ކައުންސެލިން ކޯހުގެ ތަމްރީނު ބުރުތައް ކުރިއަށް ދިޔަ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ތައުލީމު ހާސިލު ކުރަމުން އަންނަނީ ޒުވާނުންގެ ތެރޭގައި މިހާރު އެންމެ އާންމުވެފައިވާ މަސްތުވާތަކެއްޗާ ބެހޭ ދާއިރާއަކުން ކަމަށްވާތީ، ތަމްރީނު ބުރުތައް ދަނީ އެފަދަ ކޮންމެވެސް ސެންޓަރެއްގައެވެ. ރާއްޖެއިން ބޭރުގައާއި ރާއްޖޭގެ ދެތިން ރަށެއްގައި ހުރި ސެންޓަރުތައްވެސް ލިސްޓުގަ ހިމެނެއެވެ. ރާއްޖެއިން ބޭރުން ކިޔަވަން ޖެހޭ ބައި ކިޔަވައި ސެޓްފިކެޓް ލިބިގެން ރާއްޖެ އައިސް ދިވެހިންގެ ތެރޭގައި ހުރި ދެތިން ސެންޓަރުގެ ތެރެއިން މައިމަރުކަޒަށް ފޮނުވީ އެންމެ ރަނގަޅު ނަތީޖާ ލިބުނު ދަރިވަރުންނެވެ. އެންމެ މަތިން އެންމެ ފުރިހަމަ ނަތީޖާ ލިބިފައިވާތީ މިޓީމާ ހަވާލުވި ޒިންމާވެސް ކުޑައެއް ނޫނެވެ.

ކަމަކީ ކުރާހިތްވާ ކަމަކަށްވުރެ މުޅި ގައުމުގެ މަސްލަހަތު އޮތް ކަމަކަށްވެފައި ގައުމީ އަދި ދީނީ ހިދުމަތަކަށްވެސް ފުދޭ ކަމަކަށް ވާތީ މިމަސައްކަތް ކުރަނީ ވަރަށް ގަޔާވުމާއި ލޯތްބާވެސް އެކުގައެވެ.

މިސެންޓަރުގެ ފަރުވާއަށް އައިސް ތިބޭ ދެޖިންސުގެ ކްލައިންޓުންނަށް ކައުންސެލިން ދިނުމަކީ ވަޒީފާގައި ހިމެނޭ އެތައް ކަންތައްތަކުގެ ތެރެއިން އެންމެ ހާއްސަ މަސައްކަތެވެ. އަދި އެމީހުންގެ ތެރޭގައި ތަތްގަނޑުޖެހިފައި، މާނައަކީ ފައިލު ހާއްސަ ކުރެވިފައި ތިބޭ މީހުންނަށް ބަލަން ޖެހޭ ގޮތް ތަފާތުވެސް މެއެވެ. ހައިރާން ވާން ޖެހޭ މިންވަރަށް މޮޅަށް ކިޔަވައިގެން ތިބޭ ތަންދޮރު އޮޅުންފިލާ ރަނގަޅު ވަޒީފާތަކުގައި އުޅެފައި ތިބި ޒުވާނުންނާ ބައްދަލުވާ ކޮންމެ ފަހަރަކު އެތައް ބައިވަރު ސުވާލުތަކެއް ހިތަށް އަރާ ފައިބައެވެ.

މިމަސައްކަތުގައި ރެއާއިދުވާލު ވަރަށް ބުރަކޮށް އުޅެން ޖެހުނު ދުވަސްތަކެކެވެ. އަންހެން ކްލައިންޓުންގެ ބޮޑު ލިސްޓެއް އައިސްފައި އޮތެވެ. ކޮމިޓީން ފާސްކޮށްފައި އަހަންނާ ހަވާލު ކުރި ފައިލުތަކުގެ ތެރޭގައި "ނިހާންނަވީން" މިނަން ލޮލުގައި އަޅައިގަތީ ހަވާލު ކުރެވުނީ އަންހެން ކްލައިންޓުންގެ ފައިލެއް ކަމަށް ވާތީއެވެ. ނަމުން ސިފަ ކުރެވުނީ ފިރިހެނެކެވެ. ބޯޑުގެ އިސްފަރާތަށް ގޮވާލަން ކަމަށް ހީކޮށްފައިމެ ފައިލު ހުޅުވާލީމެވެ.

ކުރެވުނީ ކުށްހީއެއްކަން އެނގިއްޖެއެވެ. މޫނުގައި ތޮރުފާ ބޮޅު ނާޅުވާ ތަންފުކެއް މަދެވެ. ކުޑަކުޑަ މޫނުގައި ވިއްސަކަށް ޑޮޓާއި ހައެއްކަ ބޮޅު އަޅުވާފައި ހުރިއިރު ބޮލުގައި ހުރީ ގުރައެއްގެ ސިފަ ފާޅުވާ ކުލަތަކެކެވެ. ބޮލުގެ އެއްފަރާތުން ބާލައި އަނެއްފަރާތަށް އަރިއަކަށް ފުނާ އަޅާފައެވެ. މިއީ ދިވެއްސެއްބާވައެވެ؟

"ނިހާންނަވީންއާ ހަވާލު ކުރީދޯ؟" އެކުގައި މަސައްކަތް ކުރާ، އަހަރުތަކުގެ ތަޖުރިބާ ހުރި ސީނިއާ ކައުންސެލަރަކު އެފާޑަށް އެނަން ބުނީ ކީއްވެގެން ހެއްޔެވެ؟ ކޮންމެއަކަސް ސުވާލުތަކުގެ ފުންޏަކާއެކު ނިހާންނަވީންގެ ސެޝަނަށް ތައްޔާރުވާން ފައިލުގައި ހުރި ލިޔުންތައް ބަލަން ފެށީމެވެ.

ހަމަ އެދުވަހު ނިހާންނަވީންގެ ޑިޓޮކްސިފިކޭޝަންފަރުވާއަށް ޑޮކްޓަރަށް ދައްކަން ނެރެވުނު ހަބަރު ލިބުނެވެ. އެއީ ތަނުގެ މަސްލަހަތު ގެއްލޭ ހިސާބަށް މައްސަލަ ދިޔައީމަ އެންގިއެންގުމެއް ކަމަށްވެސް ބުނެވުނެވެ. އަވަހަށް ޑޮކްޓަރު އިންނަ ދިމާއަށް ދިޔައިރު ކަމަކުދާކަށް ނެތެވެ. މުޅި ހިސާބުގައި ހުރީ 19އަހަރުގެ އެއަންހެންކުއްޖާގެ ހަޅޭކުގެ އަޑެވެ.

"ކީއްވެގެންހޭ ބޭސް ނުގެނެސްދެވެންވީ؟ މަގޭ ބޭބެއަށް އެންމެ ފަހަރަކު ގުޅާލަން ޖެހޭނީ. ކަލޭމެންނަށް ނުވަންޏާ އެމީހުން އަމިއްލަ ހަރަދުގައިވެސް މިހިސާބަށް ބޭސް ގެނެސްދޭނެ."

ނަފުސާނީ މައްސަލައިގައި ކާންޖެހޭ ހާއްސަ ބޭސްތަކުގެ ނަން ނިހާން ކިޔާލީ ފަރިތަކޮށެވެ. މިވެނި ކަމަކަށް އެވެނި ބޭހެކޭ އެނުކައިފިނަމަ ފިޓުޖެހުމެއް ނުހުއްޓުވޭނެއޭ، މިހާރުވެސް ފައިގައި ވަރުދާގޮތްވެފައޭ، ޕެރެލައިޒްވެދާނެތީ ބިރުގަނެއޭ މިހެން ގޮސް އެތައް ޝަކުވާއެކެވެ.

ނިހާނުގެ ބެލެނިވެރިޔާއަށް ގުޅާލުމާއެކު އެކޮޅުން ވަރަށް މާތް ބަހުރުވައަކުން މާފަށް އެދުނެވެ. އަދި ހަމަ އިރުކޮޅެއްގެ ތެރޭގައި ލޯންޗަކުން ބޭސް ފޮނުވަނީއޭ ބުނެލިއެވެ. ހައިރާންވި ނަމަވެސް ޑޮކްޓަރުންގެ ލިޔުންތައް ހުރީ ފެންނާށެވެ. އެހާ ވަރުގަދަ ބޭސްތަކެއް އެހާ ޅައުމުރުގައި ކާންދޭން ޖެހޭވަރުގެ ބައްޔެއް ވެފައިވާތީ އެ އަންހެންކުއްޖާއަށް ހަމްދަރުދީ ވެވުނެވެ.

އެހުރިހާ ކަމަކަށްވުރެވެސް ހައިރާންވެ އަންތަރީސް ވާވަރުގެ ވާހަަކައެއް އަޑުއިވުނީ އެކާވީސް ދުވަހުގެ ޑިޓޮކްސްއަށް އައިސް ހުރި ނިހާންގެ ސެޝަންގައި އޭނާ ދެއްކި ވާހަކަތަކުންނެވެ.

"މިހާރުދެން ބޭހާއި ނުލައި އުޅޭނެ ވަރެއް ނެތް. އުޅޭކަށް ބޭނުމެއްވެސް ނޫން."

ނަފުސާނީ ބޭސްތައް ކެއުމަށްވުރެ އަމިއްލަ ހިތްވަރުކޮށްފައި އުޅެވޭތޯ ބަލަންވީ ނޫންހޭ އެހުމުން ދިން ޖަވާބަކީ މިއީއެވެ. އިތުރަށް ނަސޭހަތް ދޭން އުޅުމުން ދެން ކިޔައިދިނީ އަދި މާބޮޑަށްވެސް އަޖައިބުކުރުވަނިވި ވާހަކައެކެވެ.

"ކުޑަކުޑައިރު މަށަކީ މޮޔައެކޭ ބޭސްކާންދޭން ޖެހޭނެއޭ ބުނީ މަންމަ."

އެންމެ ފަސް އަަހަރުގެ ކުޑަކުޑަ ކުއްޖަކަށް އެހާބާރުގަދަ ބޭސަތަކެއް ކާންދޭން ޖެހޭވަރުގެ ކޮންކަމެއް ދިމާވީބާވައެވެ؟ އެއްވެސް މައްސަލައެއް ނެތި ހަމަ އުފަލުން ބޮޑުވަމުން އައި ކުއްޖަކަށް މުށްފުރާ ހުންނަ ވަރުގެ ނަފުސާނީ ބޭސްތަކުގެ ގުޅަތަކެއް ކާންދޭން ޖެހުނީ ކޮން ޑޮކްޓަރަކު ކޮން އެއްޗެކޭ ބުނެގެންބާވައެވެ؟

"އަހަރެން މިރާއްޖެ ގެނައީ ދާދި ފަހުން. ކުޑައިރު އެންމެ ފަސް އަހަރުގައި ބައްޕަ ނިޔާވީމަ ގެންދިޔަ ގޮތަށް. މަންމަ ގާތުގައި ނުބަހައްޓަން ވެގެން. ބައްޕަ ދުނިޔޭގައި ހުރި އިރު އަހަރެން މިހާލުގަ އުޅޭކަށް ނުޖެހޭ. ބައްޕަ މަރުވުމުން އަހަރެން ރޮއި ދެރަވެ ނުނިދައި ބައްޕަގެނެސްދޭން ކިޔަންފެށީމަ ބޭސްދީ ނިންދަވަނީ. މިހާރުދެން އަހަރެން އިންޖެކްޓް ކުރަނީއޭ އެބިއުސްކުރަނީއޭ ކިޔައި މައްސަލަ ޖައްސަނީ ކީއްކުރަން؟"

ނަވާރަ އަހަރުގެ އަންހެން ކުއްޖާ އޭނާއަށް ބޭސްކާންދެމުންދެމުން ގޮސް ބޭހާ ނުލައި ނޫޅެވޭވަރުވީ ގޮތް ކިޔައިދިނެވެ. އެންމެ ފަސް އަހަރުން ފެށިގެން އޭނާއަށް އަބަދުވެސް ޑޮކްޓަރުގެ ލިޔުމާއެކު ބޭސްލިބެއެވެ. އޭނާ ބޭހުގެ ނަންތަކާއި އެބޭސްތައް ކާންޖެހޭ ނުޖެހޭގޮތް ކިޔައިދިން ގޮތް ފުރިހަމަކަމުން ހަމަހަގީގަތުގައިވެސް އޭނާއަށް ނަފުސާނީ ބޭސްތައް އެނގޭވަރު ހާމަވެއެވެ.

"ނަފުސާނީއޭ ސައިކޯވީއޭ ކިޔައި ބޭސްކާންދީދީ ހަލާކުކޮށްލީ މައުސޫމު އަހަރެންގެ މުޅި ދިރިއުޅުމެވެ!"

އިނގިރޭސިން އެއަންހެންކުއްޖާ ބުނެލި އެ ޖުމްލަ ދުވަހަކުވެސް ހަނދާނުން ހިތަކުން ފިލައިގެނެއް ނުދެއެވެ. އޭގެ ތިން އަހަރު ފަހުން އެހެން ދާއިރާއެއްގައި އުތުރު ރަށެއްގައި ވަޒީފާ އަދާކުރަމުން ދަނިކޮށް ނޫސްތަކުގެ ފަލަ ސުރުހީންނާއި މީޑިޔާތަކުން ފެނުނީ ހިތާމަވެރި ބިރުވެރި ހަބަރެކެވެ. ނަފުސާނީ ބޭސްތަކެއް ކައިގެން އޯވާޑޯޒްވެ މަރުވެފައި އޮއްވައި ފެނުނު ތޭވީސް އަހަރުގެ އަންހެނެއްގެ ހަށިގަނޑު ފެނުނުވާހަކައެވެ. ވަރަށް ބައިވަރު ސުވާލާއި އެތައްބައިވަރު ވާހަކަތަކެއް ހިތުގައި ފުނިޖެހުނެވެ.

ނިހާންނަވީންގެ މަރުގެ ޒިންމާ އުފުލަންޖެހޭނީ ހުދު އޭނާކަމާމެދު ސުވާލެއް ނުއުފެދެއެވެ. އެހެންނަމަވެސް އެހިސާބަށް އޭނާ އައުމުގައި އިހުމާލުވި ފަރާތެއް ހަމަ ނެތްބާވައެވެ؟ ފަސްއަހަރުގެ ކުޑަކުއްޖަކަށް ނަފުސާނީ ބަލިތަކުގެ މަތީ ޑޯޒުތައް ދޭއިރު އޭނާގެ ހެދެމުން އަންނަ ޅަސިކުނޑިއާއި ނާރުތަކަށް ވާނެގޮތެއް ހަމަ ނޭނގެނީބާވައޭ ހިތަށް އެރިއެވެ.

މިކަހަލަ ކިތަންމެ ނިހާންނަވީނެއް މިދިވެހި މުޖުތަމައުގައި އެބައުޅެއެވެ. ނަފުސާނީ ބޭސް ކާންދޭން ފަށާއިރު އެބޭހާއި އުމުރާ އެކަށީގެންވޭތޯ ނުބެލޭ ފަހަރު މަދެއް ނޫނެވެ. ދިމާވާ ކޮންމެވެސް ހަޑިވެ ބަދުނާމުވާފަދަ ކަމެއްގެ މަތި އެޅުމަށް ކުއްޖާ ނަފުސާނީ ބަލީގެ ބަލިމީހަކަށް ހަދާލަނީއެވެ. ފައިސާދީފައި އެކަހަލަ ހުރިހާ ނުބައި ކަމެއްް ކުރެވެއެވެ. ކުއްޖާގެ ނަމުގައި ބަލިކަމުގެ ލިޔުމެއް ތައްޔާރުކޮށްލުމަކީ ވަރަށް ފަސޭހަކަމެކެވެ.

މިވާހަކަ 'ވަން' މެދުވެރިކޮށް މުޖުތަމައުގެ ދިވެހި އަހުންނާއި އުހުތުންނަށް ފޯރުކޮށް ދިނުން އެދިގެން މައުލޫމާތުތައް ދިން ފަރާތުން އެދެނީ މިފަދަ ކަންތަކަށް ހޭލުންތެރިވުމަށެވެ. ދަރިފުޅު އޭނާއަށް ތަދުވެ އުދަނގޫވާ ކަހަލަ ވާހަކައެއް ދައްކާނަމަ އެކަމުގެ ހަގީގަތަށް ކަނުނުވާށެވެ. ނުވަތަ އެހަގީގަތް އެނގުމުން ގަންނަން ޖެހިދާނެ ލަދަކާއި ކުރި މަތިލާން ޖެހިދާނެ ސުވާލުތަކަށް ބިރުން ކުއްޖާގެ މައުސޫމު ހަޔާތް ނަގައިނުލާށެވެ. ކުރިމަތިލާން ޖެހޭ ލަދާއި ވެދާނެ ބަދުނާމަށްވުރެ ބޮޑަށް ތިމާގެ އެމައުސޫމު ކުށެއް ނެތް ދަރިފުޅު އަތުނުވާ ހިސާބަށް ބޮޑު ކުށްވެރިއަކަށްވެ ކުރިއަށްވުރެ ގަންނަން ޖެހޭނެ ލަދު ބޮޑުވެދާނެކަން ދަންނާށެވެ.

ތުއްތު ދަރިފުޅު ދުނިޔެއަށް އަންނަނީ ފިތުރަތުގެ ސާފުކަން މަތީގައެވެ. އެކުއްޖާ މުސްލިމަކަށްވެސް ޔަހޫއްޖަކަށް ނުވަތަ ނަސާރާއަކަށްވެސް ހަދާނީ އެކުއްޖާ އުޅޭ މާހައުލާއި އޭނަ ބަލައިބޮޑުކުރާ އޭނާގެ ބެލެނިވެރިންނެވެ. އެހެންކަމުން ތިމާ ފޭއްސާ އިލޮށި ތިމާގެ ލޮލަށް ހެރިދާނެކަމުގެ ނުރައްކާތެރި ބިރުން ސަލާމަތްވެ ރައްކާތެރިވާށެވެ. ކުދިންގެ މައުސޫމުކަން ނަގައި ނުލާށެެވެ!