ތ. ގުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ އެވެ.

އެމަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނީ ގުރައިދޫ ބަނދަރު މަޝްރޫއަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓު އެރަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ބޭރުތޮށިލުމުގެ މަސައްކަތުގެ 69 ޕަސެންޓާއެކު މުޅި މަޝްރޫއުގެ 77 ޕަސެންޓު ނިމިފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން، 24،485 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 325 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 185 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން ހިމެނޭ ކަމަށެވެ.

އޭގެ އިތުރުން 22 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓު ޖެހުމާއި، 1875 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބާ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 56.9 މިލިއަން ރުފިޔާ އަށެވެ.