ކައުންސިލްތަކަށް ދައުލަތް ތަމްސީލު ނުކުރެވޭނެ ކަމަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ދެންމެ ބާތިލުކޮށްފިއެވެ.
ރަށު ކައުންސިލްގެ އިހުތިސާސް ހިމެނޭ މައްސަލަތަކުގައި ކައުންސިލްތަކުގެ ބަދަލުގައި ދައުލަތް ތަމްސީލުކުރަން ޖެހޭނީ ބަންޑާރަ ނައިބުގެ އޮފީހުން ކަމަށް ހައިކޯޓުން ނިންމީ، އދ. ފެންފުށީ ބަންޑާރަ ބިމަކާ ގުޅޭ ގޮތުން، މ. އުމާން އައްބާސް އަލީކަލޭގެފާނު ކިޔާ މީހަކު ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
ފެންފުށީ މެޖިސްޓްރޭޓް ކޯޓުގެ ނިންމުމާމެދު ހިތްހަމަނުޖެހިގެން އަލީކަލޭގެފާނު ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރި އިރު، އިސްތިއުނާފު ރައްދުވާ ފަރާތެއްގެ ގޮތުގައި ހިމަނާފައިވަނީ ދިވެހި ދައުލަތެވެ.
އެ މައްސަލައިގައި ޖަވާބުދާރީވުމަށް ފެންފުށީ ކައުންސިލަށް ހައިކޯޓުން އެންގުމުން، ފެންފުށި މެޖިސްޓްރޭޓް ކޯޓުގައި ޖަވާބުދާރީ ވެފައިވަނީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކަމަށް އެ ކައުންސިލުން އެންގިއެވެ. އަދި ހައިކޯޓު ފަދަ ކޯޓުތަކުގައި މައްސަލަތަކަށް ވަކާލާތުކޮށް ޖަވާބުދާރީވާނެ ފަންނީ އަދި މާލީ ގާބިލުކަން އެ ކައުންސިލަށް ލިބިފައިނުވާ ކަމަށްވެސް ބުންޏެވެ.
ނަމަވެސް ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގައި އެޓާނީ ޖެނެރަލްގެ އެހީތެރިކަން ހޯދަން އެދުމުން، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރަށު ކައުންސިލުތަކަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަދި އަމިއްލަ ނަމުގައި މުއާމަލާތު ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ގާނޫނީ ޝަހްސިއްޔަތަކަށްވާތީ ކައުންސިލުން ހައިކޯޓުގައި ތަމްސީލުކޮށް، އެޓާނީ ޖެނެރަލްއަށް ވަކާލާތު ނުކުރެވޭނެ ކަމަށް އަންގާފައިވާ ކަމަށް ފެންފުށީ ކައުންސިލުން ބުންޏެވެ.
އެ މައްސަލަ ހައިކޯޓުން ބަލައި ސެޕްޓެމްބަރު 8، 2021ގައި ކުރި ހުކުމުގައި ބުނެފައިވަނީ، ބަންޑާރަ ނައިބު ހިމެނޭ މައްސަލަތަކުގައި ކައުންސިލުތަކަށް އަމިއްލައަށް ކޯޓުގައި ތަމްސީލު ނުކުރެވޭނެ ކަމަށާއި އެފަދަ މައްސަލަތަކުގައި ގާނޫނީ ލަފާ ދިނުމާއި ދައުލަތް ތަމްސީލުކުރަން ޖެހޭނީ އޭޖީ އޮފީހުން ކަމަށެވެ.
ހައިކޯޓުގެ އެ ނިންމުން ސުޕްރީމްކޯޓުގައި އިސްތިއުނާފް ކުރީ އޭޖީ އޮފީހުންނެވެ. އޭޖީ އޮފީހުގެ ހުށަހެޅުމުގައި ބުނެފައި ވަނީ އެ ނުކުތާގައި ހައިކޯޓުން ގާނޫނު މާނަކޮށްފައިވަނީ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމުގެ ނިޒާމާ ހިލާފަށް ކަމަށެވެ. އަދި މައްސަލައިގެ އަޑުއެހުންތަކުގައި ހައިކޯޓުގެ މާނަކުރުން ގޯސް ކަމަށް އޭޖީ އޮފީހުން ތަކުރާރުކޮށް ވަކާލާތު ކުރިއެވެ.
އެ މައްސަލައިގެ އެއް އަޑުއެހުމަށްފަހު, ސުޕްރީމް ކޯޓުން މިއަދުވަނީ ހައިކޯޓުން ކުރި ހުކުމް ބާތިލްކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިހްތިސާސް ތެރޭގައި ހިމެނޭ ބަންޑާރަ ބިމުގެ މައްސަލަތަކުގައި ލޯކަލް ކައުންސިލްތަކަށް އަމިއްލައަށް ކޯޓުގައި ތަމުސީލު ކުރެވޭނެ ކަމަށާއި އެބާވަތުގެ މައްސަލަތަކާ ގުޅުން ހުރި މައްސަލަތަކުގައި ދައުލަތް ތަމުސީލު ކުރަންޖެހޭނީ ބަންޑާރަނާއިބުގެ ފަރާތުންކަމަށް ހައިކޯޓުން ކަނޑައަޅާފައި ވަނީ، ގާނޫނުއަސާސީއާއި ލާމަރުކަޒީ ގާނޫނާ ހިލާފަށް ކަމަށެވެ.
އެހެންކަމުން ލޯކަލް ކައުްސިލުތަކަށް އަމިއްލައަށް ކޯޓުތަކުގައި ތަމުސީލުކުރެވޭނެ ކަމަށާއި އެ ބާވާތުގެ ދައުވާތަކާ ގުޅުން ހުރި މައްސަލަތަކުގައި ދައުލަތް ތަމުސީލުކުރަން ޖެހޭނީ ބަނޑާރަ ނައިބުގެ ފަރާތުން ކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުން މި މައްސަަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ބާތިލުކުރާ ކަމަށް ހުކުމުގައިވެއެވެ.
މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ތިން ފަނޑީޔާރުން ހިމެނިވަޑައިގަންނަވާ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔެވެ. ދެން ތިއްބެވީ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދު ހުސެއިންއެވެ.
ޚަބަރު
ޚަބަރު
ޚަބަރު