ވިހައިގެން އަންހެން މުވައްޒަފުން ނަގާ ޗުއްޓީއަކީ ވަޒީފާގެ ކުރިއެރުމަށް އޮތް ހުރަހަކަށްވެގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން އަދި ރާއްޖޭގެ ފަސްޓް ލޭޑީ، ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ރެހެންދި ސްކޫލުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި މެޑަމް ފަޒްނާ ވިދާޅުވީ، އިސް މަގާމުތަކުގައި އަންހެނުން ޝާމިލުވާ މިންވަރު އިތުރުކުރެވިފައިވާ ކަމަށާއި ބޮޑެތި ނިންމުންތަކުގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުން އޮންނަން ޖެހޭ ކަމަށެވެ.

ފަޒްނާ ވިދާޅުވީ، ވަޒީފާގެ މާހައުލުގައި އަންހެނަކަށްވީތީ އެތައް އުނދަގޫތަކެއް އެބަހުރި ކަމަށާއި އެގޮތުން ވަޒީފާ ނިމޭ ގަޑިއަށް ބައްދަލުވުންތައް ބާއްވައި އޮފީހަށް ނުކުތުމަށް މަޖުބޫރުކުރުން ފަދަ ކަންކަން ކުރާ ކަމަށް ވިދާޅުވިއެވެ. އަދި ވަޒީފާގެ ކުރިއެރުން ދިނުމުގައި އެފަދަ ކަންކަމަށް ބަލާ ކަމަށް ވިދާޅުވިއެވެ.

"ވިހައިގެން ނަގާ ޗުއްޓީއަކީ ކިޔަވައިގެން ތިބި ހުނަރުވެރި އަންހެނުންނަށް ވަޒީފާގެ ކުރިއެރުން ލިބުމަށް ހުރަހަކަށް ވެގެން ނުވާނެ،" ފަސްޓް ލޭޑީ ވިދާޅުވިއެވެ.

މީގެ އިތުރުން ފަސްޓް ލޭޑީ ފަޒްނާ ވިދާޅުވީ، އަންހެނުން ބޭނުންވަނީ އަންހެންވަންތަކަންމަތީ ތިބެ ވަޒީފާ އަދާކުރުމާއި ނިންމުންތަކުގައި ބަސްބުނެވޭނެ ގޮތްވުމާއި އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ ގޮތް ވުން ކަމަށެވެ.

ވިހެއުމާ ގުޅިގެން އަންހެން މީހާއަށް ހަ މަހުގެ ޗުއްޓީއެއް އަދި ފިރިމީހާއަށް އެއް މަހުގެ ޗުއްޓީއެއް ދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެ ވައުދު މިހާރު އަންނަނީ ތަންފީޒުކުރަމުންނެވެ.