ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ ހދ. އަތޮޅުގެ ޗެމްޕިއަންކަން ނާވައިދޫ ހޯދައިފިއެވެ.

ނާވައިދޫ ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލުގައި 7-1ގެ ނަތީޖާއަކުން ވައިކަރަދޫ ބަލިކޮށްގެންނެވެ. ރޭ ކުޅުނު ފައިނަލް މެޗުގައި ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިޔާ އަބްދުﷲ ޝާފިއު (ޝާއްޕެ) ވަނީ ހަތަރު ގޯލު ޖަހައިފައެވެ.

މުބާރާތުގައި ހދ. އަތޮޅުގެ އަށް ޓީމު ބައިވެރިވެފައިވާ އިރު، އެ އަތޮޅުގެ މެޗުތައް ކުޅެފައި ވަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ލީގު އުސޫލުން ދެ ގުރޫޕުގެ މެޗުތައް ކުޅެ، ފައިނަލާ ހަމައަށް ދެ ޓީމު ގޮސްފައިވާ އިރު، ރޭ ފައިނަލް ކުޅުނު ދެޓީމަށްވެސް ވަނީ ޒޯން ބުރުން ފުރުސަތު ފަހިވެފައެވެ. ރޭގެ ފައިނަލަކީ އަތޮޅު ޗެމްޕިއަން ހޮވުމަށް ކުޅުނު ފައިނަލް މެޗެވެ.

ރޭގެ ފައިނަލް ނައިވައިދޫން ޑޮމިނޭޓްކޮށް ކުޅުނު އިރު، ޝާއްޕެގެ އިތުރުން ގޯލުތައް ޖަހައި ދިނީ އަހުމަދު ހަމީދާއި އަބްދުﷲ ނާސިފް އަދި މުހައްމަދު ނާސިދު އަހުމަދު ނަސީރެވެ. ނާސިދު ޖެހި ގޯލަކީ ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. މެޗުގައި ވައިކަރަދޫގެ ހަމައެކަނި ގޯލު އެޓީމަށް ޖަހައިދިނީ އަހުމަދު ރައުޝަންއެވެ.

ރޭގެ ފައިނަލް މެޗަށްފަހު ހދ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށްވެސް ޓްރޮފީ ހަވާލު ކޮށްފައިވެއެވެ.

އަތޮޅު ބުރުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ނައިވައިދޫގެ ހާމިދު ހޮވުނު އިރު، އޭނާއާއި ޝާއްޕެއަކީ އެންމެ ގިނަ ގޯލު ޖެހި ދެ ކުޅުންތެރިންނެވެ. ޝާއްޕެއާއި ހާމިދުވެސް ކޮންމެ ކުޅުންތެރިޔަކު އަށް ގޯލު ޖަހާފައިވާ އިރު، މުބާރާތުގެ އުސޫލު ބުނާ ގޮތުން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިން ހޮވާ އިރު، ދެ ކުޅުންތެރިޔަކު އެއްވަރު ވެއްޖެ ނަމަ އެ ޓްރޮފީ ދޭން ބަލާނީ އެންމެ ގިނަ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކުޅުންތެރިޔަކަށެވެ. އެ ގޮތަށް ބަލާއިރުވެސް ޝާއްޕެއާއި ހާމިދު އޮތީ ކޮންމެ ކުޅުންތެރިޔަކު މެޗެއްގައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ.

މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންނަށް ޓްރޮފީ ހަވާލުކޮށްދެއްވީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓެ) އެވެ. ހދ. އަތޮޅު ތަށި ނާވައިދޫއާ ހަވާލުކޮށްދެއްވީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާއެވެ.

ޖުމުލަ 91 ޓީމަކުން މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ އިރު، މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސް އެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތައް މިރޭވެސް އޮންނާނެއެވެ.