އެމަނިކުފާނުގެ ތައިރޮޑް ސާޖަރީ ކާމިޔާބު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޑޮކްޓަރުންގެ ލަފާގެ މަތިން ރައީސް ސޯލިހު ތައިރޮޑްގެ އޮޕަރޭޝަނަކަށް ސިންގަޕޫރަށް ވަޑައިގަތީ މި މަހުގެ 23 ވަނަ ދުވަހުއެވެ. އަދި މިއަދު ހެނދުނު އޮޕަރޭޝަން ކުރައްވާތީ، އެމަނިކުފާނު، ރައީސްގެ ބާރުތަކާއި ޒިންމާތައް ނައިބު ރައީސް ފައިސަލް ނަސީމްއާ ހަވާލުކުރެއްވިއެވެ.

ރައީސް ސޯލިހު ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސާޖަރީ ކާމިޔާބުކަމާ އެކު ފުރިހަމަ ކުރެވިއްޖެ ކަމަށާއި މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށެވެ. އެމަނިކުފާނަށް ހެޔޮދުއާ ކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ނައިބު ރައީސް ފައިސަލް މިއަދު ހެނދުނު ރައީސްގެ މަސްއޫލިއްޔަތުތައް ތިން ގަޑިއިރާއި 30 މިނެޓު ވަންދެން އަދާކުރެއްވި އިރު، މިއީ ނައިބު ރައީސަކު ރާއްޖޭގެ ރައީސްކަމުގެ މަސްއޫލިއްޔަތާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.