އެމްޑީޕީގެ އެތެރޭގެ އިންތިހާބު ރޯދަމަހާ ދިމާވާތީ އެނޫން ދުވަސްވަރެއްގައި ބޭއްވުމަށް އެ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު އެދިވަޑައިގެންފިއެވެ.
އެމްޑީޕީގެ އެތެރޭގެ ފަސް މަގާމެއްގެ އިންތިހާބު އަންނަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ބާއްވަން ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމާއި، އަންހެނުން ރޫހުގެ ރައީސްކަމާއި، ނާއިބު ރައީސްކަމުގެ މަގާމާއި، ޒުވާނުންގެ ހިތްވަރުގެ ރައީސްކަމުގެ މަގާމާއި، ނައިބު ރައީސް ކަމުގެ މަގާމެވެ.
އިންތިހާބު އޭޕްރީލް 16ގައި ބާއްވަން ފާސްކުރީ މި މަހުގެ ކުރީކޮޅު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައެވެ. ރޯދަ މަހަކީ އޭޕްރީލް މަހުގެ ދެވަނަ ދުވަސްކަމުން މިހާރު އިންތިހާބު ދިމާވަނީ ރޯދައިގެ މެދުތެރެއަށެވެ.
މިއަދު ވަނީ ހުރިހާ އިންތިހާބެއްގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއެކު އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީ އާއި ޗެއާޕާސަންގެ އިންތިހާބު ބޭއްވުމުގެ ޒިންމާ މަތިކޮށްފައިވާ އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރު މަޖިލީހުން ބައްދަލުކުރައްވައިފައެވެ.
ފައްޔާޒުގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ވަހީދު މިރޭ "ވަން" އަށް ވިދާޅުވީ އިސްތިއުނާފު ފަނޑިޔާރު މަޖިލީހުން މިއަދު ބޭއްވި ބައްދަލުވުމުގައި އިންތިހާބު ބާއްވާނެ ތާރީހަކާ މެދު މަޝްވަރާކުރެވުނު ކަމަށެވެ.
އެގޮތުން ހުރިހާ ފަރާތްތަކުންވެސް އެދުނީ ރޯދަ މަސް ނޫން ދުވަސްވަރެއްގައި އިންތިހާބު ބޭއްވުމަށް ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ރޯދައިގެ ކުރިން އިންތިހާބު ބާއްވަން ހުށަހެޅި ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހުރިހާ ކެންޑިޑޭޓުންގެ ހިޔާލު މާދަމާ މެންދުރު 12:00 ގެ ކުރިން ހުށަހަޅަން އިސްތިއުނާފު ފަނޑިޔާރު މަޖިލީހުން އެދިފައިވާ ކަމަށެވެ. އެގޮތުން ފައްޔާޒު އެދިވަޑައިގަތީ ރޯދަ މަސް ނޫން ދުވަސްވަރެއްގައި އިންތިހާބު ބޭއްވުމަށް ކަމަށް ވަހީދު ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ އެތެރޭގެ އިންތިހާބު ބާއްވާ ތާރީހަށް ބަދަލު ގެނެވޭނީ ގައުމީ މަޖިލީހަށް ހުށަޅައިގެން އެ ތަނުން ފާސްކުރާ ތާރީހަކަށް ކަމަށެވެ.
އެމްޑީޕީ އެތެރޭގެ އިންތިހާބަށް ކެނޑިޑޭޓުން ދަނީ ވަރަށް ފޯރީގައި ކެމްޕެއިން ކުރަމުންނެވެ. ހާއްސަކޮށް އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމަށްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށްދަނީ ވަރަށްވެސް ފޯރީގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު