ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މާމިގިލި ބްރާންޗުގެ މެނޭޖަރާއި އިތުރު ދެ މުވައްޒަފަކަށް ތުހުމަތު ކުރާ ހިޔާނާތުގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މާމިގިލީ ކައުންސިލުގެ ރައީސް އިމާދު ފާރޫގު ވަން އަށް މިއަދު ވިދާޅުވީ އެ މައްސަލަ ފަޅާއަރާފައިވަނީ މީގެ ދެ ހަފުތާވަރު ކުރިން ކަމަށާއި ނަމަވެސް އެ ކަމާއި ބެހޭ އިތުރު މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

މާމިގިލީން ވާހަކަ ދެއްކި، މައުލޫމާތު އެނގޭ މީހަކު، "ވަން"އަށް މިއަދު ކިޔައިދިން ގޮތުގައި އެ އެ މައްސަލައިގައި ހިމެނެނީ އެ ބްރާންޗުގެ މެނޭޖަރާއި އިތުރު ދެ މުވައްޒަފުންނެވެ. އެ ތިން މީހުންނަކީވެސް ދިވެހިން ކަމަށާއި އޭގެ ތެރެއިން މެނޭޖަރަކީ އަންހެނެއް ކަމަށާއި އަނެއް ދެ މުވައްޒަފުންނަކީ ފިރިހެނުން ކަމަށް އޭނާ ބުންޏެވެ. އަދި އެމީހުން ހިޔާނާތްތެރިވި ފައިސާގެ އަދަދު 390،000 ޑޮލަރު (ހަ މިލިއަން ރުފިޔާ) އަށް އަރާ ކަމަށް މައުލޫމާތު ލިބޭ ކަމަށް އޭނާ ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި އެ މައްސަލައިގައި ހިމެނޭ އެ ބްރާންޗުގެ މެނޭޖަރު މިހާރު ވަނީ ވަޒީފާއިން ވެސް ވަކިކޮށްފައެވެ. އަނެއް ދެ މުވައްޒަފުންވެސް ވަޒީފާއިން އެކަހެރި ކޮށްފައިވާ ކަމަށާއި ނަމަވެސް އެ ދެ މުވައްޒަފުން ވަޒީފާއިން ވަކި ކުރީ ކަމެއް ނުވަތަ ސަސްޕެންޑް ކުރީކަމެއް ޔަގީން ނުވާކަމަށް ވެސް އޭނާ ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ''ވަން" އަށް މިއަދު ވިދާޅުވީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު މައުލޫމާތެއް ނުދެއްވައެވެ.