އިންޑިއާގެ ކޮޗިންގައި ހިނގި އެކްސްިޑެންޓެއްގައި ދިވެއްސަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

މީގެ ދެދުވަސް ކުރިން ހިނގި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އއ. ބޮޑުފުޅަދޫ ދެތަނޑިމާގެ އާދަމް ޝަހީމް އަށެވެ.

ޝަހީމްގެ ބޭބޭ އަބްދުލް ޣަފޫރު "ވަން" އަށް މިއަދު ކިޔައިދިން ގޮތުގައި ޝަހީމަށް އަނިޔާވީ ރޭގަނޑު ކައިގެން ހިނގާފައި ގެއަށް ދިޔަ މަގުމަތީގައި، ދުއްވާފައި ދިޔަ ސައިކަލެއް އޭނާގެ ގައިގައި ޖެހިގެންނެވެ. އެ ސައިކަލު ދުއްވާފައި އައީ ޝަހީމްގެ ފަހަތުން ކަމަށާއި، ސައިކަލުން ޖެހުމުން ވިއްސައިގެން ގޮސް ޖެހި ޝަހީމްގެ މޫނަށާއި ބޮލަށް އެކިވަރުގެ ޒަހަމްތަކެއް ލިބިފައިވާ ކަމަށް އޭނާގެ ބޭބެ، ޣަފޫރު ބުންޏެވެ.

ޣަފޫރު ބުނީ އެކްސިޑެންޓުގައި ޝަހީމް ގެ ނޭފަތާއި ތުންފަތް އިރައިގެން ގޮސް ބޯ ފަޅައިގެން ދިއުމުގެ އިތުރުން އެއް ލޮލާއި ދިމާލުން ކަށިގަނޑެއް ބިންދައިގެން ގޮސްފައިވާ ކަމަށާއި އޭގެ ސަބަބުން ކަޅި ނުހިފިހެއްޓި، ވެއްޓޭތީ ވީހާވެސް އަވަހަކަށް ސާޖަރީއެއް ހަދަން ޑޮކްޓަރުން ލަފާދީފައިވާ ކަމަށެވެ. އަންނަ ހުކުރުދުވަހު ޝަހީމްގެ ސާޖަރީ ހެދުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ސާޖަރީއަކީ ފަސް ގަޑިއިރުގެ ސާޖަރީއެއް ކަމަށް އޭނާ ބުންޏެވެ.

"ބޮލަށާއި މޫނުމައްޗަށް ބޮޑެތި އަނިޔާތަކެއް ލިބުނީ. އިންޓާނަލް ބްލީޑިން ކަހަލަ ކަމެއް ނުވޭ އިރާދަކުރެއްވީތީ. މޫނުގެ ސާޖަރީތަކެއް ހަދަން ޖެހެނީ. ހުކުރުދުވަހު އެ ސާޖަރީތައް ކުރިއަށް ދާނެ" ޣަފޫރު ބުންނެވެ.

ޣަފޫރު ބުނީ ޝަހީމް އިންޑިއާއަށް ދިޔައީ ބޭސްފަރުވާއަށް ކަމަށެވެ. އޭނާއާއި އެކު ބޭސް ފަރުވާއަށް ގާތްތިމާގެ ބަޔަކުވެސް އިންޑިއާއަށް ދިޔަ ކަމަށާއި އެކްސިޑެންޓް ހިނގި ވަގުތު އެމީހުންވެސް ތިބި ކަމަށެވެ. އަދި ޝަހީމްގެ ސާޖަރީ ފެށުމުގެ ކުރިން އާއިލާގެ އިތުރު މީހަކު ޝަހީމްގެ ފަރުވާގެ ކަންތައްތަކުގައި އެހީތެރިވުމަށް އިންޑިއާއަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް ޣަފޫރު ބުންޏެވެ.