ޔޫކްރެއިންގެ އިވާނޯ ފްރެންކިވްސްކް ގައި ތިބި 15 ދިވެހިން މިވަގުތު ތިބީ ޔޫކްރޭނާއި ހަންގޭރީގެ ބޯޑަރާ ކައިރީގައި އޮންނަ އުޒްހޮރޮޑްގައި ހުންނަ ހަންގޭރީގެ ކޮންސިއުލޭޓްގައި ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ޔޫކްރެއިންގައި ތިބި ދިވެހިންގެ އެންމެ ފަހުގެ ހާލަތު ހިއްސާ ކުރަމުން ފޮރިން މިނިސްޓްރީން މިރޭ ބުނީ، އެ ދިވެހިންނަށް ބޯޑަރު ހުރަސްކޮށް، ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓަށް ދަތުރުކުރުމުގެ އިންތިޒާމު، އެގައުމުގެ ސަރުކާރާ ގުޅިގެން ދިވެހި ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ. އަދި ބުޑަޕެސްޓަށް ދިއުމަށްފަހު ދެ ދުވަހުގެ ތެެރޭގައި އެމީހުން ރާއްޖެ އަންނާނެ ކަމަށް ބުންޏެވެ.
އިވާނޯ-ފްރެންކިވްސްކްގައި ކިޔަވަން ތިބި ދަރިވަރުންނަށް ކުރިން ނުފުރުނީ އެ ދަރިވަރުންގެ ކްލާސްތައް އޮންލައިން ކްލާސްތަކަށް ޔުނިވާސިޓީން ބަދަލުކުރި ތަނާ މާ ގިނަ އިރުތަކެއް ނުވެ އެގައުމުގެ ވައިގެ ސަރަހައްދު ބަންދުވުމުންނެވެ.
ފޮރިން މިނިސްޓްރީން ބުނީ، ހަރްކީވްގައި ބާކީ ތިބި އަށް ދިވެހިން، ޔޫކްރެއިންގެ ހުޅަނގަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެއީ ވަރަށް ދުރު ހިސާބެއް ކަމުން އަދި ހާލަތު އޮތް ގޮތުން އެކަމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ.
ހަރްކީވްގައި ބާކީ ތިބި އަށް މީހުންގެ ތެރެއިން ފަސް ދަރިވަރުންނަކީ އަމިއްލަ އެކި ސަބަބުތަކާ ހުރެ ކުރިން ނުފުރުނު ދަރިވަރުންނެވެ. ބާކީ ތިބި ތިން މީހުންގެ އާއިލާ ޔޫކްރެއިންގައި ތިބިކަން ބާލިންގައި ހުންނަ ދިވެހި އެމްބަސީއަށް އަންގާފައިވަނީ އިއްޔެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނީ، ނިޕްރޯގައި ހުރި ދަރިވަރުވެސް ހަންގޭރީ ބޯޑަރު ސަރަހައްދަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު