ހެންވޭރު ނޫއަލިގޭގައި އަލިފާން ރޯވެ 10 މީހަކަށް ފަރިވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފި އެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު 8:55 ގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އަދި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކޮށް ނިއްވާލާފައިވާ ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން މި ހާދިސާގައި 10 މީހަކަށް ދުމުގެ އަސަރުކޮށްގެން ސެނަހިޔާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ނަމަވެސް މި މީހުންގެ ހާލަތާ ގުޅިގެން މިހާތަނަށް މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.

އިއްޔެވެސް އެ ސަރަހައްދުގައި ހުރި ގެއެއްގައި ވަނީ އަލިފާން ރޯވެފަ އެވެ. ނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.