ރޯދައަށް ހުޅުމާލޭ ސާފުކުރުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ގެންދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
އެޗްޑީސީން ހޮނިހިރުދުވަހު ކުރިއަށް ގެންދަން ރާވާފައިވާ "ރޯދަ ސާފް" ޕްރޮގްރާމަކީ ހުޅުމާލޭގެ އާންމު ސަރަހައްދުތަކުގައި ހުރި ކުނިތައް ނަގައި ސާފުކުރުމަށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
މި ހަރަކާތާ ބެހޭ ގޮތުން އެޗްޑީސީގެ މީޑިއާ އޮފިޝަލު، އަލީ މަޝާރު 'ވަން' އަށް މިއަދު ވިދާޅުވީ ރޯދަ ސާފު ޕްރޮގްރާމް ފެށުމަށް ރާވައިފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ 4:00 އިން ފެށިގެން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުން ކަމަށާއި މި ޕްރޮގްރާމްގައި ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކާއި ސްކޫލުތަކުން ބައިވެރިވާނެ ކަމަށެވެ. އާއްމުކޮށް ހުޅުވާލައިގެން ބާއްވާ މި ޕްރޮގްރާމްގައި އާންމުންގެ ފަރާތުންވެސް ބައިވެރިވުމަށް ހުޅުވާލާފައިވާ ކަމަށް މަޝާރު ވިދާޅުވިއެވެ.
މަޝާރު ވިދާޅުވި ގޮތުގައި ގޭބީސީ ތަކުން ނުކުމެ އެބައެއްގެ ނެއިބާހުޑް ސާފްކޮށްލައިގެންވެސް މި ހަރަކާތުގައި ބައިވެރިވެވޭނެއެވެ. އަދި އެގޮތަށް ނަގާ ކުނިތައް އެއްތަނަކަށް ޖަމާކުރުމުން އެޗްޑީސީން އެކުނިތައް ނަގައި އުކާލަމުން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހުޅުމާލެ ޕާކްތަކާއި ބީޗް ސަރަހައްދަކީ ރޯދަ މަހުގައި ގިނަ އަދަދަކަށް ކުޑަކުދިންނާއި އާއްމު ފަރާތްތަކުން ރޯދަ ކުރުކޮށްލުމަށް ގޮސް އުޅޭ ތަންތަނެވެ. އަލަށް އާބާދުވި ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުން އެގޮތަށް ނުކުމެ ހިތްހަމަޖައްސާލަން އެ ސަރަހައްދުގައި މިވަގުތަށް އޮތް ހަމައެކަނި ތަން ކަމަށްވާއިރު މިފަދަ ތަންތަން ސާފުކުރުމުގައި އާއްމުން ބައިވެރި ވުމަކީ ފަރުދީ ޒިންމާ އެކެވެ. އަދި އާއްމު ތަންތަނަށް ކުނި އެޅުން ހުއްޓާލައި އެފަދަ ތަންތަން ރީތިކަންމަތީ އަބަދަށް ބޭއްވުމަކީ އެންމެންގެ ޒިންމާއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު