އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއިން ކުޅުނު މެޗުގައި ލެސްޓާ ސިޓީ ބަލިކޮށްފިއެވެ.

އާސެނަލް އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ލެސްޓާ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުން ހޯދި ތިން ޕޮއިންޓާއެކު އާސެނަލް ވަނީ އަނެއްކާވެސް ގަދަ ހަތަރެއްގެ ތެރެއަށް ޖެހިލައިފައެވެ. މިހާތަނަށް ކުޅުނު 26 މެޗުން ހޯދި 51 ޕޮއިންޓާއެކު އާސެނަލް ހަތަރު ވަނައިގައި އޮތް އިރު، 29 މެޗުން ހޯދި 50 ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ ފަސްވަނައިގައެވެ. ވެސްޓްހަމްއިންވެސް ގަދަ ހަތަރަކަށް ފައި ވިއްދާފައި އޮތް އިރު، އެޓީމު ހަވަނައިގައި އޮތީ 29 މެޗުން 48 ޕޮއިންޓް ހޯދައިގެންނެވެ.

އާސެނަލްއިން ރޭ ހޯދި މޮޅަކީ ލީގުގައި ޖެހިޖެހިގެން ހޯދި ފަސްވަނަ މޮޅެވެ.

ރޭގެ މެޗުގައި މޮޅަށް ކުޅުނު އާސެނަލްއިން 11 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. މިދިޔަ ހަފުތާގައި ބްރެޒިލްގެ ސްކޮޑުން އަލަށް ފުރުސަތު ލިބުނު ގެބްރިއެލް މާޓިނެލީގެ ކޯނަރުން އާސެނަލްއަށް ގޯލު ޖަހައިދިނީ ތޯމަސް ޕާޓޭއެވެ. ކޯނަރުން ހުރަސް ވެގެން ދިޔަ ބޯޅަ ޕާޓޭ ޖެހީ ބޮލުންނެވެ.

އޭގެ އިތުރުން ޕާޓޭ ޖެހި ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވެފައިވާ އިރު، އާސެނަލްއަށް ލީޑު ހިފަހައްޓައިދިނުމުގައި ގޯލްކީޕަރު އާރޮން ރެމްސްޑޭލް ކުރި މަސައްކަތް ފާހަގަކުރެވުނެވެ. ހާވީ ބާންސްގެ ދެ ހަމަލާއެއް ރެމްސްޑޭލް މަތަކުރި އިރު، ބާންސް ބޮލުން ޖެހި ބޯޅައިގައި ރެމްސްޑޭލް ކުރި މޮޅު ސޭވް ފާހަގަކޮށްލެވުނެވެ.

ދެވަނަ ހާފަށް ނުކުމެ އާސެނަލްއިން ލީޑު ފުޅާކުރި ލިބުނު ޕެނަލްޓީއަކުންނެވެ. ލެސްޓާ އޭރިއާ ތެރެއިން އެޓީމުގެ ޑިފެންޑަރު ކަގްލާ ސޮޔުންޗީ އަތުގައި ބޯޅައިން ޖެހުމުން ރެފްރީ ޕެނަލްޓީ ދިނީ ގިނަ އިރުތަކެއް ވަންދެން ވީއޭއާރް ބެލުމަށްފަހުއެވެ. އެ ޕެނަލްޓީ ކާމިޔާބު ކޮށް ލީޑު ފުޅާކޮށްދިނީ އެލެކްސެންޑްރާ ލަކަޒެޓެވެ.

ރޭގެ މެޗުން ބަލިވި ލެސްޓާ މިވަގުތު އޮތީ ލީގު ތާވަލުގެ 12 ވަނައިގައެވެ. ރޭގެ ނަތީޖާއާއެކު އާސެނަލްއަށް ވަނީ 2016-17 ވަނަ އަހަރުގެ ސީޒަނަށްފަހު ޗެމްޕިއަންސް ލީގަކަށް ފުރުސަތު ފަހިވެފައެވެ. އެޓީމަށް ލީގުގައި 12 މެޗު އޮތް އިރު، ގަދަ ހަތަރެއް ދެމެހެއްޓުމުގެ ފުރުސަތު އޮތީ ބޮޑު ކޮށެވެ.