މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހިޔާނާތުގެ މައްސަލައާ ގުޅިގެން ރިޝްވަތު ދިނުމުގެ ދައުވާ އާއި މަނީލޯންޑަރިންގެ ދައުވާ އުފުލާފައިވާ އެމްޓީސީސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ އޭނާގެ ބިމެއް 20 މިލިއަން ރުފިޔާއަށް އައިމާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ވިއްކާލައިފިއެވެ.
ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމެއްގައި ބުނީ، ކްރިކް ރިޒާގެ ނަމުގައި ހުޅުމާލޭގައި ރަޖިސްޓްރީކޮށްފައިވާ 2،413.38 އަކަފޫޓުގެ އަމިއްލަ ގޯއްޗާއި އެ ގޯތީގައިވާ ނުއުފުލޭ މުދާ 20 މިލިއަން ރުފިޔާއަށް ގ. އައިމާ، އިބްރާހީމް އަބްދުލްއަޒީޒު ގަތުމަށް އެދުމުން މިދިޔަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު އެ މައްސަލަ އެ ކޯޓުން ބަލަން ފަށާފައިވާ ކަމަށެވެ.
ހުކުމުގައި ބުނީ ކްރިކް ރިޒާ އާއި އިބްރާހީމް އަބްދުލްއަޒީޒު ހުޅުމާލޭގައި ރަޖިސްޓްރީކޮށްފައިވާ ކްރިޒް ރިޒާގެ ގޯތި ގަތުމަށް އެ ދެ ފަރާތުން އެއްބަަސްވެ ވިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއްބަސްވުމާ އެއްގޮތަށް އެ ގޯއްޗާއި އެގޯތީގައި ހުރި ނުއުފުލޭ މުދާގެ އަގު ކަމަށްވާ 20 މިލިއަން ރުފިޔާ، އިބްރާހީމް އަބްދުއްއަޒީޒު ދައްކާފައިވުމުން އިބްރާހީމް އަބްދުލްއަޒީޒަކީ އެ ގޯތީގެ ވެރިފަރާތް ކަމުގައި ކަނޑައަޅައިދިނުމަށް ކްރިކް ރިޒާ ސިވިލް ކޯޓުގައި އެދިފައިވާ ކަމަށެވެ.
އެ މައްސަލައިގައި ދެ ފަރާތުން ދެއްކި ވާހަކަ އާއި ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ޝަރީއަތުން ބިން ވިއްކުމުގެ އެ މުއާމަލާތް އަގުދުކޮށް ދެވިދާނެތޯ ސިވިލް ކޯޓުން ވަނީ ބަލައިފައެވެ.
އެގޮތުން ބަލާފައިވަނީ ގޯތި ވިއްކުމުގައި ގާނޫނުގައި ލާޒިމުކޮށްފައިވާ ޝަރުތުތައް ފުރިހަމަވޭތޯއެވެ. އެ ޝަރުތުތަކަކީ، ދެ ފަރާތުގެ ނުވަތަ ވިއްކާ ފަރާތެއްގެ މިލްކުގައި އޮތް ބިމެއް ކަމުގައިވުމާއި، ވިއްކުމުގެ މުއާމަލާތް ޝަރީއަތް މެދުވެރިކޮށް ހިންގުމާއި، ގޯތި ގަންނަ ފަރާތަކީ ދިވެހި ރައްޔިތެއްކަމުގައި ވުމެވެ. ނުވަތަ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއްގެ 100 ޕަސަންޓު ހިއްސާދާރުންނަކީ ދިވެހިން ކަމުގައި ހިމެނޭ ކުންފުންޏަކަށްވުމެވެ.
ގޯތި ވިއްކާ ފަރާތުގެ ދަރަންޏެއް ނެތުމާއި ގޯތި ވިއްކާ ފަރާތުގެ 18 އަހަރުގެ ދަށުން ކުދިން ތިބޭނަމަ އެކުދިން ދިރިއުޅޭނެ ތަނެއް ހަމަޖެހިފައިވުން ވެސް ގާނޫނުގައި ބުނާ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ވިއްކާ ގޯއްޗަކީ ރަހުނު ކުރެވިފައިނުވާ ގޯއްޗަކަށް ވުމާއި ނުވަތަ ރަހުނު ހިފި ފަރާތުން ގޯތި ވިއްކުމަށް އެއްބަސްވެފައިވާކަމުގެ ލިޔުމެއް އަދި ގޯތި ވިއްކާ އަގު، ވިއްކާ ފަރާތަށް ދީ ހަލާސްކޮށްފައިވާ ލިޔުމަކީ ވެސް ގާނޫނުން ބަލާ ކަންކަމެވެ.
އެ ހުރިހާ ކަމަކަށް ބެލުމަށްފަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނީ، ގާނޫނުގައި ބުނާ ހުރިހާ ޝަރުތުތަކެއް ކްރިކް ރިޒާ އާއި އިބްރާހީމް އަބްދުލްއަޒީޒުގެ ފަރާތުން ފުރިހަމަވާތީ، ކުރިން ކްރިކް ރިޒާގެ ނަމުގައި އޮތް އެ ގޯއްޗަކީ މިހާރު އިބްރާހީމް އަބްދުލްއަޒީޒަށް މިލްކުވެފައިވާ ބިމެއް ކަމަށެވެ.
ޚަބަރު
ޚަބަރު