މިއަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް މާދަމާ ފާހަގަކުރާ އިރު، އަންހެނުންނަށް ހާއްސަކޮށްގެން ވަކި ހަދިޔާތަކެއް ނުދިނުމަށް ޖެންޑާ މިނިސްޓްރީން އެދެފިއެވެ.
ޖެންޑާ މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ބާއްވާ އިރު، މަރުހަބާ ކިޔަން ރަތް ދޫލަ އެޅުމާއި މާބޮނޑި ދިނުމާއި ޗޮކްލެޓު ދިނުމާއި ފިނިފެންމާ ދިނުމާއި ކޭކާއި ބަދިގޭގައި ގެންގުޅޭ ތެލި، ތަށި އުނދުޅި އަދި ގޭތެރެ ސާފުކުރުމަށް ބޭނުންކުރާ މޮޕް އަދި ފިހިގަނޑު ފަދަ ތަކެތި ނުދިނުމަށް އެދޭ ކަމަށެވެ.
އޭގެ އިތުރުންވެސް ވަކި ޖިންސަކަށް ނިސްބަތްވާ ކަމަށް މުޖުތަމައުގައި ގަބޫލުކުރެވޭ ކުލަތައް ކަމުގައިވާ ފިޔާތޮށި ކުލަ ބޭނުން ނުކުރުމަށް ސަމާލުކަން ދިނުމަށްވެސް ޖެންޑާ މިނިސްޓްރީން ވަނީ އެދިފައެވެ.
މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރަކީ "ޖެންޑާ އީކުއަލިޓީ ޓުޑޭ ފޯ އަ ސަސްޓެއިނަބަލް ޓުމޯރޯ" އެވެ. މި ދުވަސް ފާހަގަކުރާ އިރު، ހޭޝްޓެގްގެ ގޮތުގައި "ޖެނެރޭޝަން އިކުއަލިޓީ" އަދި "އައިޑަބްލިއުޑީ2022" ބޭނުންކުރުމަށްވެސް އެ ސާކިއުލާގައިވެއެވެ.
ސަރުކާރުގެ އޮފީސްތަކުގައި މީގެ ކުރިން އަންހެނުންގެ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރެއެވެ. އެގޮތުން ރަތް ދޫލައިގައި މަރުހަބާ ކިޔުމާއި ހަދިޔާ ދިނުމާއި މާބޮނޑި ދިނުން ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު