ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހދ. ހަނިމާދޫ ސްކޫލް ލައިބްރަރީ ތަރައްގީކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވަނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށެވެ. މި ޕްރޮޖެކްޓުގެ ދަށުން ލައިބްރަރީއަށް ބޭނުންވާ އިތުރު ފޮތް ހަރުގަނޑު ބަހައްޓައި ސެން ކްލާސް ދަރިވަރުންނަށް ހާއްސަ ރީޑިން ކޯނަރެއް ހަދައި ގޮނޑި، މޭޒު ފަދަ ފަރުނީޗަރު ބޭންކުން ވަނީ ހޯދައިދީފައެވެ.

މީގެ އިތުރުން އާންމުންގެ ފަރާތުން ހަދިޔާ ކުރި ފޮތާއެކު ޖުމުލަ 700 އަށްވުރެ ގިނަ ފޮތް އެ ލައިބްރަރީއަށް ހަދިޔާކޮށްފައިވާ ކަމަށެވެ. އެ ފޮތްތަކުގެ ތެރެއިން 450 އަށްވުރެ ގިނަ ފޮތަކީ ކޮމިއުނިޓީ ފަންޑުގެ ދަށުން ހަދިޔާ ކުރި ފޮތްތައް ކަމަށް ބީއެމްއެލުން ބުންޏެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ރައީސް ހުސައިން ވަހީދު ވިދާޅުވީ ހަނިމާދޫ ސްކޫލް ލައިބްރަރީ އިތުރަށް ތަރައްގީކުރަން ޕްރޮޕޯސަލް ހުށަހެޅީ ލައިބްރަރީ ބޭނުންކުރާ ދަރިވަރުން އިތުރުވަމުން ދިއުމާއެކު އެ ކުދިންނަށް އެކަށޭނެ މާހައުލެއް ގާއިމުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.

"އާ ފޮތްތަކާއި އިތުރު ގޮނޑި މޭޒުގެ އިތުރުން ސެން ކްލާސް ކުދިންނަށް ހާއްސަ ކޯނާއެއް ހިމަނައި ލައިބްރަރީއަށް މި ގެނެވުނު ބަދަލާއެކު ފޮތްކިޔުމަށާއި ފިލާވަޅުތައް ދަސްކުރުމަށް އިތުރު ކުދިން ޝައުގުވެރިވާނެ މާހައުލެއް މިވަނީ ގާއިމުވެފައި. މި ފުރުސަތުގައި ޖަމިއްޔާގެ މެންބަރުންނަށާއި އަދި އެހެނިހެން ގޮތްގޮތުން މި ޕްރޮޖެކްޓަށް އެހީވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަަކީ އާންމު ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް އަމާޒުކޮށްގެން ރަށްރަށުގައި ދެމެހެއްޓެނެވި ގޮތެއްގައި ޕްރޮޖެކްޓް ހިންގުމަށް ހުޅުވާލާ ފުރުސަތެކެވެ. މިގޮތުން ކޮންމެ ކުއާޓާއެއްގައި ފަސް ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 50،000 ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދޭއިރު މި އަހަރުގެ ފުރަތަމަ ކުއާޓާގެ ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.