ދިވެހި ސިފައިންގެ ވެހިކަލަކަށް އިންޑިއާ ސިފައިން ފޮށިތަކެއް އަރުވަނިކޮށް ފެންނަ ފޮޓޯތަކުގެ ހަގީގަތް އެމްއެންޑީއެފުން ސާފުކޮށްދީފިއެވެ.

އެމްއެންޑީއެފްގެ އުޅަނދަކަށް އިންޑިއާ ސިފައިންގެ ބަޔަކު ފޮށިތަކެއް އަރުވާ މަންޒަރު ފެންނަ ފޮޓޯތަކެއް އާންމުވެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އެކަން ސާފުކޮށްދެމުން އެމްއެންޑީއެފުން މިރޭ ބުނީ ސިފައިންގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމަށް އެހީވެދިނުމަށްޓަކައި އެކުވެރި ދައުލަތްތަކުން ވަރަށް ބޮޑެތި އެހީތައް ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.

އެގޮތުން ކޯސްޓްގާޑުގެ ހިދުމަތުގައި ބޭނުންކުރަމުން އަންނަ އުޅަނދުފަހަރުތަކުގެ ތެރެއިން ބައެއް އުޅަނދުތައް ލިބިފައިވަނީ އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ކަމުން އެއިން އުޅަނދެއް މަރާމާތު ކުރުމަށް ބޭނުންވެއްޖެ ހިނދެއްގައި އެކަން ފޯރުކޮށްދެމުން ދަނީ އެމްއެންޑީއެފުން ކަނޑައަޅާ ޕްލޭނެއްގެ ދަށުން އެ ގައުމަކުން ފޮނުވާ ޓެކްނީޝަނުންގެ ޓީމެއް ބޭނުންވާ ޓޫލްސްއާއެކު ރާއްޖެއަށް އައިސް ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެ މީހުން ރާއްޖެ އައުމުގެ ކުރިން އަންނަ މީހުންގެ މައުލޫމާތާއި ގެނެވޭ ތަކެތީގެ މައުލޫމާތު ޑިފެންސް މިނިސްޓްރީއަށް ފޮނުވާ ކަމަށާއި އެމީހުން ރާއްޖެ އެތެރެވަނީ ހުއްދަ ލިބިގެން ކަމަށެވެ.

"މިގޮތުން 2021 ވަނަ އަހަރުގެ ފަހުކޮޅު 'ޝިޕް ހުރަވީ' މަރާމާތުކުރުމަށް އިންޑިއާގެ ނޭވީޑޮކްޔާޑުން ސިވިލް ދެ ޓެކްނީޝަނަކު ރާއްޖެ އައިސް އެކަން ފުރިހަމަކޮށް ފުރާފައިވެއެވެ. އިންޑިއާ ސިފައިންގެ ބަޔަކު ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯއެއް ދާދިފަހުން ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަދިއުމާ ގުޅިގެން ދަންނަވަމެވެ. އެއީ މިއަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ކޯސްޓްގާޑް ފްލީޓުގައި ހިމެނޭ 'ޝިޕް ކާމިޔާބު' މަރާމާތުކުރުމަށް އިންޑިއާގެ ނޭވީޑޮކްޔާޑުން ފޮނުވި ދެ ސިވިލް ޓެކްނީޝަނުން ކަމުގައި ދަންނަވަމެވެ. މި މީހުން ފުރާފައިވަނީ މިމަހުގެ 19 ގައެެވެ..،" އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ، މިގޮތަށް އަންނަ ޓީމުތައް އަބަދުވެސް މަސައްކަތްކުރާނީ ދިވެހި ސިފައިންގެ ބެލުމުގެ ދަށުން ގުޅިގެން ކަމަށެވެ.