މާލެއަށް ވެލައެއް އަރައިފި އެވެ.
މިއަދު ހެނދުނު 6:00 އެހާކަންހާއިރު، އެ ވެލާ އެރީ މާލެއިން، ސިނަމާލެ ބުރިޖު ފެށޭ ހިސާބުގައި އޮންނަ ވެލި ގަނޑަށެވެ.
އެ ވެލާ އަރާ އޮއްވައި ފެނިގެން ވީޑިއޯކުރި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު "ވަން" އަށް މިއަދު ވިދާޅުވީ ވެލާ ފެނުނީ އޭނާ ކަސްރަތު ކުރައްވަން ނުކުމެވަޑައިގެން އުޅުއްވަނިކޮށް ރޭ ފަތިހު 5:50 ހާއިރު ކަމަށެވެ.
"ފުރަތަމަ އަޅުގަނޑު އެތަނަށް ދިޔައިރު ނެތް އެއްވެސް މީހެއް. ދެން ތަފާތު މަންޒަރެއް ވީމަ އަޅުގަނޑު ވީޑިއޯ ކޮޅަކާ ފޮޓޯއެއް ނަގާލާފަ ބުރިޖު ކޮޅާ ދިމާލަށް ދުވަން ދިޔައީ. އެކޮޅަށް ގޮސްފަ އަނބުރާ އައި އިރަކު ވެލައެއް ނެތް. ވީޑިއޯ ކުރަން ހުއްޓާ އެހެން ބަޔަކުވެސް އައިސް ބަލަން ތިބި." އޭނާ ވިދާޅުވިއެވެ.
ޝަފީގު ވިދާޅުވީ ފުލުހަކު އެ ވެލާ މޫދަށް ދޫކޮށްލަނިކޮށް ނަގާފައިވާ ވީޑިއޯއެއް ދައުރުވަމުންދާ ކަމަށެވެ. އަދި އެ ވެލައަކީ ބިސް އަޅާން އެރި ވެލައެއް ކަމެއް އަދި ބިސް އަޅާފައި ހުރި ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި ތިމާވެށި ހިމާޔަތް ކުރާ ޖަމިއްޔާ ބްލޫ ޕީސް މޯލްޑިވްސް އިން ބުނީ، މިއީ ވަރަށް މަދުން ނޫނީ ނުފެންނާނެ މަންޒަރެއް ކަމަށެވެ.
މިކަމާ ގުޅިގެން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމު "ވަން" އަށް ވިދާޅުވީ، މާލެއަށް ވެލައެއް އެރިކަން މީޑިއާތަކުން އެނގިވަޑައިގެންފައިވާ ކަމަށެވެ. އަދި އެކަން ބަލަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ނައީމު ވިދާޅުވި ގޮތުގައި، މާލެއަށް އެންމެ ފަހުން ވެލައެއް އެރި ތާރީހެއް ދަންނަވާކަށް ނޭނގެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު