ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މަޖިލިސް ހަރަދުގައި ނާސްތާ ދިނުމަށް ކަނޑައަޅާފައިވާ ޕްރޮގްރާމްގެ ދަށުން މިއަހަރު ތިން މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށާއި، އެހެންކަމުން މަޖިލިސް މެންބަރުންނާ ހިލޭ ނާސްތާދިނުން ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ހުށަހަޅުއްވައިފިއެވެ.

މެމްބަރު ޔައުގޫބު އެގޮތަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ބޭސްފަރުވާގެ ހިދުމަތް ދޭ ހެލްތު އިންޝުއަރެންސް ސްކީމުގައި އެމީހުންގެ އަނބިމީހާ ނުވަތަ ފިރިމީހާ އަދި 18 އަހަރު ނުފުރޭ ދަރިން ބައިވެރިކުރުމާ ގުޅޭ ގޮތުން މަޖިލީހުން ގޮތެއް ކަނޑައެޅުމަަށް، މަޖިލީހުގެ އާއްމު ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވި މައްސަލައާ ގުޅޭ ގޮތުން މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ.

ޔައުގޫބު ވިދާޅުވީ، މަޖިލިސް މެންބަރުންނަށް ފޯރުކޮށްދޭ ނާސްތާ ޕްރޮގްރާމަށް، 2019 އަހަރު ހަތަރު މިލިޔަނެއްހާ ރުފިޔާ ހޭދަކޮށްފައިވާ ކަމަށާއި 2021 ވަނަ އަަހަރު 2.1 މިލިއަން އަދި މި ހިނގާ 2022 ވަނަ އަހަރު ތިން މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

އެހެންކަމުން މަޖިލިސް މެންބަރުންނަށްވީތީ ހިލޭ ނާސްތާ ލިބެންޖެހޭނެ ކަމަށް ގަބޫލުނުކުރައްވާތީ މެންބަރުންނަށް ނާސްތާދިނުން ހުއްޓައިލުމަށް ހުށަހަޅުއްވާ ކަމަށް ޔައުގޫބު ވިދާޅުވިއެވެ.

"އެހެންކަމުން އަޅުގަނޑު ހުށަހަޅަން އަދި ރައްޔިތުންގެ މަޖިލިސް މެންބަރުން އެކަމަށް ރުހޭނެ ކަމަށް އުއްމީދުވެސް ކުރަން، ހިލޭ އޮންނަ ނާސްތާ ޕްރޮގްރާމް ކަނޑާލައި، މިތާ ތެރެއިން ކެއުމުގެ ކޮންމެސް ކަހަލަ އިންތިޒާމެއް ހަމަޖައްސައި އަޅުގަނޑުމެން އަމިއްލަ އަތުން ފައިސާ ދައްކައިގެން އެކަން ކުރެވޭނެ އިންތިޒާމަކަށް ބަދަލުކުރަން އަޅުގަނޑު ހުށަހަޅަން" ޔައުގޫބު ވިދާޅުވިއެވެ.

މަޖިލިސް މެންބަރުންނަށް ބޮޑު މުސާރައާއި އެކިއެކި އިނާޔަތްތަކާއި ކަންކަން ހަމަޖެހިފައިވާ އިރު، މަޖިލީހަކީ ވަކި އިދާރާއަކަށްވީތީ، އިތުރަށް ބޮޑެތި އިނާޔަތްތަކެއް ލިބުމަކީ ގަބޫލުކުރާ ކަމެއް ނޫން ކަމަށްވެސް ޔައުގޫބު ވިދާޅުވިއެވެ.

"އަދި އަޅުގަނޑަށް އެއްއެގޮތަކަށް ބޭނުންކުރަން ކެރޭނެކަމެއްވެސް ނޫން އެއީ، އެހެންވީމަ އަޅުގަނޑު ވަރަށް އާދޭހާއެކު ދަންނަވަން ކޮންމެ އަހަރަކު ގާތްގަނޑަކަށް ތިނެއް ހަތަރެއް މިލިއަން ރުފިޔާ ސަލާމަތްވެެގެންދާ އިރު، އެ ފައިސާ އެހެން ދިމާލަކަށް ބޭނުންކޮށްގެން ޔުޓިލައިސް ކޮށްލެވޭނެ އިންތިޒާމެއް އަޅުގަނޑުމެން ހަދަން،" ޔައުގޫބު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ދެމުން އަންނަ މުސާރައިގެ އިނާޔަތް ކަނޑައިލުމަށްވެސް މެމްބަރު ޔައުގޫބު ވަނީ ހުށަހަޅުއްވައިފައެވެ.

ގާނޫނުުންގެ ދަށުން، މަޖިލިސް މެންބަރުކަމުގެ އެއް ދައުރު އަދާކޮށްފައިވާ މީހަކަށް މަޖިލިސް މެންބަރެއްގެ މުސާރައިގެ 30 ޕަސެންޓް އަދި ދެ ދައުރު ހަމަކުރާ ކޮންމެ މީހަކަށް މުސާރައިގެ 45 ޕަސެންޓް ލިބެއެވެ. ޔައުގޫބު ވަނީ އެ އިނާޔަތް ކަނޑާލުމަށްވެސް ހުށަހަޅުއްވައިފައެވެ.

އޭނާ ވިދާޅުވީ، މެންބަރުގެ ކަމުގެ މަސައްކަތް ނުކުރާ މުއްދަތަކަށް އިނާޔަތް ލިބެންޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.