މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ މިއަހަރުގެ 8 ބޯލް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހަސަން ޝާޒް މުހައްމަދު ހޯދައިފިއެވެ.

ނޭޝަނަލް ބިލިއާޑް ސެންޓަރުގައި ރޭ ކުޅުނު ފައިނަލުގައި އެމްޕީބީއޭ ރޭންކިންގެ އެއްވަނައިގައި އޮތް ޝާޒް ނުކުތީ ރޭންކިންގެ ނުވަވަނައިގައި އޮތް އިސްމާއިލް ޖީހާނާ ދެކޮޅަށެވެ.

މުބާރާތުގެ ފައިނަލުން ޝާޒް ޖާގަ ހޯދީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ކުޅުނު ސެމީ ފައިނަލުގެ މެޗުގައި ރޭންކިންގެ ތިންވަނައިގައި އޮތް މުހައްމަދު ޝަރީފްގެ މައްޗަށް 7-3 ފްރޭމުން ކުރި ހޯދައިގެންނެވެ. އަދި ފައިނަލުން ޖީހާން ޖާގަ ހޯދީ ސެމީގައި ރޭންކިންގެ ހަވަނައިގައި އޮތް މުހައްމަދު ޝާހިލްގެ މައްޗަށް 7-3 ފްރޭމުން ކުރި ހޯދައިގެންނެވެ.

ރޭ ކުޅުނު ފައިނަލުގައި ޝާޒް އާއި ޖީހާންގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. މުބާރާތުގެ ޗެމްޕިއަންކަން ޝާޒް ހޯދީ 9-6 ފްރޭމުން ޖީހާންގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ 8 ބޯލް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދި ޝާޒަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ލިބިފައެވެ. އަދި ރަނަރަޕްކަން ހޯދި ޖީހާނަށް ފައިސާގެ އިނާމެއްގެ ގޮތުގައި 5,000 ރުފިޔާ ލިބުނެވެ.

އެ މުބާރާތުގައި ފިރިހެން އަދި އަންހެން ކުޅުންތެރިން ހިމެނޭ ގޮތަށް ޖުމުލަ 76 ކުޅުންތެރިޔަކު ވާދަކުރިއެވެ.