރަހައްދުގެ ސަބަބުން ދަރިވަރުންގެ މެދުގައި ފޮތް ކިޔުމަށް ލޯތްބާއި ޝައުގު އުފެދިގެންދާނެ ކަމަށެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން ބީއެމްއެލުން ވަނީ 65 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ފޯރުކޮށްދީފައެވެ.