ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފިއެވެ.

ރައީސް ސޯލިހު މިގޮތަށް ނިންމެވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ޑިޖިޓަލް އައިޑެންޓިޓީ ނިޒާމަކީ ނެޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންގައި ހިމެނޭ ނިޒާމެކެވެ.

މި ނިޒާމު ގާއިމުކުރުމާ ގުޅޭ ގޮތުން މިއަދު ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުންތަކުގެ ތެރޭގައި މި ނިޒާމުގެ ދަށުން އައިޑެންޓިޓީގެ ވެރިފަރާތް ބާރުވެރިކުރުވައި އައިޑެންޓިޓީގެ ވެރިފަރާތާ ގުޅުންހުރި ރަސްމީ މައުލޫމާތު އެފަރާތެއްގެ ރުހުމާއެކު ފޯރުކޮށްދޭ ޕްލެޓްފޯމެއްގެ ގޮތުގައި ގާއިމު ކުރުމެވެ. އަދި ދައުލަތުގެ އިދާރާތަކަށާއި ދައުލަތް ހިއްސާވާ ކުންފުނިތަކަށް މި ހިދުމަތް ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ(އެންސީއައިޓީ) އާއި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގުޅިގެން ތަރައްގީކޮށް ހިންގުން ހިމެނެއެވެ.

މީގެ އިތުރުން ޑީއެންއާރުގައި ބޭނުންކުރާ އައިޑެންޓީޓީ މެނޭޖްމަންޓް ސިސްޓަމް ޒަމާނީ ބަޔޯމެޓްރިކް ސިސްޓަމަކަށް އަޕްގްރޭޑްކޮށް އާ ނަމްބަރިން ސިސްޓަމަކާއެކު ކޮންޓެކްޓްލަސް ސްމާޓް އައިޑެންޓިޓީ ކާޑުގެ ނިޒާމެއް އެންސީއައިޓީއާ ޑީއެންއާރު ގުޅިގެން ތަރައްގީކޮށް ހިންގުމާއި ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމް، ޕްރައިވެޓް ސެކްޓަރަށް ހުޅުވާލުމަށް އިތުރަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ ޕްރައިވެޓް ސެކްޓަރަށް ހުޅުވާލުންވެސް ހިމެނެއެވެ.

ޑިޖިޓަލް އައިޑެންޓިޓީ ޕްރޮޖެކްޓްގެ ތެރެއިން ހާސިލުވާނެ ކަންކަމުގެ ތެރޭގައި ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމެއް ގާއިމުކުރުމާއި ސްމާޓް ފޯނުތަކުގައި ބޭނުންކުރެވޭ ޑިޖިޓަލް އައިޑެންޓިޓީ އެޕްލިކޭޝަނެއް ތައާރަފުވުމާއި ބަޔޯ މެޓްރިކް އައިޑެންޓިޓީގެ ނިޒާމެއް ގާއިމުވުމާއި ކޮންޓެކްޓްލަސް ސްމާޓް އައިޑެންޓިޓީ ކާޑެއް ތައާރަފުކުރުން ހިމެނެއެވެ.