ވާހަކަ

މޮޔަކޮށްލި މާ - 34

1

ސައުރަތިރީސްވަނަ ބައި

"ދޮންތަ ހޯދަންށޭ އައީ" ދެލޯ ބޮޑުކޮށްގެން ޝެލީ ބަލަހައްޓައިގެން އިނުމުން މިކާލް އިތުރަށް ޔަގީންކޮށްދިނުމުގެ ގޮތުން ބުންޏެވެ.

"ފިރިހެނެއްތަ ނޫނީ އަންހެނެއްތަ؟" އަނެއްކާވެސް ޝެލީ އެހިއެވެ.

"ދެން ހިނގާބަލަ. މީހަކު ބައްދަލުކުރަން އައީމަ އެހާ ވަގުތު ނަގާކަށް ނުވާނެ. ހުރިހާ މީހުންވެސް އެބަތިއްބޭ އެތަނުގަ" މިކާލް ބުންޏެވެ.

******

މިކާލްގެ ފަހަތުން ޝެލީ ބޭރަށް ނުކުތެވެ. ސޯފާގައި އާއިލާ މީހުން ތިބިއިރު ދިމާލަށް އިން ނިމާން ހިނިތުންވެލިތަން ފެނުނެވެ. ޝެލީއަށް ބަލަހައްޓައިގެން އިން ފިރިހެނަކު ފެނުމާއެކު ޝެލީގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ.

"ސާހިލް" ޝެލީ މަޑުމަޑުން ކިޔާލިއެވެ. ސާހިލްއަށް ޗެލެންޖް ދިންފަހުން އަދި ސައުވީސް ގަޑިއިރު ނުވެއެވެ. މިހާރު އެ އިނީ ކުރިމަތީގައެވެ. މަންމަ ކޮބައިބާވައެވެ؟ އެރަށަށް އެކަނި ދޫކޮށްލާފައި އައީ ހެއްޔެވެ؟ ސަމީރާ އިންތޯ ވަށައިގެން ހޯދާލިއިރު ސާހިލްއަށް ޗެލެންޖެއް ކުރެވުނުކަން ޝެލީ ހަނދާނެއް ނެތެވެ.

"ދަރިފުޅުގެ އެންމެ ގާތް އެކުވެރިޔާ އެރަށުގައި ހުރެފައި އައިސައެއްނު މީނީ" ޝެލީ އަރާ ހަމަވުމާއެކު ނިމާން ބުންޏެވެ. ޝެލީ ހިނިތުންވެލީ ނިމާނަށެވެ.

"އިންސާނުންނަށް ކުށްވެސް ކުރެވޭނީ. ވީކަމެއް އަހަރެންނަށް ބަދަލެއް ނުކުރެވޭނެ. ކޮންމެ ހާލެއްގަވެސް އަހަރެންގެ އެކުވެރިޔާ ބޭނުން. ފަހަރިއަކަށް ވާން އުޅުމުގެ މާކުރިން ޝެލީ ވީ އަހަރެންގެ އެކުވެރިއަކަށް. ނިމާންބެ މެން ބުނެބަލަ ޝެލީ ކައިރީގައި އަހަރެންނަށް މައާފުކޮށްދޭށޭ" ސާހިލް ވާހަކަދެއްކިއެވެ.

"ނުކުރާނަން" ޝެލީ ގަދަވެލިއެވެ.

"ނޮޓް ފެއާ ސްނޯބޯލް" ސާހިލް ބުންޏެވެ.

"ސްނޯބޯލް" އަލްމާޝް މަޑުމަޑުން އެ ނަން ކިޔާލިއެވެ. ދުރު ހަނދާނެއް އަލްމާޝް ވިއެވެ. ދެން ހީލައިފިއެވެ. ޝެލީގެ ދިރިއުޅުމަށް އުފާވެރިކަމެއް ގެނެސްދެވޭނެ މީހަކީ ސާހިލްއޭ އަލްމާޝްގެ ހިތް އެވަގުތު ބުނެލީ ކީއްވެގެން ކަމެއް ނޭނގެއެވެ.

"ނިމާންބެ މެންނަށް އެނގޭތަ އިއްޔެގައި ޝެލީ ބުނީ މައާފު ބޭނުމިއްޔާ މިއަދު އިރުއޮއްސުމުގެ ކުރިން ޝެލީގެ ކުރިމައްޗަށް އަރާށޭ. އަޅުގަނޑު މިއައީ ރައްޓެއްސެއް މެދުވެރިކޮށް އެންމެ ގަޑިއިރަކަށް ލޯންޗެއް ހިފައިގެން. މަންމަ، އެގޭ ދައްތައާ ހަވާލުކޮށްފަ. ބުނާ ބަހެއްގެ އިތުބާރެއްވެސް އޮންނަންވާނެއްނު" ސާހިލް ބުންޏެވެ.

"ތެދެއް ދަރިފުޅު. އެހެން ބުނިންތަ. އެހެންވީމަ މިފަހަރު މަންމަމެން ދާނީ ސާހިލްގެ ކޮޅަށް" އަލްމާޝް ބުންޏެވެ.

"ޝެލީ ވަރަށް ސްޓަބަން ވާނެ. އެންމެންނަކަށް ފާހަގައެއް ނުވޭތަ؟" ސާހިލް ބުންޏެވެ. ދެލޯ ވަށްކޮށްގެން ސާހިލްއަށް ބަލައިލުމާއެކު ސާހިލްއަށް ހެވުނެވެ.

"ފައިން. އެޕޮލޮޖީ އެކްސެޕްޓެޑް" ދުރަށް ބަލަހައްޓައިގެން ހުރެ ޝެލީ ބުންޏެވެ. އެ ހިނދު އަނެއްކާވެސް ސާހިލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެ މަންޒަރު ސިއްރުނުވީ އަލްމާޝްއަށެވެ.

"އެކަމަކު މިއީ ފަހު ފަހަރު. ދެން އެހެންވިއްޔާ ދުވަހަކުވެސް އެނބުރި ބަލައެއް ނުލާނަން" ޝެލީ ބުންޏެވެ.

"ދެން އެހެނެއް ނުވާނެ. ޔަގީން" ސާހިލް ބުންޏެވެ.

******

ރޭގަނޑުގެ ކެއުން މޭޒު މައްޗަށް އަރުވާފައި ރާޝިދާ ސަމީރާއަށް ގޮވިއެވެ. އޭރު ސަމީރާ އިނީ އިޝާ ނަމާދުކޮށް ނިމިގެން މުސްހަފު ހިފައިގެން އެނދުމަތީގައެވެ. ލޮލުގައި އޮތް ނަންބަރު އައިނު ނަގާފައި މުސްހަފު ކަބަޑުމަތީގައި ބާއްވާފައި ސަމީރާ ނުކުމެ ސާހިލް ފެނޭތޯ ބަލައިލިއެވެ. ގޭތެރެއިން ސާހިލްގެ ހިލަމެއް ނުވުމުން ސަމީރާ ހީކޮށްގެން ހުރީ އިޝާ ނަމާދަށް މިސްކިތަށް ދިޔަ ގޮތަށް ސާހިލް އަދި ގެއަށް ނާންނަ ކަމަށެވެ. އެހެންކަމުން ދޮރާށި ލައްޕާފައި އަލުން ގޭތެރެއަށް ވަންނަން އުޅެނިކޮށް ދާދި ކައިރިން ސާހިލްގެ އަޑު އިވުނުހެން ހީވެގެން ބަލައިލިއެވެ. ސަމީރާއަށް ހީވީ ހަމަ ރަނގަޅަށެވެ. ކަނާތްފަރާތުން ދޮރާށި މައްޗަށް އަރުވާފައި އޮތް ބަރަބޯ ވެޔޮ ކައިރީގައި ފޯނެއްގައި ސާހިލް ހުއްޓެވެ. ކުރިން ސަމީރާއަށް ސާހިލް ނުފެނުނީ އެތަން އަނދިރިކަމުންނެވެ.

"ސާހިލް، ދަރިފުޅާ" ސަމީރާގެ އަޑު ޖެހުމާއެކު ސާހިލް ދުމެއް ޖަހާފައި އައިސް ސަމީރާގެ ކުރިމަތީގައި ހުއްޓުނެވެ.

"ލައްބަ. އަޅުގަނޑު ކުރެހުން ލިބޭ ގޮތް ހަދާނަން. ތިކޮޅުން މަސައްކަތާ ހަވާލުވާ ފަރާތުގެ މައުލޫމާތުވެސް ފޮނުވާނަން. ބޭނުންވަނީ ވީހާވެސް އަވަހަށް މަސައްކަތް ފަށަން" ސާހިލް ބުންޏެވެ. ދެން ފޯނު ބާއްވާފައި ސަމީރާއަށް ބަލައިލިއެވެ.

"މަންމަ ކީއްކުރަން މި އަނދިރީގައި މިތަނަށް ތި ނުކުތީ. އެއްޗެއްގައި އަޅައިގަނެފަ ވެއްޓި އަނިޔާއެއް ނުވިކަން ކިހާ ރަނގަޅު" ސަމީރާގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން ސާހިލް ބުންޏެވެ.

"މަންމަ އުމުރުން ދުވަސް ވިޔަސް ތަންތަން ނުފެންނަހާ އަދި ލޯބޯކޮށި ނުވެއޭ" ހީލަމުން ސަމީރާ ބުންޏެވެ.

"ކާން ދާންވެގެންތަ ތި ހޯދަނީ" ސާހިލް އެހިއެވެ.

"ހޫމް. ކޮންކަމެއް ތި ނިންމާލީ. ކޮން ކުރެހުމެއްގެ ވާހަކަ ދަރިފުޅު ތިދެއްކީ" ސަމީރާ އެހިއެވެ.

"އެއީ ވަރަށް ބޮޑު ކަމެއް މަންމާ. ވަރަށް ބޮޑަށް ސޮރީ މަންމަ ކައިރީގަ ނާހާ މިހާ ބޮޑު ކަމެއް ނިންމާލެވުނީމަ" ސާހިލް ބުންޏެވެ.

"އެހާ ކަމެއް ނޫން. މަންމައަށް ދެރަވާ ގޮތަކަށް ދަރިފުޅު އެއްވެސް ކަމެއް ނުނިންމާނެކަން ޔަގީން" ސަމީރާ ބުންޏެވެ.

"އެ ވާހަކަތައް އެހެން ފަހަރަކުން ކިޔައިދޭނަން. މިހާރު ވަރަށް ބަނޑުހައި" ސާހިލް ބުންޏެވެ.

******

ދުވަސްތައް މާޒީގެ ސަފްހާތަކާ އެކުވަމުން ގޮސް ތިންމަސް ދުވަސް ފާއިތުވެއްޖެއެވެ. ޝެލީގެ ހާލަތު ބޮޑުތަން ރަނގަޅު ވެއްޖެއެވެ. ސާހިލް އާއި ޝެލީގެ ގުޅުން ކުރިއެކޭ އެއްގޮތެވެ. ގުޅައިގެން ވާހަކަދެއްކުމާއި އެކަކު އަނެކަކު ކުރާ ކަންތައްތަކުގެ ފޮޓޯއާއި ވީޑިޔޯތައް ފޮނުވަމުން ދިޔައެވެ. އެކަކު އަނެކަކަށް ޖެއްސުންކުރުމާއި ޖޯކު ފަދަ ލިޔުންކޮޅުކޮޅު ބަދަލުކުރަމުން ދިޔައެވެ. ދެކުދިންގެ އެކުވެރިކަމަށް ދެކުދިންނަށް ނޭނގި ވައިރޯޅިއަކަށްވެސް ނުވަދެވޭނެހާ އެ ގުޅުން ބަދަހިކޮށްފިއެވެ. ވާހަކަދެއްކުމުގެ ތެރެއިން އިހުސާސްތައް ސާހިލްއަށް ހިފެހެއްޓެނީ ހަމަ ކިރިޔާއެވެ. ކިތަންމެ ފަހަރަކު ހިތުގެ ހާލު ޝެލީއަށް އަންގައިދޭން ސާހިލް ބޭނުންވެއެވެ. އެހެންނަމަވެސް އަދި އަވަސްކަމުގައި ސިކުނޑި ވިސްނައިދޭތީ ފަސްޖެހެވެއެވެ. ދިމާވި ހިތާމަތަކުން އަރައިގަންނަން ޝެލީއަށް އަދިވެސް ވަގުތު ބޭނުންވާ ކަމުގައި ސާހިލް ދެކޭތީއާވެސް އެކުގައެވެ.

******

ފަޒްނާ ރޯދައަށް ހުރުމުގެ ސަބަބުން އިރުއޮއްސެންވާއިރަށް ކާއެއްޗެއް ތައްޔާރު ކުރުމުގައި އަލްމާޝް ބަދިގޭގައި އުޅުނެވެ. ޝެލީ ބަދިގެއަށް ވަންއިރު އުނދުން ކައިރީގައި ހުރި އަލްމާޝް ހުރީ ހުޅުވާފައި ހުރި ކުޑަދޮރާ ދިމާލަށް ބަލަހައްޓައިގެންނެވެ. ކައިރީގައި ހުއްޓިފައި ޝެލީ އަލްމާޝްގެ ކޮނޑުގައި އަތް ޖައްސާލިއެވެ. އެވަގުތު އަލްމާޝް ސިހުނެވެ.

"ކޮން ވިސްނުމެއްގައި މަންމާ. މަންމަ ބުނާނެ އަޅުގަނޑޭ އަބަދު ވިސްނަނީ" ޝެލީ ބުންޏެވެ.

"ކުރިމަތީގައި ތިބީ ދެ ދަރިން. އެ ދަރިން ކަމަކާ ވިސްނައި ފިކުރުކުރާހެން ހީވަންޏާ މައިންބަފައިން ކިހިނެއް ނުވިސްނައި ތިބޭނީ" އަލްމާޝް ބުންޏެވެ.

"އަޅުގަނޑު ނުވިސްނަން މިހާރު" ޝެލީ ބުންޏެވެ.

"ޝެލީއެއް ނޫން. މަންމަ މި ދައްކަނީ މިކާލްގެ ވާހަކަ" އަލްމާޝް ބުންޏެވެ.

"މިކީ އޭ. މިކީ ކޮންކަމަކާ ވިސްނަނީ. އަޅުގަނޑަށް ފެންނަ މިކީ ހުންނަނީ ވަރަށް ހަމަޖެހިފަ" ޝެލީ ބުންޏެވެ.

"މިކީ ގޮސްފައި ހުރީ ކާފަގެ އުޅުމަށް. ކާފައަކީވެސް ކަންތައްތައް ވަރަށް ސިއްރުކުރާ މީހެއް. މާމަ އެތައް ފަހަރަކު އަހައިގެން ނޫނީ ހިތުގައި ފޮރުވައިގެން އުޅޭކަމެއް ނުބުނާނެ. އަބަދުވެސް އިންނާނީ ކަމަކާ ފިކުރުކުރަން. މޫނުމަތިން އެކަންކަން ހިންދާލަން އެހާ ކުޅަދާނަވާނެ" އަލްމާޝް ވާހަކަދެއްކިއެވެ.

"މިހާރުވެސް ބަލައިލަބަލަ. އެތަނުގައި އެހެން އިންނަތާ މިހާރު ސާޅީހަކަށް މިނެޓް ވެދާނެ. ފޯނެއްގައެއްވެސް ނޫން. ހަމަ އިންނަނީ. ދޭތެރެއަކުން އަތުގައި އެ އޮތް ދަނޑިގަނޑުން ބިންމަތީގައި އެއްޗެއް ލިޔެލާނެ. މިއަދު ކްލިނިކްވެސް ނުހުޅުވާ. ބުނީ ބޮލުގައި ރިއްސާ ވާހަކަ. މަންމަ ބޭސްގުޅައެއްވެސް ދިނިން" އަލްމާޝް ބުންޏެވެ. ޝެލީ އެ ދިމާލަށް ބަލައިލިއެވެ. އަލްމާޝް ބުނިހެން ބަގީޗާ ތެރެއިން މިކާލް ފެންނަން އިނެވެ.

"އަޅުގަނޑަށް މިކީގެ އަނގަ ހުޅުވޭނެ. އެބަ އަންނަން" ޝެލީ ހިނގައިގަތެވެ.

******

މިކާލް ސިހުނީ ކައިރީގައި މީހަކު ހުރިހެން ހީވެފައެވެ. ބަލައިލިއިރު ކައިރީގައި ޝެލީ ހުރިތަން ފެނުމުން މިކާލް ހައިރާންވިއެވެ. ޝެލީ އެތަނަށް އައި ބޭނުމެއް ނޭނގޭތީ ކަންބޮޑުވެސް ވިއެވެ.

"ދޮންތަ، ހިނގާ އެތެރެއަށް ދާން" އިންތަނުން ތެދުވަމުން މިކާލް ބުންޏެވެ. ޝެލީ ހީލިއެވެ. މިކާލް ނުވިސްނާ ހުއްޓައި ޝެލީ ތިރީގައި އިށީނެވެ. ދެން މިކާލްގެ އަތުގައި ހިފައި ތިރިއަށް ލުއްކެއް ޖެހިއެވެ. އިށީންނާށޭ ބުނާ ކަހަލަ ގޮތަކަށް ޝެލީގެ އަމަލުތައް ހުރުމުން މިކާލް އިށީނެވެ.

"ދޮންތަ ރަނގަޅުތަ؟" މިކާލް އެހިއެވެ.

"ކޮންމެފަހަރަކު ދޮންތަ ގޯސްވާންޖެހޭތަ؟ މިކީ ބުނެބަލަ މިކީ ކިހިނެއްވެފަ ތި އިންނަނީ؟" ޝެލީ އެހިއެވެ. އެވަގުތު މިކާލަށް ހިމޭންކަމެއް ވެރިވިކަން ޝެލީއަށް ފާހަގަވިއެވެ.

"ކަމެއްވީތަ؟ މިކީއަށް އެނގޭތަ މިކީއަށް ކަމެއްވެފަ ހުންނަކަން މިހާރު މަންމައަށްވެސް ފާހަގަވެއްޖެ" ޝެލީ ބުންޏެވެ.

"ހެހެހެ.. ކަމެއް ނުވޭ މިއަދު ކުޑަކޮށް ބޮލުގައި ރިއްސަނީ" މިކާލް ބުންޏެވެ.

"ނުބުނަންޏާ ހެޔޮ. އެކަމަކު ދޮންތައަށް ކަމެއްވެފަ އިނަސް ނާންނާތި އަހައިގެން އޮޅުންފިލުވަން. ނުބުނާނަން އެކައްޗެއްވެސް" ޝެލީ ގަދަކޮށްލިއެވެ.

"އޯކޭ ބުނެފާނަން. އެކަމަކު ސީކްރެޓެއް އިނގޭ" މިކާލް ބުންޏެވެ.

ޝެލީ ޝައުގުވެރިކަމާއެކު އަޑުއަހަން އިނެވެ. ސިޔާގެ ނަން އައި ހިސާބުން ޝެލީގެ މޫނުމަތީގައި ހައިރާންކަން ވަށާލިއެވެ. އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ ސިޔާ އާއި މިކާލް، ލޯބީގެ ގޮތުން ގުޅުނުކަން އެނގުނު ހިސާބުންނެވެ. ސިޔާވެސް އެކަހަލަ ވާހަކައެއް ނުބުނާތީ ޝެލީއަށް ހިނިއައެވެ.

"ދޮންތަ ވަރަށް އުފާކޮށްފިން ދޮންތަ ދެކެ މިކީ ތިހާ ލޯބިވާތީ. އެކަމަކު މިކީ ކަންތައް ތިކުރީ ރަނގަޅަކަށް ނޫން. އެކަމުގައި ސިޔާގެ އެއްވެސް ފޯލްޓެއް ނެތް. އެކުއްޖާ ކިހާ ބިރެއް ގަންނާނެ. އެއީ ވަރަށް އިނޮސެންޓް ގާރލްއެއް" ޝެލީ ވާހަކަދެއްކިއެވެ.

"އެނގޭ ދޮންތާ. މައާފަށްވެސް އެދުނިން. ސިޔާ ގަބޫލެއް ނުކުރި" އަސަރާއެކު މިކާލް ބުންޏެވެ.

"ތެދަށް ބުނައްޗެ އިނގޭ. ހަމަ ސީރިޔަސްކޮށްތަ ސިޔާއާ ރައްޓެހިވީ. ނޫނީ މިކީގެ އެވިލް ޕްލޭނެއް އިނީތަ؟" ތަހުގީގީ ނަޒަރެއް މިކާލަށް ދެމުން ޝެލީ އެހިއެވެ.

"ގޯޑް ޕްރޮމިސް. ހުރިހާ ކުދިންނާ ސިޔާ ޑިފަރެންޓް. އައި ލަވް ހަރ ސޯ މަޗް. ބޭނުންވަނީ އަބަދުވެސް ކައިރީގައި ސިޔާ ބަހައްޓައިގެން އުޅެން. ވަރަށް ހެޕީ ލައިފްއެއް އުޅެން ބޭނުމީ. ލައިކް މެރީކޮށްގެން. އެކަމަކު ނުވާނެއްނު. ޝީ ހޭޓްސް މީ" މިކާލް ބުންޏެވެ.

"ސިޔާއަކީ އެހާ ގޮތްދޫނުކުރާ ބޯހަރު ކުއްޖެއް ނޫން. މިކީ ލައިފްއެއް ފަށަން ގަސްދުކުރަންޏާ އައި ވިލް ޓޯކް މަމް އެންޑް ޑޭޑް. ވަރަށް އުފާވާނެ ސިޔާއާ އެކު އެއްތަނެއްގައި އުޅެން ލިބިއްޖިއްޔާ. ދޮންތަގެ ކައިވެނި ނުކުރެވުނަސް މިކީގެ ކައިވެނި ލޮލަށް ފެނުނިއްޔާ ވަރަށް އުފާވާނެ. ގޭތެރެއަށް އުފާވެރިކަން އަންނާނެ" ޝެލީ ވާހަކަދެއްކިއެވެ. ޝެލީގެ އަޑުގައި ރިހުމެއްގެ އަސަރުވާކަން މިކާލް ދެނެގަތެވެ. ޝެލީގެ މޫނަށް މިކާލް ބަލައިލީ ހިތްދަތި ނަޒަރަކުންނެވެ. މިކާލްއަށް ވާނަމަ ދުނިޔޭގެ ހުރިހާ އުފަލެއް ޝެލީއަށް ހޯދައިދިނީހެވެ.

"ސޮރީ ދޮންތާ. އަހަރެން ކިތަންމެ ބޭނުންވިޔަސް ދެން އެ ލޯތްބެއް ދޮންތައަށް ހޯދައެއް ނުދެވޭނެ" މިކާލް ބުންޏެވެ. އެ ހިނދު ޝެލީ، މިކާލްގެ ކޮނޑުގައި ބޯއެޅިއެވެ.

******

ހަވީރުގެ ވަގުތެވެ. ރަށްމަތިން ދަތުރުކޮށް ދާއިމީ ވަޒަނަށް ވަނުމަށްޓަކައި އިރު ތިރިކޮށްލާފައި ވީ ވަގުތެވެ. ހުރިހާ އުމުރުފުރާއެއްގެ މީހުން މަގުމަތީގައި ހަރަކާތްތެރިވަމުން ދިޔައެވެ. ގޭދޮރުމަތީގައި ހުރި ޖޯއްޔެއްގައި ސާހިލް އޮތީ ފޯނެއްގައެވެ. ގުޅައިގެން ހުރީ ޝެލީއެވެ. ޖެހިގެން އެއް ޖޯލި ދޫކޮށް ސަމީރާއާއި ރާޝިދާ އިނެވެ. ސަމީރާގެ އުނގުގައި އާޝިގާ ނުވަމަހުގެ ދަރިފުޅު އަސަލް އިނެވެ.

"މިއަންނަ މަހުގަ މާލެ ދާނަން އިރާދަކުރެއްވިއްޔާ. ވަރަށް ބޮޑުތަން މަންމަވެސް ރަނގަޅު. އެކޮޅަށް ގޮސްފައެއްނު އަދި ޖޮބުގެ ކަންތަކާ އުޅެވޭނީ" ސާހިލް ވާހަކަދެއްކިއެވެ.

"ވަރަށް މިސްވޭ ސްނޯބޯލް" ދޭތެރެއަކުން ސާހިލް ބުނެލައެވެ.

"މާޒް ސަލާން ބުނި އިނގޭ. އެނގެއެއްނު މާއިޒް" ސާހިލް ބުންޏެވެ.

ސާހިލް ދައްކަމުންދިޔަ ވާހަކަތައް ސަމީރާއަށް އަޑު އިވުނެވެ. ފަހަކަށް އައިސް ސާހިލްއާއި ޝެލީގެ ގުޅުން ރަނގަޅުވެފައިވާކަން ސަމީރާއަށް ފާހަގަވިއެވެ. މާކުރިންވެސް ދަރިއެއްގެ ގޮތުގައި ޝެލީ ބަލައިގަނެފައިވީތީ ސަމީރާގެ އަމިއްލަ އެދުން ބޮޑު ހިތަށް މިފަހަރު އެރި އެއްޗަކުން ހައިރާންވިއެވެ. ސަމީރާ ކިތަންމެ ބޭނުންވިޔަސް އެއީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ. އެ ދެކުދިން ދެމެދުގައި އެކުވެރިކަމުގެ ގުޅުން ނޫން އެހެން އެއްވެސް ގުޅުމެއް ނެތެވެ. އެފަދަ ވާހަކައެއް ދުލާ ހަމައަށް ގެންނަންވެސް ސަމީރާއަށް ނުކެރޭނެއެވެ.

"އެނގޭތަ އީމްވެސް ވީ ތި ރަށުގައޭ. ފެނުނުތަ އީމް؟" ޝެލީ ބުންޏެވެ.

ސާހިލް ވަށައިގެން ހޯދައިލިއެވެ. ތަންކޮޅެއް ދުރުގައި ވޮލީ ކުޅެމުންދިޔަ އަންހެން ގުރޫޕެއް ކައިރީގައި ތިބި ތިން އަންހެންކުދިން ސާހިލްގެ ލޮލުގައި އަޅައިގަތެވެ. އާޝިގާއާއި ޝިދުނާ ކައިރީގައި ދެން އެހުރީ އީމާކަން ސާހިލްއަށް އެނގުނީ ރާޝިދާގެ ފިރިމީހާއަށް އީމާގެ ބޮޑުބޭބެ ކިޔާތީއެވެ. އެއްފަހަރު ގޭތެރެއިންވެސް ސާހިލްއަށް އީމާއާ ދިމާވިއެވެ.

"މިގޭ ދައްތަގެ ފިރިމީހާގެ ދަރިއެއް ކަހަލަ ކުއްޖެއް އީމާ އަކީ" ސާހިލް ބުންޏެވެ.

******

ފަތިސްނަމާދަށް ފަހު އިލޮށިފަތި ހިފައިހެން އާޝިގާ ބޭރަށް ނިކުތްއިރު މަގުގެ ބޮޑުބައެއް ޝިދުނާ ކުނި ކަހައިފިއެވެ. އެހެން ގެތަކު ކައިރީގައިވެސް ކުނިކަހާ އަންހެނުން ނިކުމެ އުޅެއެވެ. އެއީ އެރަށުން ފެންނަ އެންމެ ހިތްގައިމު އެއް މަންޒަރެވެ. ފަތިހާ ގޭދޮށު ކުނިކަހަން ނިކުމެ އުޅޭނީ މުޅިންވެސް ޒުވާން އަންހެންކުދިންނެވެ.

"އަސަލް ނުހޭލާތަ؟" ޝިދުނާ އަހާލިއެވެ. ދެން ކުނިކޮޅު އެއްކޮށްލާފައި ޖަސްތުގަނޑާއެކު ހިފައިގެން އައިސް ގޯންޏަށް ކުނިތައް އޮށްސާލިއެވެ.

"ކުނިކަހާފަ އަންނަންދެން ބޮޑުދައިތަ އެބައިން ބުށްފުޅި ދޭން" އާޝިގާ ބުންޏެވެ.

"އިނގޭތަ ފުރަތަމަ ފަހަރަށް ދަރިފުޅަށް ހަރަދު ދީފިއެއްނު" އާޝިގާ ބުންޏެވެ.

"އެހެންތަ. އަނެއްކާ ކޮންފަރާތަކުން އިރު އަރައިގެންބާ" ކުޑަ ފާރުކޮޅުގައި ލެގިލަމުން ޝިދުނާ އެހިއެވެ.

"އަހަރެން ބުނި އެއްޗަކުން ބިރުގަތީ ތޯއްޗެ. ހެޔޮ ބިރުގަތަސް. ލައްކަ ދުވަހު ފިލައިގެން އުޅެވިއްޖެއްނު. ހީވޭ އެހެން ހުރެލާފައި މިރަށަށްވެސް އަތުވެދާނެހެން ދަރިފުޅު ދެކިލަން" އާޝިގާ ބުންޏެވެ.

"ދަރި ދެކޭކަށް ނޫން އޭއްޗަކު އަންނާނީ. އަނެއްކާވެސް ޝިގާގެ ހަށިގަނޑަށް ފެންބޮވައިގަތީމަ ހުރި ތަނަކުން ލުހިގެން އަންނާނެ" ޝިދުނާ ބުންޏެވެ. "ސޮރީ. އޭނަ ވާހަކަދެއްކީމަ އަހަރެން ހަމަ ރުޅިގަދަވަނީ" އާޝިގާ ބަލަހައްޓައިގެން ހުރިގޮތުން ޝިދުނާ ބުންޏެވެ.

"ހުރެބަލަ މިއަދު ޝިދޫއަށް ފާގަދިޔަ ކައްކާފަ ދޭނަން" ޝިދުނާގެ އަތުގައި ހިފައިގެން ގޯތިތެރެއަށް ވަންނަމުން އާޝިގާ ބުންޏެވެ.

"ހިނގާ ބަދިގެފަރާތަށް. އިރުކޮޅަކުން އީމްވެސް އަންނާނެ" އާޝިގާ ބުންޏެވެ. ކުއްލިއަކަށް ޝިދުނާ ހުއްޓުން އެރީ ސަމީރާގެ އަތުގައި ހިފައިގެން އެދިމާލަށް އައި ސާހިލް ފެނިފައެވެ. ކަސްރަތުކުރާ ހެދުމެއްގައި ސާހިލް ހުރިއިރު ނުލާހިކު ސްމާޓެވެ. ޝިދުނާއަށް އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮށްވެސް ނުލެވުނެވެ. ފަހަތުން އައި މީހާގެ ހަބަރެއް ނުވެގެން އާޝިގާ ބަލައިލިއިރު ސާހިލްއަށް ބަލަން ގެއްލިފައި ހުރި ޝިދުނާ ފެނުމުން އާޝިގާ ދެފަރާތަށް ބޯހޫރާލިއެވެ.

"ސާހިލް، ކިހިނެއްތަ؟" އަރާ ހަމަވުމާއެކު ޝިދުނާ ގޮވާލިއެވެ.

"ރަނގަޅެއްނު. ޝިދޫ ކިހިނެއްތަ؟" ސާހިލް ބުންޏެވެ. ޝިދުނާ ފޮނިވެލާފައި 'ބެސްޓް' އޭ ބުންޏެވެ.

"ސާބަހޭ ސާހިލް ފެނުނީމަ ތިއޮއް ވާގޮތެއް ދޯ" ޝިދުނާގެ އަތުގައި ހިފައި ދަމައިގަންނަމުން އާޝިގާ ބުންޏެވެ.

"އަހަރެން މޮޔަވެއްޖެ. އޭނަ މެރީޑްތަ؟ ނޫންނަމަ މަންމައާއި ބައްޕަ ފޮނުވަންވީ ކަންނޭނގެ. ސީރިއަސްލީ ޝިގާ. ސާހިލް އަހަރެން ކައިރީގައި ރައްޓެހިވާން އަހާނެނަމަ. އަޅެ އަހަރެން ހަޑިތަ ވަރަށް" ޝިދުނާ ބުންޏެވެ.

"ހުރެބަލަ ބޮޑުދައިތަ ކައިރީގައި އަހައިގެން އަހަރެން ހުރިހާ ކަމެއް ބަލާނަން. އުޅުންވެސް ހުންނަނީ މީހަކު މޮޔަނުވާ ގޮތަކަށް ނޫނޭ ދޯ. އޭނަ މަންމަ ދެކެ ހާދަ ލޯބިވެޔޭ އޭނަ. ކޮންމެދުވަހަކު ފަތިހާ ދާނެ ހިނގަން ގޮވައިގެން" އާޝިގާ ވާހަކަދެއްކިއެވެ.

******

ރަށުގެ ހިއްކާފައި އޮތް ސަރަހައްދުގައި އެތައް ބަޔަކު ހިނގަން ނިކުމެ އުޅުނެވެ. އެ ސަރަހައްދުން އެންމެ ހިތްގައިމު މަންޒަރަކަށް ފެންނާނެ އެއް މަންޒަރަކީ ޒުވާން ފިރިހެން ކުއްޖަކު އުމުރުން ދުވަސްވީ މަޔަކު އަތުގައި ހިފައިގެން މަޑުމަޑުން ހިނގަމުން ދިޔަ މަންޒަރެވެ. އެތައް ބައެއްގެ ލޯ ނުދަންނަ އެ ދެމައިންނަށް އަމާޒުވަމުން ދިޔައެވެ. ބައެއް މީހުން އެ މަންޒަރު ވީޑިޔޯކޮށް ހިތާ ކުޅެލާ ކަހަލަ ލިޔުންކޮޅުތަކާއެކު ސޯޝަލް މީޑިޔާ ފަޅުފިލުވަމުން ދިޔައެވެ.

"އެއީ އެއްކަލަ އުސްމާނުގެ ދަރިއެއް ނޫންތަ؟" ހިނގަމުން ދިޔަ ސަމީރާ އެހިއެވެ. ސާހިލްއަށް މާބޮޑަށް އެބުނި އެއްޗެއް ފަހުމްނުވާތީ ސަމީރާގެ މޫނަށް ބަލައިލިއެވެ.

"އޭރު ގޯތިން ނިކުންނަނިކޮށް ދަރިފުޅަށް ގޮވާލިއެއްނު" ސަމީރާ ބުންޏެވެ.

"އާނ މިހާރު އަޅުގަނޑާ އެއްވަރަށް ބޮޑުކޮށް ހުރީމަ ވާހަކަދައްކާކަށް ނުކެރޭ. އެކަމަކު ފެންނަ ކޮންމެފަހަރަކު ހީލާނެ" ސާހިލް ބުންޏެވެ.

"ކިހާ ރީތި ކުއްޖެއް އެއީ. ދަރިފުޅު އެކަހަލަ ރީތި ކުއްޖަކާ ރައްޓެހިވެގެން އަވަހަށް އިނދެބަލަ. އޭރުން ދަރިފުޅަށްވެސް ލުއިވާނެއްނު. މަންމަ ކައިރީގައި އަންހެން ދަރިޔަކުވެސް ހުންނާނެއްނު. ނަސީބުގަ ހުރިގޮތުން ކޮއްކޮއަށް އެ ފުރުސަތު ނުލިބި އެދިޔައީ" އިސާހިތަކު ސަމީރާއަށް ޖަޒުބާތީ ވެވުނެވެ. ސާޖިދު ހަނދާން އާވުމާއެކު ދެލޯ ކަރުނުން ތެންމާލިއެވެ.

"އެއްކަލަ މަންމަ. ހުރެބަލަ އެއްދުވަހަކުން މަންމަ ކައިރިއަށް އިންނަން އަޅުގަނޑު ހޯދި ކުއްޖާ ގެންނާނަން" ސާހިލް ބުންޏެވެ. އުންމީދުން ފުރިގެންވީ ބެލުމަކުން ސާހިލްގެ މޫނަށް ސަމީރާ ބަލައިލިއެވެ. އެ ދުވަހެއް އޭނާގެ ދެލޮލަށް ދެއްކެވުމަށް އެދި ހިތާހިތުން ދުއާކޮށްލެވުނެވެ.

******

ކައިރީގައި ހުރި ފަޒްނާ ފެނުމާއެކު ލިޔަން ގެންގުޅުނު ފޮތް، ބާލީސް ދަށަށް ޝެލީ ލެއްވިއެވެ. ޝެލީގެ ތުންފަތުގައި ހިނިތުންވުމެއް ނެތްއިރު ދެލޮލުން ވޭނެއްގެ އަސަރު ފަޒްނާ ދުށްޓެވެ. އެ ކޮޓަރިއަށް ފަޒްނާ ވަނީ ހެނދުނުން ފެށިގެން ޝެލީ ކޮޓަރިން ނުނިކުންނާތީއެވެ. އަލްމާޝް ކައިރީގައި އަހާލުމުން ޝެލީ ބަނޑެއްގައި ރިއްސާތީ އުޅޭ ވާހަކަ ބުނުމުންނެވެ.

"ކޯޗެއް މާމައަށް ތިފޮރުވަނީ" ޝެލީގެ މަގަތުން އިށީންނަމުން ފަޒްނާ އެހިއެވެ.

"އެއްޗެއް ނޫން" ޝެލީ ބުންޏެވެ.

"މިއަދުން ފެށިގެން މާމަގެ ބެސްޓްފްރެންޑަކީ ދަރިފުޅު. ބެސްޓްފްރެންޑުންނަށް އެއްވެސް ކަމެއް ސިއްރެއްނުކުރާނެ" ފަޒްނާ ބުންޏެވެ. ބޭނުމަކަށްވީ ޝެލީގެ މޫނުމަތީގައިވި ސީރިޔަސްކަން ކަނޑުވާލައި ތުންފަތަށް ހިނިތުންވުމެއް ގެނައުމެވެ. އެހެންނަމަވެސް ޝެލީއަށް މަޖާނުވިއެވެ. އިސްޖަހާލުމާއެކު ޝެލީގެ އެވަގުތު ހާލަތު ފަޒްނާއަށް ވަޒަންކޮށްލެވުނެވެ.

"މާމަ މިއައީ ދަރިފުޅުގެ ބަނޑުގައި ބާމުކޮޅެއް ހާކާލަން. އަބަދުވެސް މާމަގެ އަތުން ބަނޑުގައި ބާމުކޮޅެއް ހޭކީމަ ރަނގަޅުވެއެއްނު" ފަޒްނާ ބުންޏެވެ. އެ ހިނދު ޝެލީ އެނދުގައި ދިގަށް އޮށޯވެފައި ލައިގެން ހުރި ޓީޝާޓް ކުޑަކޮށް މައްޗަށް ހިއްލާލިއެވެ. ޝެލީގެ ބަނޑުގައި ބާމު ހާކަމުން ދިޔައިރު ދޭތެރެއަކުން ޝެލީގެ މޫނަށް ފަޒްނާ ބަލައިލައެވެ.

ބާލީސްދަށުން އެއްބައި ބޭރަށް ފެންނަން އޮތް ފޮތް ފަޒްނާ ނެރުނެވެ. މިފަހަރު ފަޒްނާ ހުއްޓުވާކަށް ޝެލީ މަސައްކަތެއް ނުކުރެއެވެ. ލޮލުގައި އޮތް ނަންބަރު އައިނު ރަނގަޅުކޮށްލާފައި އޭގައި އޮތް އެއްޗެއް ފަޒްނާ ކިޔަން ފެށިއެވެ.

"ވޭނާ ރިހުން މޭގާ ވެޔޭ

ސީދާ ޒަހަރު ލޭގައި ވެޔޭ

ކަރުނުން

ފުރާނަ ދަނީއޭ މި ހަށިން......

ޝެލީގެ މޫނަށް އަލުން ފަޒްނާ ބަލައިލިއިރު ދެލޮލުން ކަރުނަ ނީރާލައިފިއެވެ. އަދިވެސް އެ ހިތާމަތަކުން މާމަ ދަރިފުޅަށް އަރައިނުގަނެވޭކަން ފަޒްނާއަށް އެނގުނެވެ.

"މީހުން ބުނަނީ ތެދެއް. ހިނިތުންވުމެއްގެ ފަހަތުގައި މީހަކު ފޮރުވައިގެން އުޅޭ ވޭނާއި ކެކުޅުމެއް އެއްވެސް މީހަކަށް ނުފެންނާނެ" ފަޒްނާ ބުންޏެވެ. ޝެލީ ތެދުވިގޮތަށް ފަޒްނާގެ އުނގުތެރޭގައި މޫނު ފޮރުވިއެވެ. ހިފަހައްޓަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ޝެލީއަށް ނުހިފެހެއްޓުނެވެ.

"މާމާ، އަޅުގަނޑަށް ކެތްކުރަން ހާދަ އުނދަގުލޭ" ޝެލީ ބުންޏެވެ.

(ނުނިމޭ)