އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމަށް ދައުލަތުން ކުރަމުންގެންދާ ހުރިހާ ދައުވާއެއް އަނބުރޭ ގެނައުމަށް، ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސަލީމް ގޮވާލައްވައިފިއެވެ.

ސަލީމް އެކަމަށް ގޮވާލެއްވީ، މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، މަޖިލީހުގެ މައިނޯރިޓީ ލީޑަރުގެ ހައިސިއްޔަތުން ޖަވާބު ދެއްވަމުންނެވެ.

ސަލީމް ވިދާޅުވީ، މަލްޓި ޕާޓީ ޑިމޮކްރަސީގައި ވާދަވެރި އިދިކޮޅު ލީޑަރަށް މަސައްކަތް ކުރެވޭނެ މާހައުލެއް އުފެއްދުމުގެ ބަދަލުގައި ސަރުކާރުން މަސައްކަތް ކުރަނީ ވާދަވެރި ފަރާތްތަކުގެ އަޑު ކަނޑުވާލައި ހުރަގެއަށްލައި ބަނދުކުރުމަށް ކަމަށެވެ. އެކަމަކީ ސަރުކާރުން ހިންގާ ޑިމޮކްރަސީއާ ބީރައްޓެހި ފިނޑި އަމަލެއް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީނަށްކުރާ ދައުވާތަކަށް އިޝާރާތް ކުރައްވައި ސަލީމް ވިދާޅުވީ، އެއްވެސް އަސާސެއް ނެތް ކަމެއްގައި އިދިކޮޅު ލީޑަރު ކޯޓުތަކަށް ދެމުމަކީ ނާތަހުޒީބު އަމަލެއް ކަމަށެވެ. އަދި ރައީސް ޔާމީންގެ މައުސޫމުކަން ސުޕްރީމް ކޯޓުން ސާބިތުވުމުންވެސް އެމަނިކުފާނު ޖަލަށް ގެންދެވޭނެ އިތުރު ގޮތްތައް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރުމުންދިއުމަކީ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ސަލީމް އިތުރަށް ވިދާޅުވީ، ސިޔާސީ ނުފޫޒު ފޯރުވައިގެން ރައީސް ޔާމީންގެ ޝަރީއަތުގެ ތާވަލު ބަދަލުކުރަމުންދަނީ ބިރުދައްކަން ކަމަށާއި ޖުޑިޝަރީ އިސްލާހުކުރުމުގެ ބަދަލުގައި އެކަމަކީ ޖުޑިޝަރީ ހަރާބުކުރުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން މުޅި ގައުމު ދަނީ ހަރާބުވަމުން ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އެފަދަ ނާތަހުޒީބު އަމަލުތައް ނުހިންގައި، ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ސަލީމް ވަނީ ސަރުކާރަށް ގޮވާލައިފައެވެ.