ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ "ބީއެމްއެލް ކޮމިއުނިޓީ ފަންޑު"ގެ ދަށުން ލ. ގަމާއި ބ. ކުޑަރިކިލުގައި ކުރިއަށްގެންދިޔަ ދެ މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން ލ. ގަމު ބީޗުގައި ކޮމިއުނިޓީ ޕާކެއް ތަރައްގީކޮށް މަތިމަރަދޫ އަވަށު ބޮޑުމަގުގައި ވަނީ ސޯލާ މަގުބައްތި ހަރުކޮށްފައެވެ.

ކޮމިއުނިޓީ ބީޗް ޕާކުގައި ވަނީ އެ ސަރަހައްދަށް ދަތުރުގޮސް އުޅޭ ފަރާތްތަކަށް ފަސޭހަވާނެހެން ބެންޗު ބަހައްޓައި، އުނދޯލި ބަހައްޓައި ބާބަކިއު ހެދޭނެ ގޮތް ގާއިމުކޮށްފައެވެ. މި ޕާކުގެ ވަށައިގެން ވަނީ ލަކުޑިން ފެންސް ޖަހައި ކުޑަކުދިން ކުޅޭނެ ތަނެއް ވެސް ގާއިމުކޮށްފައެވެ. އަދި އައުޓްޑޯ ޝަވަރެއް ހަރުކޮށް، ރޭގަނޑު އަލިވާނެހެން ސޯލާ މަގުބައްތި ބަހައްޓައި، ދަތުރު އަންނަ ފަރާތްތަކުން ކުނި އުކާލުމަށް ޑަސްޓްބިންވެސް ވަނީ ބަހައްޓައިފައެވެ.

ބ. ކުޑަރިކިލުގައި މީހުން ދިރިއުޅޭ ސަރަހައްދުގެ މަގު ބައްތިތައް ވަނީ އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތިއަށް ބަދަލުކޮށްފައެވެ. މި ޕްރޮޖެކްޓުގެ އަމާޒަކީ ރަށުގެ ރައްޔިތުން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ހޭލުންތެރި ކުރުވުމާއި ރަށުގެ މަގުތައް އަނދިރިވުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދިނުމެވެ.

ބީއެމްއެލުން ބުނީ މި ޕްރޮޖެކްޓުގެ ސަބަބުން ރަށުގެ އާންމު ތަންތަނަށް ކަރަންޓު ދިނުމަށް ކުރާ ހޭދަ ކުޑަވާނެ ކަމަށެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލާފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 60 މަޝްރޫއު ހިންގުމަށް ބީއެމްއެލުން ވަނީ ފައިސާގެ އެހީ ފޯރުކޮށްދީފައެވެ.