ތ. ދިޔަމިގިލީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި މައްސަލައިގައި ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި އެވެ.
ދިޔަމަިގިލީ މަގެއްގެ މަތީގައި އެރަށު މުދިމަކަށް އުޅޭ އަހުމަދު ރަޝީދު ގަޔަށް ވަޅި ހެރީ އޭނާގެ ގާތް ރަހުމަތްތެރިއެއް ކަމަށް މައުލޫމާތު ލިބެ އެވެ. އަދި އޭނާގެ ކަރަށާއި ބުރަކަށި އަދި ބޮލަށް ފުން ޒަހަމްތަކެއް ދީފައިވާއިރު އޭނާގެ ފައިވެސް ރަނގަޅަށް ހަރަކާތް ނުކުރާކަމަށް މައުލޫމާތު ލިބެ އެވެ.
ފުލުހުން ވަނީ ތުހުމަތު ކުރެވޭ މީހާ އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ މި މައްސަލައިގައި ހައްޔަރުކުރި 35 އަހަރުގެ ދިވެހި ފިރިހެންމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މަޑިފުށީ ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
އަނިޔާ ލިބުނު މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނައިރު މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
އުމުރުން 55 އަހަރުގެ އަހުމަދު ރަަޝީދަށް ހަމަލާދިނީ ކީއްވެގެން ކަމެއް އަދި ނޭނގެ އެވެ. ނަމަވެސް ހަމަލާދޭ ތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމުވެފަ އެވެ. 15 ސިކުންތުގެ މި ވީޑިއޯގައި އަހުމަދު ރަޝީދު ބައިސްކަލުގައި ހުންނަތަން ފެނެ އެވެ. އަދި ބައިސްކަލުގެ ކުރީ ފުރޮޅު ކައިރީގައި ހަމަލާދިން މީހާ ހުއްޓިގެން ހުރެ ވާހަކަ ދައްކާތަން ފެނެ އެވެ.
އެހެން ތިބެފައި ދެން ފެންނަނީ ކަނާއަތު ޖީބުގައި އޮތް ވަޅި ނަގައި ބައިސްކަލުގައި އިން މީހާއަށް ހަމަލާދޭން ފަށާ މަންޒަރެވެ. ފަސް ފަހަރު ވަޅިން ހަމަލާދީ، ބައިސްކަލުގައި އިން މީހާ ވެއްޓުމުން ހަމަލާދިން މީހާ މަޑު ދުވުމެއްގައި ކުރިއަށްދާ މަންޒަަރު ވީޑިއޯއިން ފެނެއެވެ. ނަމަވެސް ހަމަލާތަކުގެ ސަބަބުން ވެއްޓިފައި އޮތް މީހާ ހަރަކާތް ކުރާތަން ފެނުމުން ދެވަނަ ފަހަރަށް ގޮސް އަނެއްކާ ވަޅި ހަރަން ފަށައެވެ. ދެވަނަ ފަހަރު ވަޅި ހެރީ ހަ ތަނަކަށެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި އެމީހާގެ ގައިގެ 11 ތަނަކަށް ވަޅި ހެރީ އެންމެ 15 ސިކުންތުގެ ތެރޭގައެވެ. ގައިގެ އެކި ތަންތަނަށް ވަޅި ހެރުމަށް ފަހު އެމީހާ މަޑު ހިނގުމެއްގައި ދުރަށް ދެއެވެ. އަދި ގެއެއްގެ ފާރު ބޭރުގައި އެއްޗެހިތަކެއް އަޅާފައި ހުރި ހުދުކުލައިގެ ބޮޑު ގޯންޏެއްގައި ވަޅި ހާކާލައި، ލޭތައް ފޮހެލައެވެ.
ޚަބަރު
ޚަބަރު
ޚަބަރު