ފެނާއި ނަރުދަމާގެ ގާނޫނާ ހިލާފުވާ ފަރާތްތަކާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފުވާ ފަރާތްތައް، 1،000،000 ރުފިޔާއަށްވުރެން ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރަން ގާނޫނަށް އިސްލާހު ހުށަގެޅި ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު މަޖިލީހަށް ބަލައިގަތީ ޖަލްސާގައި ތިއްބެވި 59 މެންބަރުންގެ ތެރެއިން 58 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު ބަލައިގަތުމުން އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ، ކުޅުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފެވެ.
އެ ގާނޫނުގައި މިހާރުވެސް ބައެއް ކަންތައްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ވަނީ ކަނޑައަޅައިފައެވެ. އެގޮތުން ލައިސަންސް ނުވަތަ ހުއްދަ ނުހޯދައި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް 500،000 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް ވަނީ ހިމަނައިފައެވެ.
އޭގެ އިތުރުން ފެނާއި ނަރުދަމާ ނަހަމަ ގޮތެއްގައި ބޭނުންކޮށްފި ފަރާތެއްގެ އަދަބެއްގެ ގޮތުގައިވެސް އެއް މިލިއަން ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިތުރުން ބައެއް އެހެން ޖޫރިމަނާތައް ބިލުގައި ހިމަނާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު