މިދިޔަ ހަފުތާގައި ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު ނެޓްބޯޅަ ކުޅުންތެރިޔާ ހޮވުމަށް ދިން އެވޯޑަށް ކްލަބު ގްރީން ސްޓްރީޓްސްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގައުމީ ކުޅިވަރުތަކާއި ކުޅިވަރާ ގުޅުން ހުރި ދާއިރާތަކުން އެކިއެކި ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ޔޫތު މިނިސްޓްރީން އިސް ނަގައިގެން ދުވާ ޓްރެކްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށްގެންދިޔަ ހާއްސަ ކުޅިވަރު އެވޯޑު ހަފުލާގައި ރާއްޖޭގެ އެކިއެކި ކުޅިވަރުތަކުގެ އެންމެ މޮޅެތި އެތުލީޓުންނަށް ވަނީ އެވޯޑު ދީފައެވެ. އެވޯޑު ހަފުލާގައި ދުނިޔޭ ފެންވަރުގެ އެތުލީޓުންވެސް ބައިވެރިވެފައިވާ އިރު، ކުޅިވަރަށް ހިދުމަތްކުރި ގިނަ ބަޔަކަށްވެސް އެވޯޑު ދީފައިވެއެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑުގައި އެންމެ މޮޅު ނެޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އައިމިނަތު ރަބާބް އިބްރާހީމެވެ. އެވޯޑުގެ ފަނޑިޔާރުންގެ ޕެނަލުން އެވޯޑަށް ދެން ނޮމިނޭޓް ކޮށްފައިވާ އެތުލީޓުންނަކީ މަރިޔަމް ޝިނާތުގެ އިތުރުން ހަމްނާ އަބްދުލް ރަހުމާނެވެ.

އެ ނޮމިނޭޝަނާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް ގްރީން ސްޓްރީޓްސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެވޯޑު ލިބުނު ހުރިހާ އެތުލީޓުންނަށް މަރުހަބާ ކިޔާ ކަމަށާއި، އެވޯޑު ލިބުނު އެތުލީޓުން އެކަން ހާސިލުކުރަން ކުރި ބުރަ މަސައްކަތް ފާހަގަކުރާ ކަމަށެވެ. އެހެން ނަމަވެސް ޔޫތު މިނިސްޓްރީން އެވޯޑަށް ކުޅުންތެރިން ނޮމިނޭޓް ކޮށްފައިވާ އިރު، ކްލަބުން ކަންބޮޑުވާ ބައެއް ކަންކަން ހުރި ކަމަށް ގްރީނުން ބުނެފައިވެއެވެ.

"މި ކްލަބު ތަމްސީލުކުރި ބައެއް ކުޅުންތެރިން ނޮމިނޭޝަނުން އުނިވެފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަން. އެ ކުޅުންތެރިން ނޮމިނޭޝަނަށް ކޮންސިޑާ ނުކުރެވި އޮތް ސަބަބެއް ކަމަށް ބެލެވިފައިވަނީ 2019 ވަނަ އަހަރު އޮތް ގައުމީ ފެންވަރުގެ މުބާރާތެއް ގެއްލޭތީ. އެކަމަކު އެ ކުޅުންތެރިންނަށް ގައުމީ ފެންވަރުގެ މުބާރާތުގައި ނުކުޅެވުނީ ގައުމުން ބޭރުގައި އޮތް މުބާރާތެއްގައި މި ކްލަބު ތަމްސީލުކުރަމުން ދަނިކޮށް. އެ މުބާރާތް ގެއްލުނު ނަމަވެސް މި ކްލަބުގެ ކުޅުންތެރިން ވަނީ ނެޓްބޯޅައިގެ ނޮމިނޭޝަނެއް ލިބޭ ވަރަށް ކާމިޔާބީތައް ހާސިލުކޮށްފައި،" ގްރީންގެ ބަޔާނުގައިވެއެވެ.

ގްރީނުން ވަނީ ނޮމިނޭޝަންތައް ހޮވުމުގައި ގެންގުޅުނު އުސޫލާ މެދު ސުވާލު އުފައްދައިފައެވެ. އެ ކްލަބުން ބުނެފައިވަނީ ކުޅުންތެރިން އެސެސް ކުރުމުގައި މިހާރަށްވުރެ ބޮޑަށް އިންސާފުވެރިވާނެ އުސޫލެއް ކަނޑައަޅަން ޖެހޭ ކަމަށާއި، ކުޅުންތެރިންނަށް ބޭއިންސާފެއްވެފައިވާކަން ކުޑަކޮށްވެސް އެނގެން އޮތް ނަމަ އެކަން ބަލައި ފިޔަވަޅު އަޅައިދޭން އެދޭ ކަމަށެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ފަނޑިޔާރުންނަކީ ނެޓްބޯޅަ އެސޯސިއޭޝަންގެ ކުރީގެ ޖީއެސް އާމިނަތު ނާޝިދާ، 20 އަހަރު ވަންދެން ފީފާ ރެފްރީއެއްގެ ގޮތުގައި މަސައްކަތް ކުރި އަލީ ސަލީމް، ޓީޓީ އެސޯސިއޭޝަންގެ ކުރީގެ ޖީއެސް އިސްމާއީލް ސުޖާއު، އޭއެފްސީ އަދި ފީފާގެ މެޗް ކޮމިޝަނަރު އަހުމަދު ޝަހީރުގެ އިތުރުން ކުރީގެ ބާސްކެޓް ބޯޅަ ކުޅުންތެރިޔާ އަބްދުލް ނާފިއު ތައުފީގެވެ.

ގްރީނުން ނެރުނު ބަޔާނުގައިވާ ވާހަކަތައް ކްލަބު ތަމްސީލުކުރި ބައެއް ކުޅުންތެރިންގެ މީސްމީޑިއާ ޕޯސްޓްތަކުންވެސް ފެނިފައިވެއެވެ. އެގޮތުން ބައެއް ކުޅުންތެރިން ވަނީ ގްރީނަށް ކުޅުނު ކުޅުންތެރިންގެ ކާމިޔާބީތައް ހިމެނޭހެންވެސް މައުލޫމާތު ހިއްސާކޮށްފައެވެ. ކްލަބު ގްރީން ސްޓްރީޓްސްއަކީ މިހާރުވެސް ގައުމީ އަންހެން ނެޓްބޯޅަ ޗެމްޕިއަން ޓީމެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ ކުޅިވަރު ތާރީހުގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އިވެންޓެވެ. އިވެންޓުގައި ޓީޓީ ތަރި ޒޯރާން ޕްރިމޯރަކްއާއި ސްރީލަންކާގެ ކްރިކެޓް ލެޖެންޑު ސަނަތު ޖަޔަސޫރިޔާއާއި އިންޑިއާގެ ކްރިކެޓް ލެޖެންޑް ސުރޭޝް ރައިނާއާއި ބްރެޒިލްގެ ފުޓްބޯޅަ ތަރި ރޮބާޓޯ ކާލޯސް، ނެދަލެންޑްސްގެ ކުރީގެ ފުޓްބޯޅަ ތަރި އެޑްގާ ޑާވިޑްސް އަދި ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް މިކޭލް ސަލްގާޑޯއެކު އިނގިރޭސިވިލާތަށް އުފަން، ވީލްޗެއާ ޓެނިސް ތަރި ލޫސީ ސުކާ ވެސް ބައިވެރިވެފައިވެއެވެ. އޭގެ އިތުރުން ހަފުލާގައި ވޮލީ ލެޖެންޑް ގިލްބާޓޯ ގޮޑޯއި (ގީބާ)، ސެނެގާލް ގައުމީ ޓީމު އަދި ޕީއެސްޖީގެ ކުރީގެ ފުޓްބޯޅަ ތަރި ހަލީލޫ ފަޑީގާ އަދި މަޝްހޫރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމޭރޯ ވެސް ވަނީ ބައިވެރިވެފައެވެ.