ޚަބަރު

ސަރުކާރު މުވައްޒަފުންނަށް ލިބޭ އެވަރެޖު އާމްދަނީ 1.6 އިންސައްތަ އިތުރުވެއްޖެ

މުހައްމަދު ޖަމްޝަތް ވަހީދު

މިދިޔަ ޑިސެމްބަރު މަހާ އަޅައި ބަލާއިރު ސަރުކާރު މުވައްޒަފުންނަށް ލިބޭ އެވަރެޖު އާމްދަނީ މަތިވެއްޖެއެވެ.

މޯލްޑިވްސް ސްޓެޓިސްޓިކަލް ބިއުރޯއިން ކޮންމެ މަހަކު އާންމުކުރާ މަންތުލީ ގަވަމެންޓް ވޭޖް އިންޑެކްސްގެ ޖެނުއަރީ މަހުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅައި ބަލާއިރު، މިއަހަރުގެ ޖެނުއަރީ މަހު ސަރުކާރު މުވައްޒަފުންގެ އެވަރެޖު މުސާރަ ވަނީ 1.6 އިންސައްތަ އިތުރުވެފައެވެ. އެގޮތުން މިދަޔަ އަހަރުގެ ޑިސެމްބަރުގައި އެވަރެޖު މުސާރައަކީ 15،441 ރުފިޔާއެވެ. ނަމަވެސް މިއަހަރުގެ ޖެނުއަރީ މަހުގައި އެ އަދަދު ވަނީ 15،686 ރުފިޔާއަށް އިތުރުވެފައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކާ ހަވާލާދީ ސްޓެޓިސްޓިކަލް ބިއުރޯއިން އާއްްމުކޮށްފައިވާ މި އިންޑެކްސްގައި ބުނެފައިވާ ގޮތުން ފާއިތުވި އަހަރުގެ ޑިސެމްބަރު މަހާ އަޅައި ބަލާއިރު ސަރުކާރު މުވައްޒަފުންގެ އަދަދުވެސް ޖެނުއަރީ މަހު ވަނީ 0.5 އިންސައްތަ އިތުރުވެފައެވެ.

އެ ހިސާބުތައް ދައްކާ ގޮތުން ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން އިދާރީ ހިންގުމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ 22 އިންސައްތަ މުވައްޒަފުންނަށް ޖަނުއަރީ މަހު ލިބިފައިވަނީ އަސާސީ މުސާރައިގެ ގޮތުގައި 5،000 ރުފިޔާއެވެ. އަދި 38 އިންސައްތަ މުވައްޒަފުންނަށް އަސާސީ މުސާރައިގެ ގޮތުގައި 6،500 ރުފިޔާއާއި 9،999 ރުފިޔާއާ ދެމެދުގެ މިންވަރެއް ލިބިފައިވާ އިރު، 15 އިންސައްތަ މުވައްޒަފުންނަށް 10،000 ރުފިޔާއާއި 17،999 ރުފިޔާއާ ދެމެދުގެ މިންވަރެއް އަސާސީ މުސާރައިގެ ގޮތުގައި ވަނީ ލިބިފައެވެ.

އެކި ދާއިރާތަކުގެ މުވައްޒަފުންގެ އާމްދަނީއަށް ބަލާ އިރު، ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅައި ބަލާއިރު މިއަހަރުގެ ޖެނުއަރީ މަހުގައި އެވަރެޖުކޮށް ލިބުނު އާމްދަނީ ވަނީ 1.8 އިންސައްތަ ދަށަށް ގޮސްފައެވެ.

ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ 4،271 މުވައްޒަފުންގެ ތެރެއިން 18 އިންސައްތަ މުވައްޒަފުންނަށް އަސާސީ މުސާރައިގެ ގޮތުގައި 5،000 ރުފިޔާއަށްވުރެ މަދު މިންވަރެއް ލިބޭ އިރު 11 އިންސައްތަ މުވައްޒަފުންނަށް ލިބެނީ 5،000 ރުފިޔާއާއި 6،499 ރުފިޔާއާ ދެމެދުގެ މުސާރައެކެވެ. އަދި 16 އިންސައްތަ މުވައްޒަފުންނަށް 10،000 ރުފިޔާއާއި 17،999 ރުފިޔާއާ ދެމެދުގެ އަދަދެއް އަސާސީ މުސާރައިގެ ގޮތުގައި ލިބިފައިވާ އިރު، 18،000 ރުފިޔާއަށް ވުރެ އިތުރަށް އަސާސީ މުސާރަ ލިބޭ މުވައްޒަފުންގެ އިންސައްތައަކީ އެކެކެވެ.

ސިއްހީ އަދި އިޖުތިމާއީ ދާއިރާއަށް ބަލައިލާ އިރު، އެ ދާއިރާގެ މުވައްޒަފުންގެ އެވަރެޖު އާމްދަނީ ވަނީ 4.3 އިންސައްތަ އިތުރުވެފައެވެ. އެ ދާއިރާގައި މަސައްކަތް ކުރާ 5،292 މުވައްޒަފުންގެ ތެރެއިން 40 އިންސައްތަ މުވައްޒަފުންގެ އަސާސީ މުސާރައަކީ 5،000 ރުފިޔާއެވެ. އަދި 14 އިންސައްތަ މުވައްޒަފުންނަށް 5،000 ރުފިޔާއާއި 9،999 ރުފިޔާއާ ދެމެދުގެ އަސާސީ މުސާރައެއް ލިބޭ އިރު، 11 އިންސައްތަ މުވައްޒަފުންނަށް ލިބެނީ 10،000 ރުފިޔާއާއި 17،999 ރުފިޔާއާ ދެމެދުގެ މިންވަރެކެވެ.

މި ހިސާބުތަކަށް ބަލާއިރު އެވަރެޖު އާމްދަނީ އެންމެ ބޮޑީ އާންމު އިދާރީ ހިންގުމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެއެވެ. އެ މުވައްޒަފުންގެ އެވެރެޖު މުސާރައަކީ 15،920 ރުފިޔާއެވެ.