ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އިސްކޮށް ހުންނަވައި، އޭނާގެ ކުންފުނި ކިންގްސް ކެޕިޓަލް ހޯލްޑިން އިން ހިންގާ "ކިންގްސް ފޮރެކްސް ޓްރޭޑިން" އިންވެސްޓްމަންޓް ފަންޑުގެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ފަށައިފިއެވެ.
ފުލުހުންގެ އިދާރާއިން މިއަދު ބުނީ، ރާއްޖޭގައި އަމިއްލަ ކުންފުންޏަކުން ގިނަ އަދަދެއްގެ ރައްޔިތުންގެ މާލީ މަސްލަހަތަށް ބުރޫއަރާ ގޮތަށް ޕޮންޒީ ސްކީމަކާ އެއްގޮތްވާގޮތަށް މުއާމަލާތުތަކެއް ހިންގަމުންދާ ކަމަށް ކަމާބެހޭ އިދާރާތަކުން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި އެކަމާ ގުޅިގެން ފުލުހުން ބެލިބެލުމުން، ޖިނާއީ ތަހުގީގެއް ކުރިއަށްގެންދަން ޖެހޭ ފަދަ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ވަނީ، އާންމު ރައްޔިތުން ތަފާތު މިއުޗުއަލް ފަންޑްސް އާއި، ސްކީމްތަކުގައި އިންވެސްޓުކުރުމުގައި، މިބާވަތުގެ ކަންކަމާ ގުޅޭ ފަންނީ މައުލޫމާތާއި މާކެޓް ރިސްކުތަކަށް ފަރުވާތެރިވުމަށް އެދިފައެވެ. އަދި ކަމާބެހޭ ގާނޫނީ އޮނިގަނޑުތަކާ އެއްގޮތަށް ރަޖިސްޓްރީކުރެވި ލައިސަންސް ނުވަތަ އެކަށީގެންވާ ހުއްދަ އޮންނަ އިތުބާރުކުރެވޭ ފަރާތްތަކުގައި ނޫނީ ފައިސާ އިންވެސްޓު ނުކުރުމަށްވެސް އެދިފައެވެ
"ކިންގްސް ކެޕިޓަލް ހޯލްޑިން" އަކީ އަލްހާންގެ ހިއްސާ އޮންނަ އަދި އޭނާ މެނޭޖިން ޑިރެކްޓަރަކަށް ހުންނަވާ ކުންފުންޏެކެވެ. އަދި އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި އަލްހާންގެ އިތުރުން އޭނާގެ ކޮއްކޮ އަދި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ރައީސް ޝަހުބާން ފަހުމީވެސް ހިމެނިވަޑައިގަންނަވައެވެ.
އަލްހާން ހިންގަވަނީ ޕޮންޒީ ސްކީމެއްކަން އާންމުންގެ ސަމާލުކަމަށް ފުރަތަމަ ގެނެސްފައިވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭ އިންނެވެ. އެއަށްފަހު ބީއެމްއެލުން ވަނީ އެކުންފުނީގެ އެކައުންޓުވެސް ފްރީޒުކޮށްފައެވެ.
ކިންގްސްގެ ފަރާތުން މިމަހުގެ 15 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލްހާން ވަނީ "ކިންގްސް ފޮރެކްސް ޓްރޭޑިން" އިން ހިންގާ އިންވެސްޓްމަންޓް ފަންޑަކީ ޕޮންޒީ ސްކީމެއް ނޫން ކަމަށާއި އެފަދަ ކަންކަން ހިންގަނީ ރާއްޖޭގެ މާލީ އިދާރާތަކުން ކަމަށް ވިދާޅުވެ ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފައެވެ.
އަލްހާން ވިދާޅުވީ އެ ކުންފުނިން ހިންގަނީ ޕޮންޒީ ސްކީމެއް ނޫން ކަމަށާއި އެކުންފުނިން ކުރާ ކަމަކީ ފޮރެކްސް ޓްރޭޑް ކުރުން ކަމަށެވެ. އަދި އެކަމުގައި ހިއްސާވާން ޝައުގުވެރިވާ ފަރާތްތަކުގެ އަތުން ނެގޭ ފައިސާ އިންޖެކްޓްކުރަނީ ކިންގްސް ކެޕިޓަލް އިން ޓްރޭޑް ކުރަން ބޭނުންކުރާ ކެޕިޓަލްގެ ތެރެއަށް ކަމަށާއި އެއަށްފަހު ޓްރޭޑް ކޮށްގެން ލިބޭ ފައިދާއިން އިންވެސްޓް ކުރި ފަރާތަށް ފައިދާ ދެނީ ކަމަށް އަލްހާން ވިދާޅުވިއެވެ.
އެ ކުންފުނީގެ އެކައުންޓުތައް ފްރީޒްކުރި މައްސަލައިގައި ގެއްލުމުގެ ބަދަލު ހޯދުމަށް ކޯޓަށް ދާނެ ކަމަށް ވެސް އަލްހާން ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު