ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަންނީ ގިނަ ވަޒީފާތަކެއް އުފެދޭނެ ކަމަށާއި އެވަޒީފާތަކަށް ބޭނުންވަނީ ދިވެހިން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް 40 އަހަރު ފުރުން ފާހަގަކުރުމަށް އެ ސްކޫލުގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސް ސޯލިހު ވިދާޅުވީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަކީ މާލޭގައި ހުރި ސްކޫލުތަކުގެ ތެރެއިން ބޭބީ ނާސަރީން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވައިދޭ ހަމައެކަނި ސްކޫލު ކަމަށެވެ. އަދި އެ ސްކޫލަކީ އެންމެ ގިނަ މުވައްޒަފުންނާއި ދަރިވަރުންވެސް ތިބި ސްކޫލު ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަހުމަދިއްޔާ ސްކޫލުގެ ދަރިވަރުން ރަން ވަނަތަނެއް ހޯދައިފައިވާ ކަމަށާއި އެ ސްކޫލުން ދަރިވަރުވި ބައެއް ބޭފުޅުން، ސަރުކާރުގެ މަތީ ވަޒީފާތަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައިވެސް އެބަ ތިއްބެވި ކަމަށެވެ. އެގޮތުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަކީ އޭގެއިން އެއް ބޭފުޅުކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން އެންމެ ހާއްސަ އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތަކީ މީހުން ބިނާކުރުމުގެ މަސައްކަތް ކަމަށާއި ހާއްސަކޮށް ތައުލީމީ ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތް ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މަޝްރޫއުތައް ނިމުމުން ފަންނީ ގިނަ ވަޒީފާތައް އުފެދޭނެ ކަމަށެވެ. ހާއްސަކޮށް ރާއްޖޭގެ ފަސް ސަރަހައްދެއްގައި ތަރައްގީކުރާ ޓާޝަރީ ހޮސްޕިޓަލުތަކުން ފަންނީ ވަޒީފާތައް ގިނަ އަދަދަކަށް އުފެދޭނެ ކަމަށް ވިދާޅުވިއެވެ.

"މިތަންތަނަށް އަޅުގަނޑުމެން ބޭނުންވަނީ ދިވެހި ދަރިން. އެ ދަރީން އުފެއްދޭނީ ރަނގަޅު ތައުލީމުދީ ރަނގަޅަށް ކިޔަވައިދީގެން" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޖާގައިގެ ދަތިކަން ކަމަށާއި އެކަމަށް މި ސަރުކާރުން ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.