މި އަހަރު ގަތަރުގައި ބާއްވަން ނިންމާފައިވާ ފީފާ ވޯލްޑް ކަޕް 2022 ގެ އޮފިޝަލް ގްލޯބަލް ކަނެކްޓްވިޓީ ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފިއެވެ.
ފީފާ އާއި މިއަހަރުގެ ވޯލްޑްކަޕް އިންތިޒާމުކުރުމުގައި ހަރަކާތްތެރިވާ، ސުޕްރީމް ކައުންސިލް ފޯ ޑެލިވަރީ އެންޑް ލެގަސީ (އެސްސީޑީއެލް) އިން އުރީދޫއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ގަތަރުގެ ވެރިރަށް ދޯހާ އާއި އިނގިރޭސިވިލާތުގެ ލަންޑަނާއި ޖަރުމަނުގެ ފްރެންކްފާޓް އަދި ސިންގަޕޫރު ގުޅާލާނެއެވެ.
އުރީދޫން ބުނީ މި އެއްބަސްވުމުގެ ދަށުން ގަތަރުގެ ހުރިހާ ބްރޯޑްކާސްޓަރުންނަށް ކަނެކްޓިވިޓީގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި ބައިނަލްއަގުވާމީ 50 މީޑިއާއަކަށް ލައިވް ފީޑާއި ޑޭޓާ ދޫކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
ވޯލްޑްކަޕް ބްރޯޑްކާސްޓް ކުރާ ފަރާތްތަކަށް ވޯލްޑް ކަޕްގެ އެންމެ ކޮލިޓީ ވީޑިއޯ ކޮންޓެންޓް ބްރޯޑްކާސްޓް ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ޑެޑިކޭޓެޑް މަލްޓި 100 ގިގްގެ ބައިނަލްއަގްވާމީ ނެޓްވޯކެއް ތައްޔާރުކުރަމުން އަންނަ ކަމަށްވެސް އުރީދޫން ބުންޏެވެ.
އުރީދޫ ގަތަރުގެ ޗީފް ބިޒްނަސް އޮފިސަރު ޝެއިހް ނަސީރު ބިން ހަމަދް ބިން ނަސީރު އައްޘާނީ ވިދާޅުވީ މީގެ ކުރިން ގަތަރުގައި ބޭއްވުނު އެކި ކުޅިވަރު ހަރަކާތްތަކުގައި ވެސް އުރީދޫން އެންމެ އުފެއްދުންތެރި ޓެކްނޮލޮޖީގެ އެހީގައި ރަނގަޅު ހިދުމަތެއް ފޯރުކޮށްދީ، އިތުބާރު ގާއިމުކޮށްފައި ކަމަށެވެ. އަދި ފީފާ އާއި އެސްޑީއެލްސީން އެ ކުންފުންޏަށް އިތުބާރުކޮށް، މި މަސައްކަތް ހަވާލުކުރުމަކީ ލިބުނު ފަހުރެއް ކަމަށްވެސް ބުންޏެވެ.
ވޯލްޑްކަޕްގެ އޮފިޝަލް ގްލޯބަލް ކަނެކްޓްވިޓީ ހިދުމަތް ފޯރުކޮށްދޭން ލިބުނު މި ފުރުސަތުގައި އެކުންފުނީގެ ފެންވަރު އަނެއްކާވެސް ދުނިޔެއަށް ދައްކާލާނެ ކަމަށްވެސް ނަސީރު ވިދާޅުވިއެވެ.
އެސްސީޑީއެލްގެ ޓެލެކޮމިއުނިކޭޝަންސް އެންޑް ބްރޯޑްކާސްޓް ޓެކްނޮލޮޖީ މެނޭޖަރު މުހައްމަދު އަލްޚަތަރު ވިދާޅުވީ އުރީދޫއާ މި މަސައްކަތް ހަވާލުކުރެވުނީތީ އުފާކުރައްވާ ކަމަށާއި އުރީދޫއަކީ މުޅި އެ ސަރަހައްދުގައި ވެސް އެންމެ ބާރަށް ކުރިއަރަމުން އަންނަ ޓެލެކޮމިއުނިކޭޝަން ކުންފުނިކަމަށެވެ.
މީގެ ކުރިން ވެސް އުރީދޫއާއެކު އެތައް މަސައްކަތެއް ކޮށް ކާމިޔާބު ލިބިފައިވާ ކަމަށާއި މިފަހަރު ވޯލްޑްކަޕްގެ އޮފިޝަލް ގްލޯބަލް ކަނެކްޓްވިޓީ ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައި އެ މަސައްކަތްވެސް ކާމިޔާބުކަމާއެކު ނިންމާލެވޭނެ ކަމަށް ޔަގީންކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފީފާ ވޯލްޑް ކަޕް 2022 ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ނޮވެމްބަރު 21 އިން ޑިސެމްބަރު 18 އަށެވެ. މިއީ އަރަބި ގައުމެއްގައި ބާއްވާ ފުރަތަމަ ފީފާ ވޯލްޑް ކަޕެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު