ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން ސިރީލަންކާގެ ރަތުމަލާނަ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފަށަން ނިންމާފައިވާކަން އިއުލާނުކޮށްފިއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން މިއަދު ބުނީ ރަތުމަލާނަ އިންޓަނޭޝަނަލް އެއާޕޯޓް ސައުތު އޭޝިއާގެ ގައުމުތަކަށް ހުޅުވާލުމާއެކު އެ އެއާޕޯޓަށް ދަތުރު ފެށުމުގެ މަޝްވަރާތައް އައިއޭއެސްއިން ކޮށްފައިިވާ ކަމަށެވެ. އެގޮތުން މި މަހުގެ 27 ވަނަ ދުވަހު އެ އެއާޕޯޓަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.

އެދުވަހުގެ އިތުރުން މި މަހުގެ 29 އަދި 31 ވަނަ ދުވަހުގެ އިތުރުން އަންނަ މަހުގެ ތިން ވަނަ ދުވަހަށްވެސް ދަތުރުތައް ޝެޑިއުލް ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ރަތުމަލާނަ އެއާޕޯޓަކީ ލަންކާގެ ފުރަތަމަ އިންޓަނޭޝަނަލް އެއާޕޯޓެވެ. އަދި އެއީ ރާއްޖެއާ އެންމެ ކައިރީގައި އޮންނަ އިންޓަނޭޝަނަލް އެއާޕޯޓެވެ. 1968 ވަނަ އަހަރުން ފެށިގެން އެ އެއާޕޯޓުގެ އިންޓަނޭޝަނަލް ދަތުރުތަށް މެދުކަނޑާލާފައި އޮތް އިރު، އެ އެއާޕޯޓް ބޭނުން ކުރަމުން އައީ އެތެރޭގެ އުދުހުންތަކުގައާއި ޕްރައިވެޓް ޖެޓުތައް ޕާކު ކުރުމަށެވެ.

ރަތުމަލާނަ އެއާޕޯޓް، އިންޓަނޭޝަނަލް ދަތުރުތަކަށް ހުޅުވާލީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

އައިއޭއެސް އިން ބުނީ މޯލްޑިވިއަންގެ ދަތުރުތައް ރަތުމަލާ އެއާޕޯޓަށް ކުރަން ނިންމީ އެ އެއާޕޯޓާއި ކައިރި ސަރަހައްދުތަކުގައި ވަރަށް ގިނަ ދިވެހިން ދިރިއުޅެމުންދާތީ ކަމަށާއި އެ ދަތުރުތަކުން އެތަކެއް ދިވެހީންނަކަށް ލުއިތަކެއް ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.