ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ގައުމީ އިނާމާ ބެހޭ ކޮމިޓީ އަލުން އެކުލަވާލައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ރައީސް ސޯލިހު ގައުމީ އިނާމާ ބެހޭ ކޮމިޓީ އަލުން އެކުލަވައިލެއްވީ ކޮމިޓީގެ މުއްދަތު ހަމަވުމާ ގުޅިގެން ކަމަށެވެ.

ގައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއާޕަސަންކަމަށް އައްޔަންކުރެއްވީ ކުރިންވެސް އެ މަގާމުގައި ހުންނެވި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަނީސާ އަހްމަދެވެ. އެ ކޮމިޓީއަށް އަލަށް އައްޔަނު ކުރެއްވި ބޭފުޅުންނަކީ، މައ. މާފުނަ، މުހައްމަދު އިސްމާއީލްފުޅާއި މއ. ކަޝްމީރުވާދީ، އިބްރާހީމް ހުސައިން މަނިކާއި މ. ދިޖުލަތު ކޯރު، ހާފިޒާ އިބްރާހީމް އަދި މ. އަލިހަނދުވަރުގޭ، އަހްމަދު ޝުޖާއުއެވެ.

އެ ބޭފުޅުންގެ އިތުރުން، އެ ކޮމިޓީގައި މިހާރު ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ނިޝާން މުލީގެ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އިބްރާހީމް އިސްމާއީލް އަލީ އާއި ރައީސް އޮފީހުގެ ސެކްރެޓަރީ، ކޯޕަރޭޓް ސާވިސްގެ މަގާމުގައި ހުންނެވި ހުސައިން އާމިރާއި މ. މާހިޔާ، ރަހީމާ އާދަމް އަދި ހ. އިރުވައި، އާމިނަތު ނާޒެވެ.

ސަރުކާރުން ދެމުން އަންނަ ގައުމީ އިނާމަކީ، ދިވެހި ގައުމާއި ދިވެހި މުޖުތަމައުގެ ހެވާއި ލާބައަށްޓަކައި ވަކިވަކި ފަރުދުންނާއި، މިނިވަން މުއައްސަސާތަކުންނާއި، މަދަނީ އެކިއެކި ޖަމިއްޔާ ޖަމާއާތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދިވެހި ގައުމުގެ ތަރައްގީއަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެކަންކަމުގެ އަގު ވަޒަންކޮށް، ހިތްވަރުދިނުމުގެ މަގުސަދުގައި ކޮންމެ އަހަރަކު ދެމުން އަންނަ އިނާމެކެވެ.

ގައުމީ އިނާމުގެ ގޮތުގައި ދެމުން އަންނަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރުދިނުމުގެ ގައުމީ އިނާމެވެ.