އެމްއެންޑީއެފް ޓްރެއިނިން ހަދަމުން ދަނިކޮށް މިމަހުގެ ހަތް ވަނަ ދުވަހު މަރުވި ރާފިލް އަހުމަދު ރަބީލް މަރުވި މައްސަލައާ ގުޅިގެން އެމްއެންޑީއެފުން އުފެއްދި ކޮމިޓީން އޭނާގެ އާއިލާގެ ބަޔާން ނަގައިފި އެވެ.

ރާފިލް މަރުވީ ނޭވާލާން އުނދަގޫވެ ހިތް ހުއްޓިގެން ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ވަނީ ބުނެފަ އެވެ. އަދި އޭގެ ފަހުން ރާފިލް ވަނީ ކޮވިޑަށްވެސް ޕޮޒިޓިވްވެފަ އެވެ.

ރާފިލްގެ ބައްޕަ ރަބީލް "ވަން"އަށް މިއަދު ބުނީ ދަރިފުޅުގެ މަރާއި ގުޅިގެން އެމްއެންޑީއެފުން އެކުލަވާލި ކޮމިޓީއަށް ބަޔާންދީފައިވާ ކަމަށެވެ.

އެގޮތުން ރާފިލް ދުނިޔޭގައި ހުރިއިރުވެސް ސިއްހީ އެއްވެސް މައްސަލައެއް ހުރިތޯ ކޮމެޓީ މެންބަރުން ސުވާލުކުރި ކަމަށާއި ނޭވާލުމުގެ މައްސަލައެއް ނުވަތަ ހިތުގެ މައްސަލައެއް ހުރިތޯވެސް ސުވާލު ކުރި ކަމަށެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއް އަދި ސިއްހީ އެއްވެސް މައްސަލައެއް ދަރިފުޅުގެ ނުހުންނާނެ ކަމަށް ރަބީލް ބުންޏެވެ.

އެމްއެންޑީއެފުން މީގެ ކުރިން މީޑިއާތަކަށް ދިން މެސެޖުގައި ބުނެފައިވަނީ އަސްކަރީ ތަމްރީނުތަކަކީ އޭގެ ޒާތުގައި ބުރަ އަދި ރިސްކު ހިމެނޭ ތަމްރީނުތަކަކަށް ވާތީ އެކަމަށް މީހުން ހޮވާނީ ވެސް ފިޒިކަލް އަދި މެޑިކަލް ޓެސްޓުތަކެއް ހެދުމަށް ފަހު، ތަމްތީނުތަކުގައި ބައިވެރިވެވޭ ގާބިލުކަން ހުރިކަން ޔަގީން ކޮށްފައި ކަމަށެވެ. އެހެން ކަމުން ރާފިލްވެސް ތަމްރީނުތަކަށް ފުރީ އިތުރު މެޑިކަލް މައްސަލައެއް ނެތި ކަމަށް އާއިލާއިން ގަބޫލު ކުރެ އެވެ.

ރާބިލް ބުނީ އޭނާގެ ދަރިފުޅުގެ މަރާ ގުޅިގެން އުފެދޭ އެތައް ސުވާލެއް އެބަހުރި ކަމަށެވެ. ނަމަވެސް އެއަށް މިހާތަނަށް އެއްވެސް ޖަވާބެއް ނުލިބޭ ކަމަށެވެ. އެހެން ނަމަވެސް މާފިލާފުށީގައި އޭނާ ހުއްޓާ ނޭވާލާން އުނދަގޫވުމުން އޮކްސިޖަން ދިންތޯ ތަކުރާރުކޮށް ކޮމެޓީގައި ހިމެނޭ ބޭފުޅުންނާވެސް ސުވާލު ކުރި ކަމަށް އޭނާ ބުންޏެވެ. އަދި އެބޭފުޅުންގެ ޖަވާބަކީ މާފިލާފުށިގައި އޮކްސިޖަން ހުންނާނެ ކަމަށާއި އެކަމަކު ރާފިލް އަށް އޮކްސިޖަން އެވަގުތު ދިން ކަމެއް އަދި އެބޭފުޅުންނަށްވެސް ޔަގީން ނުވާ ކަމަށެވެ.

"އަޅުގަނޑު މި ސުވާލު ތަކުރާރުކޮށް އެ ބޭފުޅުންނާ މި ކުރަނީ ސަބަބެއް އޮވެގެން. މާފިލާފުށިން ނައިފަރަށް ވިއްސަކަށް މިނިޓުން ދެވޭނެ. ނޭވާލާން އުނދަގޫވާ މީހަކަށް އެންމެ ފުރަތަމަވެސް ދޭން ޖެހޭނީ އޮކްސިޖަން. އެކަމަކު މާފިލާފުށިން އޮކްސިޖަން ދީފަނުވާތީ ނައިފަރު ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮކްސިޖަން ހުރީ ޒީރޯގަ. މާފިލާފުށީގަ ތިބި މީހުންގެ ވާހަކަތަކަށް ބަލާއިރު ނޭވާލާން އުނދަގޫވެގެން އެމީހުން ފަރުވާދިން. އެކަމަކު ދިން ފަރުވާއެއްވެސް އެނގެންވާނެ ދޯ." އޭނާ ބުންޏެވެ.

ރަބީލް ބުނީ ދަރިފުޅު މަރުވުމުގައި މާފިލާފުށީގައި ތިބި ސިފައިންގެ މީހުންގެ އިހުމާލު ވަރަށް ބޮޑަށް އެބައޮތް ކަމަށާއި އެކަން މިހާރު ފުލުހުންނާއި އެޗްއާރްސީއެމަށްވެސް ހުށަހަޅާފައިވާ ކަމަށެވެ.

ރާފިލްގެ މަރާ ބެހޭގޮތުން މީގެ ދެތިން ދުވަސް ކުރިން މައުލޫމާތުތަކެއް ލިބުނު ކަމަށްވެސް އޭނާ ބުންޏެވެ. އެގޮތުން އެވަގުތު ރާފިލް އާއެކު އުޅުނު ކުއްޖަކާ ހަވާލާދީ ރަބީލް ބުނީ ނޭވާއަށް އުދަނގޫވެގެން، އެވަގުތު އެތާނގައި ހަވާލުވެގެން އެންމެ އިސްކޮށްހުރި ސިފައިންގެ މީހާއަށް އެކަން އެންގި ކަމަށެވެ.

އެހެން ނަމަވެސް ކަން ހިނގައިދިޔަގޮތުގެ ތަފުސީލު އެނގޭނީ ތަހުގީގަށްފަހު ކަމަށް ރަބީލް ބުންޏެވެ. ނަމަވެސް މި ތަހުގީގު ނިމި އާއިލާއަށް ރިޕޯޓު ލިބޭނެ ދުވަހެއް ނޭނގޭ ކަމަށްވެސް އޭނާ ބުންޏެވެ.

އެމްއެންޑީއެފް ޓްރެއިނިން ހަދަމުންދިޔަ އެކަކު މަރުވެފައިވާއިރު ހާލު ސީރިއަސްވެގެން އިތުރު ދެ މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ޓްރެއިނިންގައި ދިމާވި ކަންކަން ތަހުގީގު ކުރުމަށް އެމްއެންޑީއެފުން ވަނީ ހާއްސަ ކޮމިޓީއެއް އުފައްދާފަ އެވެ.

ތުހުމަތުތަކާއި ގުޅިގެން "ވަން" އިން ސުވާލު ކުރުމުން އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ އެކަމަށް ދެއްވޭނެ ޖަވާބެއް ނެތް ކަމަށެވެ.