ރައީސް ޔާމީން އިސްވެ ހުންނަވައިގެން، އިންޑިއާ އައުޓް ކެމްޕެއިން ކުރިއަށްގެންދާ މައްސަލައާ ގުޅިގެން، އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ވަގުތުން ވަގުތަށް ހައްޔަރުކޮށް ބަންދު ކުރުމަށް ގޮވާލައި، ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާިއރާގެ މެންބަރު އަބުދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
އެ ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖެއަށް ތަރައްގީ ގެންނެވުމަށް ލާމަސީލު މަސައްކަތްތެއް ގެންދަވަނީ ކުރައްވަމުންނެވެ. ނަމަވެސް އެކަމަށް ހުރަސް އަޅައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމު ހިންގަވާފައިވާ ޖަރީމާތައް ފޮރުވުމަށް އެމަނިކުފާނު އަމިއްލަފުޅަށް އިންޑިއާ އައުޓްގެ ނަމުގައި މުޅި ރާއްޖޭގައި ކުރިއަށްގެންދާ ހަރަކާތުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ އެކުވެރިކަމާއި ގާތްކަމަށް ބުރޫ އަރައި، އަވަށްޓެރި ގައުމުތަކާ ރާއްޖެއާ ދެމެދު ގުޅުން ގޯސްވެ ރާއްޖޭގެ ތަރައްގީއަށް ދަނީ ހުރަސް އެޅެމުންނެވެ.
އެހެންކަމުން ނާތަހުޒީބު ގައުމުތަކުގައި ޑްރަގް ޑީލަރުން ފަދައިން ރައީސުލްޖުމްހޫރިއްޔާ ކަން ކުރައްވާފައިވާ، ބޭފުޅަކު އެފަދަ ކަމެއް ހިންގާތީ، ގާނޫނާއި ގަވާއިދުގެ ތެރެއިން ދިވެހި އަސްކަރިއްޔާ މެދުވެރިކޮށް، މިހިނދުން މިހިނދަށް ޔާމީން ހައްޔަރުކޮށް ބަންދު ކުރުމަށް މި ކުއްލި މައްސަލައިގައި ވަނީ ގޮވާލައިފައެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނޭތޯ ބެލުމަށް ނެގި ވޯޓުގައި، އެވަގުތު މަޖިލިސް ޖަލްސާގައި ތިއްބެވި 34 މެންބަރުންގެ ތެރެއިން އެ މައްސަލަ ބަލައިގަތުމަށް ވޯޓުދެއްވީ، ޖާބިރާއެކު އެންމެ ހަތަރު މެންބަރުންނެވެ. އޭގެ ތެރޭގައި ޖާބިރުގެ އިތުރުން ދެން ހިމެނި ވަޑައިގަންނަވަނީ ބިލެތްދޫ ދާއިރާގެ މެންބަރު ދޮންބިލެތް އަހުމަދު ހަލީމާއި، އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދާއި ކުޅުދުއްފުށީ އުތުރުދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފެވެ. މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 27 މެންބަރުން ވޯޓު ދެއްވިއެވެ.
އެ މައްސަލަ މަޖިލީހަށް ބަލައިގަންނަން ބޭނުންވަނީ އެންމެ 16 މެންބަރުންގެ ވޯޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު