މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ މިއަހަރުގެ 8 ބޯލް އެސޯސިއޭޝަން ކަޕް ފަށައިފިއެވެ.

އެ މުބާރާތް ރޭ ފެށިގެންދިޔައީ ނޭޝަނަލް ބިލިއާޑް ސެންޓަރުގައެވެ. މިއީ އެމްޕީބީއޭ އިން މިއަހަރު ބާއްވާ ފުރަތަމަ ބިލިއާޑް މުބާރާތެވެ.

އެ މުބާރާތުގައި ރޭ ޖުމުލަ 48 މެޗެއް ކުރިއަށްދިޔައެވެ. އެގޮތުން ރޭ ކުޅުނު ބައެއް މެޗުތަކަށް ބަލައިލާ އިރު، އެމްޕީބީއޭ ރޭންކިންގެ އެއްވަނައިގައި އޮތް ހަސަން ޝާޒް މުހައްމަދު ވަނީ ރޭ ކުޅުނު މެޗުގައި 5-2 ފްރޭމުން ޝަޒީން ސަމަދު ބަލިކޮށްފައެވެ. ދެވަނައިގައި އޮތް ހުސައިން ފަޔާޒް ވަނީ މުހައްމަދު ދުންޔާޒާ ވާދަކޮށް، 3-5 ފްރޭމުން މޮޅުވެފައެވެ. އަދި ރޭންކިންގެ ތިންވަނައިގައި އޮތް މުހައްމަދު ޝަރީފް ވަނީ ސީދާ ފަސް ފްރޭމުން އިބްރާހިމް އަސްޔަދު އަތުން މޮޅުވެފައެވެ.

އެ މުބާރާތުގައި ފިރިހެން އަދި އަންހެން ކުޅުންތެރިން ހިމެނޭ ގޮތަށް ޖުމުލަ 76 ކުޅުންތެރިޔަކު ވާދަކުރެއެވެ. އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ 8 ބޯލް އެސޯސިއޭޝަން ކަޕްގެ މެޗުތަކެއް މިއަދު ވެސް ކުރިއަށްދާނެއެވެ.

އެ މުބާރާތުގައި ގްރޫޕު ސްޓޭޖުގެ މެޗުތައް ކުރިއަށްދާނީ ރޭސް ޓު 5 އަށެވެ. ނޮކްއައުޓް ބުރުގެ މެޗުތައް ރޭސް ޓު 7 އަށް ކުޅުމަށް ހަމެޖެހިފައިވާ އިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސް ޓު 9 އަށެވެ.

އެ މުބާރާތުގައި ޗެމްޕިއަން އަދި ރަނަރަޕްކަން ހޯދާ ކުޅުންތެރިންނަށް ވަނީ ފައިސާ އިނާމު ހުށަހަޅައިފައެވެ. ޗެމްޕިއަންކަން ހޯދާ ކުޅުންތެރިޔާއަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ރަނަރަޕަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ.