ހުޅުމާލެ ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރަސްމީގޮތުން ހުޅުއްވައިދެއްވައިފިއެވެ.

މިއަދު ހެނދުނު ހުޅުމާލެ ހޮސްޕިޓަލުގައި، ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ރަސްމީގޮތުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އަނބިކަނބަލުން ފަޒުނާ އަހުމަދު ބައިވެރިވެވެވަޑައިގެންނެވިއެވެ. އަދި މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ސެންޓަރު ހުޅުއްވައިދެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ވަނީ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ބައްލަވާލައްވައިފައެވެ.

ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރަކީ ނުކުޅެދުންތެރިކަން ތަހައްމަލުކުރަމުންދާ ކުދިންނާއި އެކުދިންގެ އާއިލާތަކަށް ބޭނުންވާ ހިދުމަތްތައް އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމުގެ ގޮތުން ގާއިމުކޮށްފައިވާ ސެންޓަރެކެވެ. މި ސެންޓަރުގައި ހިދުމަތް ފޯރުކޮށްދެނީ އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށެވެ.

އެގޮތުން ޖިސްމާނީ، ވިސްނުމުގައި އުނިކަމާއި އުނގެނުމުގެ ދަތިކަން ހުންނަ ކުދިން، ސިކުނޑިއާއި ނާރުތަކުގެ ބަލިތައް ތަހައްމަލު ކުރަމުންދާ ކުދިންނާއި ވާހަކަދައްކަން ދަތިކަން ހުންނަ ކުދިންނަށް މި ސެންޓަރުގައި ފަރުވާ ފޯރުކޮށްދެއެވެ. މި ސެންޓަރުގެ ހިދުމަތް ރަސްމީގޮތުން ފެށުމުގެ ކުރިން ބައެއް ހިދުމަތްތައް ވަގުތީގޮތުން ދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން މި ސެންޓަރުގައި 67 ކުއްޖަކު މިހާރު ރެޖިސްޓްރީވެ ހިދުމަތް ހޯދަމުންދެއެވެ.

މި ސެންޓަރުގެ މަގުސަދަކީ ސެންޓަރުގެ ހިދުމަތް ހޯދާ ކުދިން، ދިރިއުޅޭ މާހައުލުގައި އަދި މުޖުތަމައުގައި އެންމެ ފުރިހަމައަށް އަމިއްލައަށް އުޅެވޭނެ ގޮތްތަކަށް މަގުފަހިކޮށްދީ މަސައްކަތްކޮށްދިނުމުވެ. އެގޮތުން އެކުދިންނަށް ބޭނުންވާ ތެރެޕީއާއި ރިހެބިލިޓޭޓިވް ފަރުވާ ފަދަ ހިދުމަތްތައް މި ސެންޓަރުން ފޯރުކޮށްދޭނެއެވެ.

ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި، މި ސެންޓަރުން ލިބޭ ހިދުމަތްތަކަކީ މީގެ ކުރިން ރާއްޖޭގައި ހޯދަން އުނދަގޫ ހިދުމަތްތަކެއްކަން ފާހަގަކުރައްވައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މި ސެންޓަރުގެ ހިދުމަތް ރަސްމީގޮތުން ފެށުމާއެކު މި ދާއިރާއިން ހިދުމަތް ހޯދާ ފަރާތްތަކަށް ވަރަށްބޮޑު ލުއިފަސޭތަކެއް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ސެންޓަރުގެ ހިދުމަތް ފުޅާކޮށް، މުސްތަގުބަލުގައި ރާއްޖޭގެ އުތުރާއި ދެކުނުގައި މިފަދަ ސެންޓަރުތަކެއް ގާއިމުކުރެވިގެންދާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ސިއްހީ ދާއިރާއިން މީހުން ތަމްރީނުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ވެސް ފާހަގަކުރެއްވިއެވެ.

ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ ވަނީ އެ ސެންޓަރަށް ބޭނުންވާ ބައެއް ހާއްސަ ތަކެތި ހަދިޔާ ކުރައްވައިފައެވެ.