ގައުމީ ބާސްކެޓް ލީގުގައި ރޭ ކުޅުނު މެޗުގައި ޓީރެކްސް ބަލިކޮށް، ކިންގްސްއިން ތިންވަނަ ފަހަރަށް ތަށި އުފުލާލައިފިއެވެ.

ކިންގްސްއިން ތަށި އުފުލާލީ ރޭ ކުޅުނު ލީގުގެ ފަހު މެޗުގައި ޓީރެކްސްގެ މައްޗަށް 88-85 ޕޮއިންޓުން ކުރި ހޯދައިގެންނެވެ. ލީގުގައި ކުޅުނު 10 މެޗުންވެސް ކިންގްސް މޮޅުވެފައިވާ އިރު، ރޭގެ ތަށްޓަކީ 2017 ވަނަ އަހަރު ވުޖޫދުވި ކިންގްސްގެ ތާރީހަށް ހާއްސަ ތަށްޓެކެވެ. އެއީ ރޭގެ ތަށްޓާއެކު އެ ކްލަބަށް ވަނީ ގައުމީ ތަށި ދިފާއުވެސް ކުރެވިފައެވެ. އެންމެ ފަހުން 2020 ގައި އޮތް ގައުމީ ލީގު ކިންގްސް ހޯދީވެސް ޓީރެކްސް ފަހަތަށް ޖައްސާލައިގެންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު ލީގުގެ ފަހު މެޗަށް ނުކުތްއިރު ޓީރެކްސް އަށް ތަށި ލިބެން އޮތީ ހަތަރު ޕޮއިންޓްގެ ތަފާތުން ކިންގްސް ބަލިކޮށްގެންނެވެ. އެ ޕްރެޝަރުގައި ނުކުތް ޓީރެކްސްއަށް މެޗުގެ ފެށުން ދިޔައީ އުނދަގޫ ކޮށެވެ. މެޗުގެ ކުރީކޮޅުގައި ކިންގްސްއިން ބޮޑު ލީޑެއް ނެގި އިރު، ބިދޭސީ ކުޅުންތެރިން ކަމަށްވާ އާލަންޑޯ "ބެންޑޯ" ކުކް އާއި ޑެކޯރޭ ޖޯންސް ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކިއެވެ.

ފުރަތަމަ ދެ ކުއާޓާ ނިންމާލިއިރުވެސް ކިންގްސްއިން ކުރީގައި އޮތް އިރު، ޓީރެކްސްއިން ތިން ވަނަ ކުއާޓާގައި ކުޅުން ރަނގަޅުކުރިއެވެ. އެ ކުއާޓާގައި ޓީރެކްސްގެ ބިދޭސީ ކުޅުންތެރިޔާ ފިލިޕް ވުކޮސަޔެވިޗް އާއި އިސްމާއިލް ވިލްދާން އަދި އަހުމަދު ޒަބީރު (ޒަބީ)ގެ ކުޅުން ފާހަގަކޮށްލެވުނު އިރު، ކުއާޓާ ނިމުނުއިރު ކިންގްސްއިން ނަގާފައި އޮތް ބޮޑު ލީޑު ޓީރެކްސްއިން އެންމެ ޕޮއިންޓަކަށް ކުޑަކުރިއެވެ.

ހަތަރު ވަނަ ކުއާޓާގައި ޓީރެކްސްއިން ފަހަތުން އަރައި އަށް ޕޮއިންޓްގެ ލީޑެއްވެސް ނެގިއެވެ. އެހެން ނަމަވެސް ކިންގްސްއިން ވަނީ އަލުން މެޗަށް ވަދެ ނަތީޖާ އަނބުރާލައިފައެވެ. ނަތީޖާ އަނބުރާލުމުގައި ކިންގްސްގެ ތަޖުރިބާކާރު ކުޅުންތެރިން ދެއްކި ހިތްވަރު ފާހަގަވެގެން ދިޔައެވެ.

ފޯރިގަދަ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ޓީރެކްސްގެ ފިލިޕް އަށެވެ. ލީގުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ކިންގްސްގެ ބެންޑޯ، ޑެކޯރޭ، ރެޕްޓާސްގެ ޖެފްރީ ކޯބީގެ އިތުރުން ބައުސްގެ ޖޭމްސް ސްޓެން ބެކް އަދި ރެޑްވިންގްސްގެ ތޯމަސް މަލިކް ގެރަލްޑްއެވެ.

ގައުމީ ލީގުގެ ފުރަތަމަ ޑިވިޝަންގައި ހަ ޓީމަކުން ވާދަކޮށްފައިވާ އިރު، ދެން އޮތީ ގައުމީ މުބާރާތެވެ. ގައުމީ މުބާރާތުގެ ކުޅުން އަންނަ ހޮނިހިރު ދުވަހު ފަށާއިރު، ފުރަތަމަ ސެމީ ފައިނަލްގައި ވާދަކުރާނީ ވެސް ކިންގްސް އާއި ޓީރެކްސްއެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭއިރު، ބަލިވާ ޓީމެއް ތިން ވަނަ ސެމީގައި ނުކުންނާނީ ދެ ވަނަ ސެމީ ފައިނަލްގައި ބައުސް އާއި ރެޑްވިންގްސް ބީސީ ވާދަކޮށް މޮޅުވާ ޓީމަކާ ދެކޮޅަށެވެ.