އަހުމަދިއްޔާ ސްކޫލުގައި ހައްލުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި ނަމަވެސް ދިގުދެމިގެން ގޮސް ހައްލު ނުވެ އޮތް ޖާގައިގެ ދަތިކަމަށް ވަރަށް އަވަހަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދަޅޫވީ އަހުމަދިއްޔާ ސްކޫލަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ މާލޭގެ ހުރިހާ ސްކޫލެއްގައިވެސް ހައްލު ކުރަން ޖެހޭ އެތައް ބައިވަރު މައްސަލަތައް ހުންނަ ކަމަށާއި އަހުމަދިއްޔާ ސްކޫލުގައިވެސް މިފަދަ އެތަކެއް މައްސަލަ އެބަހުރި ކަމަށެވެ. އަދި ވަކީން ހާއްސަކޮށް ޖާގައިގެ މައްސަލައަކީ ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ތެދެއްމެ، ދަރިވަރުން އިތުރު ހަރަކާތެއް ބާއްވާނެ ބިންކޮޅެއް މި ސްކޫލަކު (އަހުމަދިއްޔާ)އަކު ނެތް. ތުއްތުކުދިން ކުޅެން ނުކުމެލާނެ ބިންކޮޅެއްވެސް ނެތް. އެ މައްސަލަ މި ސްކޫލްގެ ފަރާތުން ވަނީ ސަރުކާރަށްވެސް ހުށަހަޅާފަ. އަޅުގަނޑު ދަންނަވާނީ، ކޮންމެ ދިގު އިންތިޒާރެއްގެ ފަހަތުގައި ފޮނި ނިމުމެއްވާނެ ކަމަށް." އެމަނިކުފާނު ވިދާޅުވި އެވެ.

ޖާގައިގެ ދަތިކަމަށް ހައްލު ގެނައުމަށް ސަރުކާރުން ވެދެވެން އޮތް އެންމެ ފުރިހަމަ އެހީތެރިކަމެއް ވެދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެހެންކަމުން އަހުމަދިއްޔާ ސްކޫލުގެ ވެރިން ކުރަމުން އަންނަ އިންތިޒާރަށް މާގިނަ ދުވަސްތަކެއް ނުވެ އަމަލީ ސިފަ އަންނާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ އަހުމަދިއްޔާ ސްކޫލަކީ މިހާރުވެސް ރާއްޖޭގެ ތައުލީމީ މައިދާނުގައި ވަރަށް މަތީ މަގާމެއްގައި ސާބިތުކަމާއެކު ދެމިއޮތް ސްކޫލެއް ކަމަށެވެ. މިހާރު މާލޭގައި ހުރި ސްކޫލްތަކުގެ ތެރެއިން، ބޭބީ ނާސަރީން ފެށިގެން ގްރޭޑް 12އާ ހަމައަށް ކިޔަވައިދޭ ހަމައެކަނި ސްކޫލަކީ އަހްމަދިއްޔާ ކަމަށާއި ދަރިވަރުންނާއި ޓީޗަރުން އެންމެ ގިނަ އެއް ސްކޫލަކަށްވެސް އަހުމަދިއްޔާ ވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަހުމަދިއްޔާ ސްކޫލްގެ ކާމިޔާބަށް ބަލާއިރު، އެމަނިކުފާނަށް ފާހަގަކުރެއްވޭ އެންމެ ބޮޑު ކާމިޔާބަކީ، ގައުމަށް ބޭނުންތެރި ދަރިންތަކެއް، އެ ސްކޫލުން ބިނާކޮށްދީފައިވާކަން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެ ސްކޫލުން ތައުލީމު ހާސިލުކުރި ދަރިވަރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައިވެސް، އަދި ސަރުކާރުގެ އެހެން މަތީ މަގާމުތަކުގައިވެސް މިހާރު އަމަލީ މަސައްކަތުގައި އެބަ ތިއްބެވި ކަމަށް ރައީސް ސޯލިހު ފާހަގަ ކުރެއްވި އެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް، މީގެ ތިން އަހަރު ކުރިން ނުކުމެގެންވެސް، އެންމެ ބޮޑު އިސްކަމެއްދީގެން ކުރާ އެއްކަމަކީ މީހުން ބިނާކުރުން ކަމަށެވެ. އޭގެ ތެރެއިންވެސް އެންމެ ހާއްސަ ސަމާލުކަމެއް ދެނީ، ތައުލީމީ ގޮތުން ހަރުދަނާ ދަރިންތަކެއް ބިނާކުރުމަށް ކަމަށާއި އެގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ އިތުރު ފުރުސަތުތައް ފަހިކޮށްދިނީ، ހަމަ އެ ބޭނުމުގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.