(9 މާޗުގެ އަދަދާ ގުޅޭ)
މުޅި ދުނިޔެގެ ހިނގުން ހަމައެންމެ ހިނދުކޮޅަކަށް ނަމަވެސް ހުއްޓޭނެނަމައެވެ. އޭރުން އޭނާ ހުރިހާ ކަމެއް ހަނދާން ނައްތާލާފައި ޝައުފާގެ ނޭވާ ހުއްޓުނަ ނުދީ ހިފަހައްޓާނެއެވެ.
އުނހު އެހެނެއް ނޫނެވެ. ކައުނުގެ ހިނގުން އައިކޮޅަށް އަނބުރާ ގެންދެވޭނެނަމައެވެ. އޭރުން މިވޭން އިތުރަށް އުފުލަން ޖެހުނު ހުރިހާ ކަމެއް އޭނާ ޝައުފާގެ ހަޔާތުން ދުރުކުރާނެއެވެ.
މޮޔަހިޔާލެވެ. ތާކުންތާކުނުޖެހޭ މޮޔަ ވިސްނުންތަކެވެ. އެއީ އެއްފަހަރާ އޭނާގެ ސިކުނޑިއަށް އަރައި ފައިބަމުން ދިޔަ ހިޔާލުތަކެވެ. އެކަމަކު އެއީ ހައްތާވެސް އެއްވެސް ގޮތަކަށް ވުން އެކަށީގެން ނުވާ ކަންތައްތަކުގެ ހިޔާލުތަކެވެ.
"ލާއި..ލާހަ...އިއްލަﷲ....މުޙައްމަދައްރަސޫލުﷲ.."
އެއީ އޭނާއަށް ހީވި ގޮތެއް ނޫނެވެ. އެކަމަކު ޔަގީނުންވެސް ޝައުފާގެ ތެޅިލި ތުންފަތުން ނުކުތް އާހުގައިވާ އަޑަކީ ޝަހާދަތުގެ ދެކަލިމައެވެ.
އެހިނދުކޮޅުގެ ވާހަކަ ގަލަމަކުން ބަޔާންކުރާކަށް ފަސޭހައެއް ނޫނެވެ. ހީވީ ވަށައިގެންވާ ހުރިހާ ދިމާއެއްގައި އެއްވެސް މަންޒަރެއް ނެތި ހުސް ކުލައަކަށް ބަދަލުވެގެން ދިޔަހެނެވެ. ހުރިހާ ތަނެއްގައި އަލިކަމެއް ފެތުރިގެންދިޔަހެނެވެ. އެއަލިކަމުގެ ތެރޭގައި އައި ސިފަ ނުކުރެވޭ ވިދުވަރެއް ޝައުފާގެ ގައިގެ ތެރެއަށް ހިނދުނީ ކަހަލައެވެ. އަދިދެން ހަމަ އެހިނދުކޮޅުގެ ތެރޭގައި އެ ވިދުވަރު ޝައުފާގެ އެތެރެހަށިން ނުކުމެގެން ވަށައިގެން ފެތުރުނު އަލިކަމާއެކު އަރައިގެން ދިޔަނުދިޔަ ދިމާއެއް ނޭނގި ގެއްލުނީ ކަހަލައެވެ.
ޝާމިންގެ އަތުގެ ތެރޭގައި އޮތް ޝައުފާގެ ހަށިގަނޑުގެ ހަރަކާތް ހުއްޓިއްޖެއެވެ. އެކުއެކީގައި ވިންދުޖަހަމުން ދިޔަ ދެހިތުގެ އަޑު އެއްވެ އެއްވިންދަކަށް ބަދަލުވެގެން ދިޔަ ކަހަލައެވެ. ޝާމިންގެ އިނގިލިތަކުކގެ ތެރޭގައި މެހިފައިވާ ޝައުފާގެ އިނގިލިތަކުގެ ބާރުކެނޑިގެން ދިޔަ ކަމުގެ އިހުސާސްވީދެނެވެ. ޝާމިންގެ ހަވަނަހިއްސު އޭނާގެ ނަފުސު ތަޅުވައިގަތްކަހަލައެވެ. އެތެރެހަށިން ބާރުބާރަށް އަޑުން އަޑުނަގާ ހަޅޭލަވައިގަތް ކަހަލައެވެ.
އިންސާނުންނަކީ ކިހާވަރަކަށް ބާރެއް ނެތް ނިކަމެތިބައެއް ހެއްޔެވެ. އެކަމަކު ގަދަކަންމަތީގައި އެންމެ ބާރު ދައްކައިގެން އުޅޭއިރު ތިމާވަރެއް ނެތި އުޅެފާނެއެވެ. އާހިރުގައި އެންމެ ފަހު ވަގުތުގައި ކަންތައްވެ ނިމިގެން ދަނީ ތިމާގެ އެއްެވެސް ވަރެއް ނެތްކަން އަމިއްލައަށް އިހުސާސްވެ ނުކުޅެދޭހާލުގައި ބިކަވެގެންނެވެ. ބައެއް ފަހަރުގައި މިއިން އެއްވެސް ކަމެއް ނެތި ނުހަނު ހަމަހިމޭނުން ދުނިޔޭގެ ގާނޫނަށް ބޯލަބާ މީހާއަށް ކުރިމަތިލާން ޖެހޭ ހިތްދަތިކަން މާބޮޑުވެފައިވާތަން ފެނޭމެއެވެ. އޭގައި އޭނާއަށް ވެސްވަކި ކުރެވޭނެ އެއްވެސް ކަމެއްް ނޯވެއެވެ.
މުޅި ހަޔާތުގައިވެސް ޝާމިނަށް ލޯބިވާ މީހުންނާއެކު ހޭދަކުރަން ލިބެމުން އައީ ކުޑަ ދުވަސްކޮޅެއްގެ ވަގުތުކޮޅެކެވެ. އޭނާގެ ޅައުމުރުން ފެށިގެން މިއަދާ ހަމައަށް ފެންނަ އެންމެ ބޮޑު ހަގީގަތަކީވެސް އެއީއެވެ. އެކަމަކަށް ނުފިލޭ ކަމަކީވެސް އެއީއެވެ. އަދި އެކަމެއްގެ ޝަކުވާ ކުރެވެން ނެތް ކަމަކަށް ވެފައިވާ ވަކިވާން ޖެހުން މިފަހަރުވެސް އޭނާގެ މުޅި އުމުރުގެ ހުރިހާ އުފަލެއް ފޭރިގެންފިއެވެ.
"ކަމަނާ...ކަނބުލޯ...."
ޝާމިންގެ ދުލުން އޭނާ ގޮވިކަން ޔަގީނެވެ. އެކަމަކު އެކަމަނާއަށް، އެކަނބުލޮައަށް އެއަޑު އިވޭނެހެއްޔެވެ. އެއަޑު އިވޭ ވަރަށްވުރެ ދުރަށް ޝައުފާގެ ފުރާނަ ދަތުރުކޮށްފިކަން އޭނާ ހަމަ ގަބޫލު ކުރަންވީހެއްޔެވެ. އޭނާގެ ކައުޘަރު އޭނާއާ ވަކިވެގެން ދިޔައީހެއްޔެވެ.
"އޭހ...ޝާމިން...މަނިކުފާނަށް ރޮވެނީނު..."
ޝާމިނަށް އެއަޑު އިވުނެވެ. އެކަމަކު އެހެން އެއްވެސް މީހަކަށް އެއަޑެެއް ނީވޭނެއެވެ. އެކަން އޭނާ ގަބޫލު ކުރަންވީހެއްޔެވެ.
ހަމަަހިމޭންވެފައިވާ ޝައުފާގެ ފިނިވަމުންދާ ހަށިގަނޑު ވަރަށް މަޑުމަޑުން އެހާމެ އޯގާތެރި ކަމާއެކު އަތުން އުފުލާލާފައި ގަޔާ ދުރުކޮށްލިވަގުތު ޝާމިނަށް ހީވީ އޭނާގެ އެތެރެހަށިން ހުދު އޭނާާގެ ފުރާނަވެސް ދަމައިގަނެގެންދިޔަހެނެވެ. އޭނާގެ ކަރުނަހިކިފައިވާ އެސްފިޔަތައް އުފުލާލާފައި ޝައުފާގެ ހުއްޓިފައިވާ ކަޅިއާއި އޭނާގެ ކަޅި ހަމަކޮށްލިވަގުތު އޭނާއަށް އެދެލޮލުން ދިރުން އަދިވެސް ފެންނަހެން ހީވީ ކީއްވެގެންބާވައެވެ. ހިންދިރުވަމުން ގޮސް ވަރުބަލިވޭވޭ ހުރި ޝާމިން ޝައުފާގެ އަލިނޫރު ކެނޑިފައިވާ ކަޅިއަށް އެސްފިޔަތަކުގެ ހިޔާ އެޅުމަށް އެދެލޯމަތީގައި އަތްއަޅާލިއެވެ. ހިނިތުންވަމުންނެވެ. އޭނާގެ ކައުޘަރު އެދުނު ގޮތަށް ހިނިތުންވަމުންނެވެ.
"ޝާމިން...އަހަންނަށްޓަކައި ރޮއިގެންނުވާނެ...ނުރޮއްޗޭ...ބަލާބަލަ...ރޮއިފިއްޔާ މަށަކަށް ޝާމިންގެ ލޮލުން އެއްވެސް އެހެން ތަނެއް ނުފެންނާނެއެއްނު...."
އެކަމަކުވެސް ޝާމިންގެ އެސްފިޔަތައް ތެމެނީއެވެ. އޭނާއަށް ޝައުފާއާ ނުލައި އުމުރުގެ ބާކީބައި ހޭދަކުރަން ޖެހޭނެކަމުގެ އިހުސާސަކަށް ހިތްވަރެއް ނުކުރެވުނެވެ. އެއީ އެޝައުފާއެވެ. އޭނާގެ އަނދިރި ދުނިޔޭގައި ބައްތި ދިއްލި ޝައުފާއެވެ. އޭނާގެ ދުނިޔެ ޒީނަތުން ފުރާލަދިން ޝައުފާއެވެ. އޭނާގެ އެންމެ ގާތް އެެކުވެރިޔާއެެވެ. ހުރިހާ ވާހަަކައެއް ހިއްސާ ކުރެވޭ އޭނާގެ ހަޔާތުގެ ހުރިހާ ސިއްރެއް ޖެހިލުމެއް ނެތި ބުނެދެވޭ އެއްވެސް ޝަރުތަކާ ނުލާ އޭނާދެކެ އިންތިހާއަށް ލޯބިވާ އޭނާގެ ހުރިހާ ކަމަކަށް ވަކިވަކިން ސަމާލުވާ އޭނާގެ އެއްވެސް ކަމެއްގައި ފަހަރެއްގައިވެސް ފަހަތަަށް ނުޖެހޭ....މިހެން ގޮސް މިވެނި ކަމެއް ނެތޭ، އެވެނިކަމެއް މަދޭ ބުނެވޭނޭ އެއްވެސް ކަމެއް ނެތް އޭނާގެ އަނބިމީހާއެވެ. ނަމަކަށް މަގާމަކަށް ބަލައިފިނަމަ އަނބިމީހާއެވެ. އެކަމަކު އޯގާތެރިވުމާއި ހިދުމަތާއި ކަަމޭހިތުމާއި އިހުތިރާމަށް ބަލައިފިނަަމަ އޭނާގެ މުޅި ދުނިޔެއެވެ.
"ކަމަނާދެކެ ލޯބިވޭ....ވަރަށް...ބޮޑަށް...ލޯބިވާނަންމެ..."
މަޑުމަޑުން މަލެއްގެ ފިޔައެއްގައި ތުންފަތް ޖައްސާލިހާ މަޑުމަޑުން ޝާމިން ޝައުފާގެ ހަށަމަށް އެރުވުނު އަތްމަތީ އަތް ބާއްވާލުމަށްފަހު އެހާމެ މަޑުމަޑުން އަދި ނުހަނު އަދަބުވެރިކަމާއި ލޯތްބާއެކު ޝައުފާގެ ހިކިފައިވާ ތުންފަތުގައި ބޮސްދިނެވެ. އެވަގުތު އޭނާގެ އެސްފިޔަތައް ފޫދިގެން ވެއްޓުނު ކަރުނަތިކި ޝައުފާގެ އެސްފިޔަތަކުގައި ހަރުލައިފިއެވެ.
ޑޮކްޓަރުންނާއި ނަރުހުންގެ އަވަސް ފިޔަވަޅުތައް ދޮރާ ހަމައިން ހުއްޓިއްޖެއެވެ. ދިމާކުރިމަތިން އެފެނުނު މަންޒަރު ޒިމްނާއަށް ފެނުނީ އެވަގުތެވެ. ޒިމްނާއަށް ހީވީ އޭނާގެ ކަކުލުން ބާރުދޫވެގެން ދިޔައީހެނެވެ. ޝާމިންގެ ދެއަތުން ޝައުފާގެ ގައިމަތީގައި ހުދުފޮތިގަނޑު އަޅާ މަންޒަރު އޭނާއަށް ގެނބިގެންދާކަމުގެ އިހުސާސެއް ކުރުވިއެވެ. އޭނާގެ ރަހްމަތްތެރިޔާގެ ގަޑިޖެހިގެން ދިޔައީހެއްޔެވެ، އެކަމަކު އޭނާގެ ލޮބުވެތި ރަހުމަތްތެރިޔާގެ ކުުށަކީފަހެ ކޮބައިހެއްޔެވެ!
ޝައުފާގެ ހަށިގަނޑު ޑޮކްޓަރުންގެ މަރުސާބިތަށް ދޫކޮށްލަން ޖެހުނު ކުޑަކުޑަ ވަގުތުކޮޅު ތެރޭގައި ގެއިން އައިސްފައި ތިބި އާއިލާ މީހުންނާއި ދިމާއަށް ޝާމިނަށް ދެވުނީ ކިރިޔާއެވެ. ފުންމައިގެން އައި ފިޔޮއް ކުކުޅެއްހެން އެދެމެދަށް ވަދެގަތީ ޒިމްނާއެވެ. ޝާމިނާއި ޝަކީލާއާ ދެެމެދުގެ ހުއްޓުނު ޒިމްނާގެ ލޮލުން އަިލފާންކަނި ބުރަމުންދާ ކަހަލައެވެ.
"އޭތް...ކަލޭ މިނިސްޓަރަކަށްވެ އެމްބެސެޑާ އަކަށްވެ އަނެއްކަމެއްވެ ބޮޑޭކޮށް އުޅުމަކާ މަގޭ ޝައުފާއެއް ނުބެހޭ.....ކަލޭގެ ފިރިމީހާއަށް ކަޅިއެއް ނާޅާ...ކަލޭގެ ދިރިއުޅުމަކާ ނުބެހޭ...ދެން ކޮންކަމެއް ނުވެގެން ކަލޭ އޭނާ މަރާލީ...؟" ޒިމްނާ ޝަކީލާއާ މޫނާ މޫނު ޖެހޭހާ ގާތްވެލާފައި ފާޑަކަށް ހަޅޭއްލަވައިގަތެވެ.
ޒިމްނާގެ ގައިގައި ހިފަހައްޓަން ދިއްކޮށްލި ޝިޔާމާގެ އަތް ފޮޅުވާލާފައި ޒިމްނާ އެނބުރިލީ ޝާމިނާ ދިމާއަށެވެ. މިވަނީކިހިނެއްކަން ނޭނގި ދެންމެ ޖެހުނު ޝޮކުން ނާދެވެނީސް މިދިމާވީ ކީއްކަން ވިސްނާނުލެވި ހުރި ޝާމިންގެ ދިރުމެއް ނެތް މޫނަށް ބަލާލުމަށްފަހު ޒިމްނާ ރޮވިފައި ހުރެ ވާޙަކަ ދައްކަން ފެށިއެވެ.
"ޝާމިނުއަށް އެނގޭތަ....މީނާ އަހަރެމެންގެ ޝައުފާ މަރާލީ...އެއީ ގުދުރަތީ މަރެއް ނޫން."
ޒިމްނާ މިކިޔަނީ އަނެއްކާ ކޯޗެކޭހެއްޔެވެ. އެންމެ ގާތް ރަހުމަތްތެރިޔާގެ އެވަކިވުން ޒިމްނާއަށް ތަހައްމަލު ނުކުރެވުނީބާވައެވެ. ހަގީގަތުގައި ޝާމިންގެ ގައިގައި އަމިއްލަ ހަށިގަނޑު ކޮޅަށް ނަގާނެ ބާރުވެސް ހުރި ހަމަ ކިރިޔަކިރިޔާއެވެ. މިހާލުގައި ހުއްޓާ ޒިމްނާ އެކިޔަން ފެށި ވާހަކައަުން ޝާމިނަށް އިތުރު ބުރައެއް އުފުލަން ޖެހުނީއެވެ. އަމުދުން ދޮންދައްތަ އާއި ބެޙޭ ގޮތުން އެފަދަ ވާހަކައެއް އަޑު އެހުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ.
ހަޔާތުގެ ހިސާބުތަކުގަކި ދޮންދައްތައާ މައްސަލަތަކެއް ނުޖެހެއެކޭ ނޫނެވެ. އެކަމަކު ދޮންދައްތަ، ޝައުފާގެ އެއްވެސް މައްސަލައެއްގައި ބަހެއް ބުނެ މައްސަލަ ޖެހުނު ހަނދާނެއް ޝާމިން ނުވެއެވެ. އެހެންނޫނަަސް މިވަގުތުއެހެން ކަންކަމަށް އޭނާގެ ސިކުނޑި މަސައްކަތް ކުރާނީވެސް ކިހިނެއް ކޮން ގޮތަކަށް ހެއްޔެވެ. ދާދި ދެންމެއަކު އޭނާގެ އަތުގެ ތެރެއަށް ދެމިގެންދިޔަ ޝައުފާގެ ފުރާނަނެތް މަސްގަނޑުގެ ބުރަދަން އަދިވެސް އޭނާގެ ކޮނޑަށް ނެގޭހެން ހީވާކަހަލައެވެ. އޭނާގެ ސިކުނޑިއަކު ހިތަކު އެއްވެސް ވަރެއް ނެތެވެ. ކޮޅަށް އެހެރީ ހަމައެންމެ ބާރެއްގައެވެ. ޝައުފާ އޭނާގެ އަތުގައި ހިފާ ކުރުވި ވައުދުގެ ބާރުގައެވެ. އެހުވާ ނުކުރުވިނަމަ މިހާރު އޭނާ އެތަނުން ހުދު ފޮތިއެޅި އެނދެއްގައި އޮންނަން ޖެހުނީސްކަން ޔަގީނެވެ.
"ޒިމޫ...ހަމަޖެހިބަލަ...ހިނގާދާން....ވަރަށް ގިނަ ކަންތައް ކުރަން ޖެހޭނެއެއްނު.....ޑޮކްޓަރުން ގޮވަން ދެން ބައެއްކަހަލަ ކަންތައް ހަމައަކަށް އަޅުވަންވެސް ޖެހޭނެ...ތިގޮތަށް ތިހެން ޒިމޫ އުޅުނީމަ ބޭބެއަށް ވާނީ ކިހިނެއް....؟" ދޮންދީދީމެނާއެކު އައިސްހުރި ސަމާހާ ޒިމްނާގެ ގާތަށް ޖެހިލިއެވެ. ރަހްމަތްތެރިޔާގެ އެވަކިވުން ޒިމްނާގެ ސިކުނޑިއަށް ކުއްލި ޝޮކެއް ޖެއްސީކަމަށް ސަމާހާއަށް ޔަގީންކުރެވެއެވެ.
"އޭތް ނޯނީ....މަތި އޮމާން ކުރަން މަ ހިފަހައްޓާން ނޫޅޭ...."
ޒިމްނާ ސަމާހާގެ އަތް ފޮޅާލާފައި ޝަކީލާއާ ދިމާއަށް ޖެހިގަތެވެ. މިވަނީ ކީއްކަން ނޭނގި ތިބި ޝިޔާމާއާއި ދޮންދީދީ ޒިމްނާއާއި ޝަކީލާއާ ދެމެދަށް ވަދެ އެކަން ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރިއެވެ. ކޮންމެ ގޮތެއްވިޔަސް މިއީ އެހެން ކަމަކަށް ވިސްނަން ނުވަތަ އެހެން ހަސަދައަކަށް އަަމަލުކުރަން އެންމެ ރަނގަޅު ވަގުތެއް ނޫނެވެ. ޑޮކްޓަރުން ރިޕޯޓު ނިމިގެން ގޮވާލާއިރަށް ޝައުފާގެ ހަށިގަނޑާ ހަވާލުވާން ޖެހޭނެއެވެ.
ޝިޔާމާއަށް މަރަކީ ވަރަށް ރައްޓެހި މެހުމާނެކެވެ. އޭނާގެ ހަޔާތުގެ އެންމެ ލޮބުވެތި ހާއްސަ މީހުންގެ ވަކިވުމުގައި ކޮންމެ ފަހަރަކުވެސް އެންމެ ފަހު ވަގުތު ހޭދަކުރެވެނީ އޭނާއާ އެކުގައެެވެ. އެއީ ކިހާބޮޑު ވޭނެއްްކަން ޝިޔާމާއަށް ވަރަށް ރަނގަޅަށް އިހުސާސްވެއެވެ. މިއަދުގެ މިހިނދުކޮޅުގައި ޝާމިން ބަލިވެ ނިކަމެތިވެފައިވާ ވަރު އޭނާއަށް އިހުސާސްކުރެވެއެވެ. ޒުވާން ފިރިހެން ދަރިފުޅުގެ ހަޔާތުގެ ކޮންމެ ހިނދުކޮޅަކީ ކިހާބޮޑު އިމްތިހާނެއްކަން އޭނާއަށް އެނގެއެވެ. އެހެންކަމުން މިވަގުތު ޝާމިންގެ އެއްވެސް ހޭވެރިކަމެއް މިތަނުގައި މިހިނގާ އެއްވެސް ކަމަކަށް ނުހުންނާނެކަން ޝިޔާމާއަށް ވަރަށް ރަނގަޅަށް އިހުސާސް ކުރެވެއެވެ. އެހެންކަމުން މިވަގުތުގެ ހާލަތާ ކުރިމަތިލުމަށް އޭނާ ޒިމްނާއާ ދިމާއަށް އެނބުރިލިއެވެ.
"ޒިމްނާ ކޮއިފުޅާ...ކޮންކަމަކާ ތިމޮޔަ ގޮވަނީ...ޝަކީލާއަކީ އެދެކުދިންގެ ކައިވެންޏަށް މަންމަ ހުރަސް އެޅިވަރަށްވެސް ހުރަސް އަޅާ ބެހުނު މީހެއް ނޫން....ދެން ތިފަދަ ކަމެއްގައި އޭނާ އުޅޭނީ ކިހިނެއް ކީއްކުރަން ކޮންބޭނުމެއްގައި؟"
ޝިޔާމާ ބޭނުންވީ އެވާހަކަ އެހިސާބަށް ހުއްޓާލާ ވަރުގެ ބަހަނާއެއް ދައްކާށެެވެ. އެއްފަހަރާ އެތައް ސުވާލުތަކެއް ކުރީވެސް ޒިމްނާ ހަމައަކަށް އަޅުވަން ކަމަށް ހީކޮށްފައެވެ. ވެގެން އުޅޭ ގޮތަކާމެދު އަންތަރީސްވެފައި ހުރި ދޮންދީދީ ޒިމްނާގެ އަތުގައި ހިފާލަމުން ވިސްނައިދީގެން ދުރަށް ޖެއްސޭތޯ މަސައްކަތް ކުރިއެވެ. މިފަހަރު ދޮންދީދީއަށް އިހުތިރާމް ކުރުމުގެ ގޮތުންކަމެއްް ނުވަތަ އެހެން ކޮންކަމަކާ ހެދިކަމެއް ނޭނގެއެވެ. ޒިމްނާ މަޑުމަޑުން ދޮންދީދީއާ އެކު ދެތިން ފިޔަވަޅު އެއްފަރާތަަކަށް ޖެހިލިއެވެ.
"ޝާމިންކޮއްކޯ....ދޮންދައްތައަކަށް ނޭނގޭ ޒިމްނާ އެކިޔާ އެއްޗެއް....އެއީ ދޮންދައްތަ ގަބޫލުވެސް ކުރާކަމެއް...."
ޒިމްނާ އެއްފަރާތަކަށް ޖެއްސުމާއެކު ޝަކީލާ ފިޔަވަޅެއް ކުރިއަށް ޖެހި ޝާމިންގެ އަތުގައި ހިފާލިއެވެ. އަދި ވާހަކަ ދައްކަން ފެށިއެވެ. އަމިއްލަ ދިފާއުގައި ޝަކީލާ ބުނަން ފެށި ޖުމްލަ ނިންމާނުލެވުނވެ. މިފަހަރު ޒިމްނާ ޖެހިގަތްގޮތަށް ޝަކީލާ ލައިގެން ހުރި އަގުބޮޑު މޮޅު ކޯޓުގެ ގިރުވާނުގައި ހިފަހައްޓާ ލުއްކެއް ޖަހާ ގޮތަށް ދަމައިގަތެވެ.
"ނޭނގެއޭ...ގަބޫލު ކުރާކަމެއް ނޫނޭ....އާ ކަލޭތީ ހަމަ ސިދުގެއް...."
ޝަކީލާ ވީތަދަށްވުރެ ގޮތްދައްކަން ކަމަށް އައްދިޔޯތް އޭ ކިޔާ އަޑުލައިގަތެވެ. ޒިމްނާ ދުރުކުރަން އެހެން މީހަކު ކައިރިވެލުމުގެ ކުރިން ޝަކީލާގެ ގިރުޥާނުގައި ހިފާ ކޮއްޕާލަމުން އޭނާ އެހެން މީހުންނާ ދިމާއަށް އެނބުރިލިއެވެ.
"ހާސްނުވޭ...މަމިހިރީ ހަމައިގައޭ...މަށެއް ނޫޅެން އެކަހަލަ ނަޖިސް މީހެއްގެ ލެއިން މަގޭ ނަފުސު ނަޖިސްކުރަން އޭނައށް އެއްވެސް ކަމެއް ކުރާކަށް....ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން އޭނައަށް އަދަބު ދޭނީ..."
މިފަހަރު ޝަކީލާ އޭނާގެ އަސްލަށް ރުޖޫއަ ވެއްޖެއެވެ. ހައިބަތާއި މަގާމުގެ ނުފޫޒާއި ކެރި ހުރެ ދިމާލަށް ކުރިމަތިލުމުގެ ޒަމާންވީ އާދަައާއެކު ޝަކީލާ އޭނާ އާ އަޅާބަލާއިރު ހަމަ ކުޑަކުއްޖެއްވަރުގެ، އޭނާއަށްވުރެ ވިއްސަކަށް އަހަރު ހަނގު ޒިމްނާއާ ދިމާއަށް އަތްނަގާ އިނގިލި ސީދާ ކޮށްލިއެވެ.
"އޭހް..ގޮތްކުޑަ އަންހެންކުއްޖާ.....ބަލަ ސިކުނޑި އެއްގޯސްވެގެން ތިއުޅެނީ މިތާނގަ މިއުޅެނީ މާމަޖާ ކަމެއް ވެގެންތަ....؟ އަހަރެންގެ ފަހަރިކޮއްކޮގެ ފުރާނަ ގެންދެވީމަ އެކަމާ ޝޮކެއް ޖެހި މޮޔަ ގޮވަންވީ މަގޭ ކޮއްކޮއެއްނު...އިތުރަށް ދެން އެންމެ ބަހެއް ބުނެލިއަސް ކަމާބެހޭ ފަރާތަށް އަންގާނަން.....ޖަލަށް ދާހިތްވީތަ....؟"
ޒިމްނާ އަލިފާންކަނި ބުރައިގަންނަ ކަހަލަ ލޮލަކުން ޝަކީލާއަށް ބަލާލިއެވެ. އަދި ދަތްކުޑި ވިކައިގެންފައި ވާހަކަ ދެއްކިއެވެ. މަލާމާތާއި ނަފުރަތާއި ޖަދަލުން ފުރިގެންވާ ބަސްތަކަކުންނެވެ.
"ކޮއްކޮއޭ....ކަލެއަށް ކޮއްކޮގެ ފިލިތަކާއި ސުކުންތައް އެނގޭތަ...؟ މަގޭ ސިކުނޑި ގޯހެއް ނުވެއޭ...އާހާ...ޝާމިނަށް އެކައްޗެއްވެސް ނޭނގޭތީ އޭނާ އެހެރީ މޮޔަވެފައި އަނދިރިވެފައި، ކަލޭގެ ތިމޮޅު މޫނުމާސްކު ތަޅައިގެން ދިޔައިމަ އޭނާގެ ސިކުނޑިއަށް ޖެހިފަ އެހެރަ ޝޮކު ރަނގަޅުވެގެން ކަލެއާ ދެކޮޅަށް ޝަރީއަތަށްވެސް ދާނެ...."
އެވަގުތު ހޮސްޕިޓަލުގެ އެތެރެއަށް ވަދެގެން އެމީހުން ތިބި ދިމާއަށް ދުވަމުން ކަހަލަ އައިސް ޒިމްނާ ގާތަށް ހުއްޓުނީ ޒިޔާދެވެ. އޭނާ އައީ ކޮންމެވެސް މުހިންމު ހަބަރެއް ހިފައިގެން ކަހަލައެވެ. ޒިމްނާގެ ކަންފަތް ދޮށުގައި ކޮންމެވެސް އެއްޗެއް ބުނެފައި ދެން ހނގަައިގަތީ ޝާމިނާ ދިމާއަށެވެ. ޒިޔާދު ބުނި އެއްޗެއްގެ އަޑު އިވުމުން ޒިމްނާގެ މޫނުމަތިން ހަމަޖެހުމުގެ ކުލަވަރެއް ފެނިގެން ދިޔައެވެ. އަދިވެސް މިވަނީ ނުވަތަ ވާން އުޅެނީ ކީއްކަން ނޭނގި ތިބި ދޮންދީދީމެންގެ ކަޅި ހުއްޓިފައި ހުރީ ޑޮކްޓަރުން އެމީހުންނަށް ގޮވާ ޝައުފާގެ މަސްގަނޑު ހަވާލު ކުރާނެ އިރަކަށް އިންތިޒާރު ކުރާ ހާލުގަ އައިސީޔޫގެ ދޮރާ ދިމާއަށެވެ.
އޭހ...ދޮންދީދައްތާ....އިއްޒަތާއެކު މިނިސްޓަރު ބަލާ ހަތްބަޑީގެ ސަލާމަކާއެކު މޮޓޯކޭޑު އެބައާދޭ...."
މަލާމާތުން ފުރިފައިވާ ރާގަކަށް ޒިމްނާ ބުނެލިއެވެ.
"މިއަދަކު ލާހިކެއްް ނޫން މިހަރުފަ ޕޮލިހަށް ހަވާލުނުކޮށް އެއްކަންވެސް ކުރާކަށް....ބަލަަ ކަލޭ ތިމަރާލީ މަގޭ ހަމައެކަނި ރަހުމަތްތެެރިއެއް ނޫނޭ....އެއީ މަގޭ ކޮއްކޮއޭ....ކަލެއަށް ރިލޭޝަންސް އެނގެނީ ހަމައެކަނި ސޯޝަލްމީޑީޔާއާއި އިޝްތިހާރު ކުރާ ޕްރޮޕަޓީއެއްގެ ގޮތުގަ....ކަލޭ ކަހަލަ މިނިސްޓަރުންނާއި އެމްބެސެޑަރުން މިގައުމުގަ ތިބެން ވެއްޖެނަމަ ގައުމު އަނދާ އަޅިއަށް ވެދާނެއެއްނު...."
ޒިމްނާގެ އެޖުމްލަ ނިމުނުތަނާހެން ޝާމިންގެ "ޝަ..ޝަކީ..ލާ..." ހަޅޭކުގެ އަޑު އެންމެންގެ ސަމާލުކަން ޝާމިނަށް ހުއްޓުނެވެ. އަރިއަޅާލި ޝާމިންގެ ހަށިގަނޑު ޒިޔާދުގެ ގައިގައި ލައްގަނެލަމުން ޒިޔާދު އޭނާގެ އަތުގައި އޮތް ކުޑަކުޑަ ރިމޯޓެއް ކަހަލަ އެއްޗެއް ޖީބަށް ލިއެވެ.
"ގެންދޭ....އަހަރެންގެ ކުރިމަތިން އޭނަ ގެންދޭ...މަގެ އަތުން އޭނަ މަރުވެދާނެ...ގެންދޭ...."
ޝަކީލާއަށް ޝާމިނަށް ބަލާލެވުނު ވަގުތު އޭނާގެ ކަޅިއާ ހަމަވި ޝާމިންގެ ކަޅިން އޭނާއަށް ހީވީ ބުރަބުރައިގެން އައި ކަނިތަކެއް އޭނާގެ މޫނުގައި ޖެހި ފިއްސާލީ ހެނެވެ. ލޯތްބާއި ނަފުރަތާއި މާޔޫސީއާއި ވޭނާއި ތަދާ ބަދަލުން، އަދިވެސް އެއްފަހަރާ އެތައް އިހުސާސްތަކެއް އެލޮލުން ފެންނަން ހުއްޓެވެ.
"ދޮންދައްތާ....ކީއްވެ....؟ ކީއްވެ....؟ އަޅެ އެންމެ ފަހަރަކު ބުނެލިނަމަ....ހަމަ އެންމެ ޖުމްލައެއް.....އަނހާ ނޫން....އެންމެ ބަހަކުން ނަމަވެސް ހިލަމެއް ވެލިނަމަ......މިހެން ނެހެދިނަމަ....އަހަރެންގެ ޝައުފާއަށް އެހެން ނަހަދާ އެއް ފަހަރުވެސް ބުނެލިނަމަ.....ދޮންދައްތާ...."
ޝާމިންގެ އަޑުން މިފަހަރު ރަނގަޅަށްވެސް ރުއިމުގެ އަަސަރު އެންމެނަށްވެސް އިވުނެވެ. ރޯން ބޭނުން ނުވިޔަސް މިފަހަރު ޝާމިނަށ ހަމަ ބާރަށް ރޮވުނެވެ. މިތެދު ކުރިމައްޗަށް ނައިނަމައެވެ. މިހަގީގަތް ނޭނގުނު ނަމަ ކޮންފަދަ ހެއްޔެވެ. ޝައުފާ އޭނާއާއި ވަކިވެގެން ދިޔައީ ނޫނެވެ. އެއީ ގުދުރަތީ މަރެއް ނޫނެވެ. ޝައުފާ އޭނާ އާއި ވަކިވީ ނޫނެެވެ. އެމީހުންގެ ސަބަބުން ޝައުފާ އޭނާއާއި މުޅި މިދުނިޔެއާވެސް އަބަދުގެ އަބަދަށް ވަކިވާން ޖެހުނީއެވެ.
*************************************
ޝައުފާގެ ކަށުކަމާކެމީގެ ކަންތައް އެއްކޮޅުން ކުރިއަށްދިޔައިރު އަނެއްކޮޅުން މުޅި ގައުމުގައި އެއް އަޑަކުން އަޑު ހިފާލާފައި ހުރީ ރާއްޖޭގެ މަޝްހޫރު އެހާމެ މުއްސަނދި ވިޔަފާރިވެރިޔާ ހުސެންދީގެ އަނބިކަނބަލުން، މަގާމުން ރިޓަޔާ ވެފައިއިން މެލޭޝިޔާއަށް ކަނޑައަޅުއްވާފަ ހުރި ސަފީރު، ޝަކީލާ ސައްތާރު ސައީދުގެ މައްޗަށް އެކަށީގެންވާ ހެއްކާއި ގަރީނާއާ އެކު ސާބިތު މަރެއްގެ ޝަރީއަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ވާހަކައެވެ.
ހަމަމިވާހަކައާއެކު މުޅި ލާމު ގަމުގެ ކުޑަބޮޑު އެންމެންގެ ދުލުކުރީގައި ދޮންދީދީގެ ހާލުކޮޅު ދެރަ ވާހަކައެވެ. ވާނީވެސް އެހެންނޫންހެއްޔެވެ. މުހައްމަދު ސައްތާރުސައީދުގެ ނަން ދިރުވާ އާލާކުރަން އޭނާ އުއްމީދު ކުރި ދެދަރިން ދެގަލަށް އެރީއެެވެ. އުމުރު ދުވަހަށް އެދެމެދުގައި ނުގުޑާފަދަ ނުތެޅޭ ފަދަ ހިލަ ފާރެއް ލެވުނީއެވެ.
ދޮންދީދީއަކަށް އަދިވެސް އެވާހަކަ ގަބޫލެއް ނުކުރެވެއެވެ. ޝަކީލާ އެފަދަ ދަރަޖައަކަށް ވެއްޓިދާނެކަމަކަށް އޭނާ އެއްްގޮތަކަށްވެސް ހިއެއް ނުުކުރެއެވެ. ފައިސާއާއި މުދަލާއި ބިމާއި ވަގުފު ދަނޑުތަކާ ހެދި ޝަކީލާ އޭނާގެ ފުރާނަފަދަ ލޯބިވާ ކޮއްކޮގެ ވަސް މިދުނިޔެއިން ފިލުވާލިވާހަކަ ގަބޫލު ކުރާކަށް އަދިވެސް ފަސޭހައެއް ނޫނެވެ.
"ތިއްތިބޮޑުމަންމާ.....ޝައު އާ ދޭތެރޭގައި ދޮންދައްތަ ކަންތައް ކުރި ގޮތަށް މާފު ނުކުރެވުނަސް އަހަރެން އޭނަ ޖަލާ ހަމަައަށް ނުފޮނުވާ އެމައްސަލަ ގޭގެ ހަަތަރުފާރުގެ ތެރެއަށް ހިންދާލީމުސް....."
ޝާމިން އިނީ ދޮންދީދީގެ މަގަތުން މަސަންދުގެ އެއްފަރާތުގައި އިށީނދެގެންނެވެ.
"އެކަމަކު އެއީ އޭނަ ކުރި ފުރަތަމަ ކަމެއް ނޫން....އޭނަ މުދަލާއި ދުނިޔެއާ ހެދީ ލިބުނު ބައްޕައަށްވެސް ސިހުރުހެދީ...ބައްޕައަކީ އަހަރެންގެ ދެދުނިޔެ.....ޝަކީލާ އަހަރެންގެ އަތުން އަހަރެން ލޯބިވާ ހުރިހާ އެންމެން ފޭރިގަތީ....ހަަމައެކަނި އަހަރެންގެ އަތަކުން ނޫން....މުޅި ދުނިޔެއިންވެސް އެމީހުން ނައްތާލީ...."
ޝާމިންގެ ދުލުން އޭނާގެ ބައްޕަގެ ނަން ބުނެވުމާއެކު ހިތަށް ތަދުވެއްޖެއެވެ. އަދިވެސް އޭނަ ބައްޕަދެކެ ވާ ލޯތްބަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އަދިވެސް ބައްޕަ އޭނާއާއެކު ދުނިޔޭގައި އުޅޭކަހަލައެވެ.
"ޝައު އަށް އެހުވަފެނުގެ ވާހަކަ ޒިމޫ ގާތު ނުދެއްކުނުނަމަ ޒިމޫއަކަށް ތައްހާނުބެއްޔާ އާ ހަމައަކަށް ނުދެވުނީސް...ބެއްޔާ އިއުތިރާފުވީ އެމީހުން މަރަން ސިހުރު ހެދިކަމަށް.....ބެއްޔާއަކީ ސިހުރު ކިޔަވައިގެން ހުރި ސިހުރުވެރިއެއް....އެމަަސައްކަތް އޭނާ ކުރުމަކާ އަހަރެން ނުބެހޭނަން އޭނަ މަށާ ހިސާބަށް ނައިނަަމަ...އެކަމަކު އޭނާގެ މަސައްކަތް ވޭތިވެދިޔަ އަހަރުތަކުގައި އެންމެ ބޮޑަށް އަމާޒުވެފައި އޮތީ މިކޮލި ގަނޑުވަރަށް....ޝަކީލާ ތިއްތިމަންމައާ ހަމައަށް ނައީއެއް ނޫން...އޭނާ ބޭނުންވީ ތިރިން މައްޗަށް ދާން...ބޮޑެތި ހުރިހާ ބާރެއް ކަނޑުވާލަން...."
ހިންދިރުވާލަމުން ޝާމިން އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. ޝަކީލާއާ ބެހޭ ގޮތުން އޭނާ މިދައްކާ ވާހަކައަކީ ހިތަށް ކުޅަދާނަވެގެން ދައްކާ ވާހަކަތަކެއް ނޫނެވެ. ތެދަށް ބުނަންޏާ ވޭތުވެދިޔަ ހަތަރުވަރަކަށް މަސްދުވަހު އޭނާގެ ހަށިގަނޑު ކޮޅަށް ޖެހިފައި އެހެރީ ދަރިންކޮޅަށްޓަކައާއި މިއާއިލާއަށްޓަކައެވެ. އަދި ހަމައެންމެ ބޮޑު ސަބަބަކީ ދާދި އިހަށް ދުވަހު ހުޅުވުނު މިސްކިތުގެ ޒިންމާ އޭނާގެ ކޮނޑުގައި އޮތުމުންނެވެ. އަދި ޝައުފާއަށް އޭނަ ވެފައިވާ ވައުދަށް ކަމޭހިތުމުގެ ގޮތުންވެސް މެއެވެ.
"ބޮޑުމަންމަ ތިބަލަހައްޓާ ވަގުފުދަނޑުތަކާ މުދާތަކާއި އެހެންވެސް ހުރިހާ ތަކެއްޗަކީ ބައްޕަ އަހަރެމެން ދެބެއިންގެ ނަމަށް ދޫކޮށްލި ތަކެތި....ޝަކީލާ އެކައިވެނި ކުރި ދުވަހު ބައްޕަ އޭނައަށް ފަޅުރަށެއް ރިސޯޓަކަށް ހަދާފައި ދިން، ގެދޮރާއި ފައިސާއާއި މުދާދިން...ހުސެންދީއާ އިނދެގެން ބައްޕަގެ ބޮލުގައި އޭނަ ކޮޅުފައިން ޖަހާލީ......"
ދޮންދީދީއަށް ލޯމަރާލެވުނެވެ. އޭނާއަށް ޝަކީލާއާމެދު ދެކެވުނީ ކޮންފަދަ މާތް ބޮޑު ގަަދަރުވެރި ގޮތެއްގައި ހެއްޔެވެ. އެކަމަކު އަހިރުގައި ކަންތައްވެ ނިމިގެން ދިޔައިރު، ޝަކީލާ އޭނާގެ އެތައް އަހަރަކުއްސުރެ ބިނާ ކުރަމުން އައިސްފައިވާ ދިރިއުޅުމުގެ ގަދަފަދަ ހަރުދަނާ އާދަތަކާއި ވައްޓާފާޅިއަށް ގޮން ޖަހާ އެހުރިހާ އުފާތަކެއްވެސް އޭނާގެ އަތުން ފޭރިގެންފިއެވެ. އޭނާ ހިތްވަރުގަދަ ޝާމިނަށް ބަލާލިއެވެ. ހަގީގަތުގައިވެސް ޝާމިނަކީ ވަރަށް ހިތްވަރުގަދަ ކެރޭ އެހާމެ ކެތްތެރި ފިރިހެނެކެވެ. ޝާމިންގެ އަތުގައި ދުނިޔޭގެ އުފަލޭ ކިޔަން ހަމައެކަނި އޮތީ ދެކުދިންގެ އުފަލެވެ. އެހެން އެއްވެސް ހިތްހަމަޖެހުމެއް މިހާރަކު ޝާމިންގެ ނެތެވެ. އެކަމަކުނ ކޫސް އޭވެސް ކިޔާނުލައި ހަނދާންތަކާއެކު ޝާމިން އެދަނީ އުފާވެރިކަން އެހެން މީހުނަށް ހޯދަދެމުން އެހެން މީހުންނަށްޓަކައި ހިނިތުންވަމުންނެވެ. އޭނާގެ މިދަރިފުޅަށް ހަމައެހެންް އެއްވެސް އުފަލެއް ލިބެން ނެތީ ހެއްޔެވެ.
"ދަރިފުޅުގެ ފޯނު ދިއްލޭތާ ކޮންއިރެއް....ކާކުތޯ ބަލާބަލަ....."
ޝާމިންގެ ފޯނު އޮތީ ދޮންދީދީއަށް ފެންނަ ހިސާބުގައި ޝާމިންގެ ކައިރީގައެވެ. ދޮންދީދީ އެހެން ބުނުމުން ފޯނުނަގާ ޝާމިނު ދިއްލިފައި ހުރި ޑިސްޕްލޭއަށް ބަލާލިއެވެ. އެއާއެކު ދެފަރާތަކަށް ބޯހޫރާލެވުނެވެ.
"ކާކު....؟"
ޝާމިން ދެފަރާތަކަށް ބޯހޫރާލި ގޮތަށް ފޯނުގެ ޑިސްޕްލޭ އޮފްކޮށްލުމަށްފަހު އަނެއްކާވެސް ދޮންދީދީގެ އަތުގައި ހިފައިގެން ހަމަޖެހިލުމުން ދޮންދީދީ އަހާލިއެވެ. އެވަރަށް ގުޅާ ނުވަތަ މެސެޖު ކުރުމުން ވެސް ޝާމިނު ޖަވާބެއް ނުދިނީމައެވެ.
"ޔުއާނާ.....ހަމްދަރުދީ އާއި ތައުޒިޔާ ދޭން ބޭނުންވާހަކަ...މެސެޖުންވެސް ތައުޒިޔާ ކިޔޭނެއެއްނު...ކޮންމެހެން މަށާ ވާހަކަ ދައްކަން ޖެހޭތަ...؟"
ޝާމިން އަނގައަށް ގޮތެއް ހަދާލިއެވެ. އެވަގުތު ތަބަކެއްގައި ޖޫސްތަށިތަކެއް ބަހައްޓައިގެން އައި ޝިޔާމާއަށްވެސް ޝާމިންގެ ޖުމްލަ އަޑުއިވުނެވެ. ޖޫސްތަށިތައް ނަގާ މަސަންދުގެ އެއްފަރާތުގައި ހުރި ތިރި މޭޒުމަތީގައި ބަހައްޓަމުން ޝިޔާމާ އެތަނުން ގޮނޑިއެއް މަސަންދު ކައިރިއަށް ޖައްސާލާފައި އިށީނެވެ.
"އަދިވެސް ޔުއާނާ ޝާމިންދެކެ ލޯބިވަނީތާ...! ނޫންތަ ޝިޔާމާ....؟"
ދޮންދީދީގެ އެސުވާލަށް ޖަވާބު ދިނުމުގެ ކުރިން ޝާމިން ޖޫސްތަށްޓެއް ނަގާ، ތެދުވެ އަރިއަކަށް ކަންނޭލެއްގައި ލެނގިލި ދޮންދީދީއަށް ޖޫސްތަށި ދިއްކޮށްލިއެވެ.
"އެހެންނޫނަސް ލައިފުގެ އެޗެޕްޓާ ބަންދުކޮށް ޝިފްޓް ޑިލީޓްވިތާ ކޮން ދުވަހެއް....މިހާރު މަށަކީ ވަފާތެރި ތެދުވެރި ފިރިއެއް....ޝައު އަހަންނާއި ވަކިވީ ދުނިޔޭގެ ލޯތަކަށް....އެކަމަކު އަބަދުވެސް އަހަރެންގެ ގާތުގައި އިނދޭ...އިންނާނެވެސްމެ....ތިއްތިއަށް އެނގޭތަ....މީހެއްދެކެ ވަރަށް ލޯބިވީމަ އެމީހާ ތިމާގެ ނޭވާއާއެކު ތިމާގެ ވިންދާއެކު ދިރިހުންނާނެ....އަޅެ މީ ދޮގެއްތަ؟!"
"މަންމާ.....އަޅެ މީ ދޮގެއްތަ....؟" ޝާމިން ހިނިތުންވެލީ ޝިޔާމާއަށެވެ. މަންމަގެ ޒުވާންކަމާއި ރީތިކަން ހުސްކޮށްލީ ބައްޕައަށް ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. ހަމައެހެންމެ މިއަދުވެސް ދޮންދީދީއަށް އުމުރުގެ ދޮށީކަމެއް ހަށިގަނޑުގެ ބަލިކަށިކަމެއް އިހުސާސްނުވާ ވަގުތަކީ ފިރިމީހާގެ ހަނދާންއާވާ ވަގުތުތަކެވެ. އާއެކެވެ. ލޯތްބަކީ އެފަދަ އިހުސާސެކެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ