ރ. އަނގޮޅިތީމު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމަކާ ގާތްވެއްޖެއެވެ.

އެމްޓިސީސީން ބުނީ އަނގޮޅިތީމު ބަނދަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މުޅި މަޝްރޫއުގެ 92 ޕަސެންޓު ނިމިފައިވާ ކަމަށް ބުންޏެވެ.

އެ މަޝްރޫއުގެ ދަށުން، 42,615 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 221 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 166 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓު ޖެހުމާއި 91 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 1100 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓު ހެދުމާއި ބަނދަރު ބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

ޖުމުލަ 40.7 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އޮކްޓޯބަރު 28، 2020ގައެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އެ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.