މާލޭގައި ރޭ ހިންގި ހާއްސަ އޮޕަރޭޝަންގައި 17 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ރޭ ހިންގި އެ އޮޕަރޭޝަންގައި މަސްތުވާތަކެތި ފެނިފައިވަނީ ސޯސަން މަގު މެކްސްކޮމް ކޮމްޕިއުޓާސް ކައިރިން ދިޔަ ޕިކަޕެއް ހުއްޓުވައި ބަލައި ފާސްކުރި ކުރުމުގައެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެ ޕިކަޕު ތެރޭގައި ހުރި ފަސް ފޮށިގަނޑު ކަނޑައި އޭގެ ތެރެއިން މަސްތުވާތަކެތި އަޅާފައި ހުރި ބޮޑު 14 ރަބަރު ޕެކެޓު ފުލުހުން ހޯދިއެވެ. އަދި މަސްތުވާތަކެއްޗާ އެކު ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަންވެސް އެނގިފައިވެއެވެ.
އޮޕަރޭޝަންގެ މައުލޫމާތު ހާމަކުރަމުން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރޭ ހިންގި އޮޕަރޭޝަނަކީ ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދިން މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އަދި އެ އޮޕަރޭޝަންގައި 17 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، ދެ ދިވެހިންނާއި ބަންގްލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
ނަމަވެސް އަތުލައިގަތީ ކޮން ކަހަލަ މަސްތުވާތަކެއްޗެއް ކަމެއް އަދި ހައްޔަރުކުރި މީހުންގެ ވަނަވަރެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. އެ މައުލޫމާތަކީ ފުލުހުން އާންމުކޮށް، އާންމުކުރާ މައުލޫމާތެކެވެ.
ފުލުހުން ވަނީ މިމަހުގެ 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައިވެސް 12.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، ތިން މީހަކު ހައްޔަރުކޮށްފައެވެ. އެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގައި އިސްކޮށް ހުރީ ދިވެއްސަކާ އިނދެގެން ރާއްޖޭގައި ދިރިއުޅޭ އިންޑިއާ މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު