ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން އިންތިޒާމުކޮށްގެން ބޭއްވި ކީރިތި ގުރުއާން ކިޔެވުމުގެ 34 ވަނަ ގައުމީ މުބާރާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ލިބޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިނާމު ހަވާލުކޮށްދެއްވައިފިއެވެ.

ރައީސް މި އިނާމުތައް ހަވާލުކޮށްދެއްވީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ކީރިތި ގުރުއާން ކިޔެވުމުގެ 34 ވަނަ ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ މުޅި މުބާރާތުން ބަލައިގެން އަދި ނުބަލާ ކިޔެވުމުގެ ބައިން އެއްވަނައަށާއި މުބާރާތުގެ ހާފިޒުންގެ ގޮފިން އެއްވަނައަށާއި މުޅި މުބާރާތުން އެއްވަނަ އަދި މުޅި މުބާރާތުން އެއްވަނަ މުއައްސަސާއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ހަވާލުކޮށްދެއްވައިފައެވެ.

  • މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ: އާޔަން އަހުމަދު އިނާން / އިސްކަންދަރު ސްކޫލު، ހަނާން ހުސައިން ޝަރީފް / ދަރުމަވަންތަ ސްކޫލު
  • މުޅި މުބާރާތުން ނުބަލައި ކިޔެވުމުގެ ބައިން އެއްވަނަ: ފާތިމަތު ޝާހާ ހުސައިން / އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލު
  • ހާފިޒުންގެ ގޮފިން އެއްވަނަ: ފާތިމަތު ޝާޔާ ޒާހިރު / އިސްކަންދަރު ސްކޫލު
  • މުޅި މުބާރާތުން އެއްވަނަ: އާޔަން އަހުމަދު އިނާން / އިސްކަންދަރު ސްކޫލު، ހަނާން ހުސައިން ޝަރީފް / ދަރުމަވަންތަ ސްކޫލު
  • މުޅި މުބާރާތުން އެއްވަނަ މުއައްސަސާ: ފ. އަތޮޅު ކައުންސިލުގެ އިދާރާ

ކީރިތި ގުރުއާން ކިޔެވުމުގެ 34 ވަނަ ގުއުމީ މުބާރާތް ކުރިޔަށްގެންދިޔައީ ވާޗުއަލްކޮށެވެ. އެގޮތުން ބަލައިގެން ކިޔެވުމުގެ ބައި ކުރިއަށްގެންދިޔައީ ބައިވެރިން ކިޔަވަން ބޭނުންވާ ތަން ރެކޯޑުކޮށް، އެ ވީޑިއޯ ޕޯޓަލްއަކަށް އަޕްލޯޑްކޮށްގެންނެވެ. ނުބަލައި ކިޔެވުމުގެ ބައި ކުރިއަށްގެންދިޔައީ ޒޫމް މެދުވެރިކޮށް ލައިވްކޮށެވެ.

މުބާރާތް ކުރިއަށްގެންދިޔައީ ހަ އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އަދި މުބާރާތް ކުރިއަށްގެންދިޔައީ މައިގަނޑު ތިން ބަޔަކުން ވާދަކުރެވޭގޮތަށެވެ. އެ ބައިތަކަކީ ބަލައިގެން ކިޔެވުމުގެ ބަޔާއި ނުބަލައި ކިޔެވުމުގެ ބަޔާއި ހާފިޒުންގެ ބައެވެ. މުޅި ރާއްޖެއަށް އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ވެސް ބައިވެރިވެވޭގޮތަށް ކުރިއަށްގެންދިޔަ މި މުބާރާތުގައި ޖުމުލަ 1700 ބައިވެރިން ބައިވެރިވި އިރު، އޭގެ ތެރޭގައި 98 މުއައްސަސާއަކުން ބައިވެރިވި ބައިވެރިންވެސް ހިމެނެއެވެ.