އަންހެނުންނަށް ނިސްބަތްކޮށް "ކަނބަލުން" ކިއުމަކީ ހުތުރު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، މަޖިލިސް ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ އަންހެނުންގެ ދުވަހާ ގުޅިގެން ވާހަކަ ދައްކަވަމުންނެވެ. އަދި ރަނގަޅު ގޮތަކީ އަންހެނުންނަށް، އަންހެނުން ނުވަތަ އަންހެން ބޭފުޅުން މުހާތަބު ކުރުން ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑަށް ވަރަށް ހުތުރު، ކަނބަލުންނޭ ކިޔައިގެން މިދައްކާ ދެއްކުން، އަންހެނުން އަންހެން ބޭފުޅުން މިބަސްތައް، އާއްމުކޮށް އަޅުގަނޑުމެން މި ބޭނުން ކުރާ ބަސްތައް، ބޭނުންކުރަމުން ދިއުމަކީ މިއަދު އަޅުގަނޑު ފާހަގަކޮށްލަން ރަނގަޅު ނުކުތާއެއް،" ކަމަށެވެ.

މަޖިލިސް ރައީސް ވިދާޅުވީ، އަންހެނުންގެ ދުވަހާ ގުޅިގެން މަލާއި ކޭކާއި ރަތް ދޫލަ އެޅުމާއި އެބާވަތުގެ ކަންކަން ނުކުރުމަށް ޖެންޑާ މިނިސްޓްރީން އިރުޝާދު ދީފައިވީ ނަމަވެސް މާނަވީ ގޮތެއްގައި އަންހެނުންނާ ގުޅޭ ކަންކަމަށް ބަދަލު ގެނައުމަށް ނިޔަތް ގަނެގެން މަސައްކަތްތައް ހިންގަންޖެހޭ ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް މަޖިލީހުން އިސްލާހު ގެނެސް ކައުންސިލްތަކުން އަންހެނުންނަށް ގޮނޑި ހާއްސަކޮށް، ރާއްޖޭގެ ގިނަ ވެރިކަމުގެ ހިންގުންތަކުގައި އަންހެނުން ވަރަށް ބޮޑަށް ބައިވެރި ކުރުވާފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އަންހެނުންގެ އަދަދު އިތުރުކުރުމަކީ އުއްމީދެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.