ލައިފް ސްޓައިލް

"ކަރޯކޭ ދިވެހީން" ގެ މެދުގައި މަގުބޫލުވަމުން އަންނަ "ސްޓާ މޭކާ" އެޕް!

މަރިޔަމް ޝަފާ އިބްރާހިމް

ކޮންމެ މީހެއްގެ ގައިގައިވެސް ކޮންމެވެސް ކަހަލަ ހުނަރެއް ހުންނާނެއެވެ. އެހެންނަމަވެސް ހުރިހާ އެންމެންގެ ގަޔަކު އެކަށީގެންވާ މިންވަރަކަށް ހުނަރު ނުހުރެދާނެއެވެ. މާނައަކީ އެންމެނަކީ ސުޕްސްޓާރުންނަށް ވާކަށް ނުޖެހެއެވެ. ހަމައެހެންމެ އެންމެނަކަށް އެފުރުސަތެއްވެސް ނުވެސް ލިބެއެވެ.

އެހެންނަމަވެސް ކޮންމެ މީހެއްގެ ގައިގައި ވެސް ކޮންމެވެސް ހާއްސަ ކަމެއް ފޮރުވިފައި ހުންނާނެއެވެ. ބައެއް މީހުންނަކީ މިފަދަ ކަމެއް ހިއްސާކޮށްލާނެ ހިތްވަރު ނުލިބޭ މީހުންނެވެ. ތިމާ ކުރާހިތްވާ ކަމެއްގެ ވާހަކަ ބުނުމުން އެންމެ ގާތް މީހާވެސް ނޭނގުމުގެ ތެރެއިން ބުނެލާ ބަހަކުން ހިތުގައި ޖެހި މުޅި އުމުރަށް އެފަދަ އެހެން އެއްވެސް ވާހަކައެއް ހިއްސާނުކުރުމަށް އަޒުމު ކަނޑައެޅުމަކީ ކިތަންމެ ފަހަރަކު ދިމާވާ ކަމެކެވެ.

ހަމައެހެންމެ ކޮންމެ މީހަކީ ޑައިރީ ލިޔާ މީހަކަށް ނުވާފަދައިން އެންމެނަކީ ކައުންސެލިން ނެގުމާއި ހިޔާލު ހޯދުމަށް މީހުންނާ ވާހަކަތައް ހިއްސާ ކުރާ ބައެއް ނޫނެވެ. މިހާރު މިއޮތީ ޒަމާން ތަރައްގީވެ، ޑައިރީ، ފޮތާއިގަލަމުގެ ޒަމާން ނިމި ޓެކްނޮލޮޖީގެ ޒަމާނަށް ފެށިފައެވެ. އެހެންކަމުން މިއަދު ކޮންމެ މީހަކުވެސް އޭނާގެ ހިޔާލު ދޫކޮށްލަނީ 'މޫނުފޮތު"ގެ ބޭރުގަނޑުގެ 'ހާލަތު' ބައި މެދުވެރިކޮށް އާންމުންނަށެވެ. އެހިސާބުން އޭނާއަށް އެކަމާ ބެހޭ ހައްލު ބުނެދޭ ވަރަށް އޭނާއަށް ހިތްދަތިވެ ކަރުއެލުވާލަން ޖެހޭފަދަ ކިތަންމެ ހިޔާލަކާއި މެސެޖެއްވެސް ލިބެއެވެ.

ކުރިންވެސް ހާމަކުރި ގޮތަށް އެންމެނަކީ މިދާއިރާގެ ތެރޭގައިވެސް އަމިއްލަ އެއްވެސް ވާހަކައެއް ސޯޝަލް މީޑިޔާގައި މިގޮތަށް ހިޔާލު ފާޅުކުރާނެ މީހުންނެއް ނޫނެވެ. ހަމައެހެންމެ މިގޮތަށް ހިޔާލު ބަދަކުކުރުމުގެ ތެރޭގައި މުޅި އުމުރަށް މިފަދަ ކަންތަކުން އެއްކިބާވެގަންނަ ފަދަ ހާދިސާތަކާ ދިމާވެފައި ތިބި މީހުންވެސް އެބައުޅެއެވެ.

ލަވަކިޔުން ނުވަތަ ޅެން ކިޔުންފަދަ ރާގަށް ހަމަކޮށްފައި ބަސްކިޔުން އެއީ ދިވެހިންގެ ތެރޭގައިވެސް ވަރަށް މަގުބޫލުވަމުން އަންނަ ކަމެކެވެ. ދިއެފްއެމް އިން އަހަރުތަކެއް ކުރިއްސުރެ ގެނެސްދިން 'ބޮކިފަތި' ޝޯއަކީ މިފަދަ ލަވަކިޔާހިތްވާ ކުދިންނަށް ހުޅުވާލެވިގެން ދިޔަ ރަނުގެ ފުރުސަތެކެވެ. އެހެންނަމަވެސް އެ ޝޯއިން ގިނަ މީހުންނަށް ފުރުސަތު ލިބުމަކީ ވަރަށް ދަތިކަމެކެވެ. ސަބަބަކީ އެފްއެމް އިން ވަރަށް އިންސާފުވެރި ގޮތަކަށް ކުރިއަށް ގެންދިޔަނަމަވެސް ހަމަޖެހިފައި އޮންނަ ވަގުތުގެ ތެރޭގައި މުޅި ރާއްއްޖޭގެ އެކިކަންކޮޅުތަކުން ބައިވެރިވާން ހުށަހަޅާ ހުރިހާ އެންމެނަށް ގުޅައި އެފުރުސަތު ދިނުމަކީ ކިތަންމެ ހުޝިޔާރު ކުޅަދާނަ ޕްރޮގްރާމަކަށްވިޔަސް އެއީ ކުރެވޭނެ ކަމަކަށް ނުވާތީއެވެ.

މިފަދައިން ލަވަކިޔުމަށް ޝައުގުވެރިވެ، އެފުރުސަތު ނުލިބި ތިބި ކޮންމެ މީހަކަށްވެސް މިހާރު އުފާވެރި ހަބަރަކީ ސްމާޓު ފޯނުން ހަމަ އެއްވެސް އަގަކާނުލައި ސްޓާރަކަށް ވެވެން އޮތްކަމުގެ ހަބަރެވެ. ފަހަކަށް އައިސް ދިވެހީންގެ ތެރޭގައި މަގުބޫލުކަން ބޮޑުވަމުން އަންނަ "ސްޓާ މޭކާ" ނުވަތަ "ތަރި އުފައްދާ" އެޕްލިކޭޝަނަކީ ހަމައެކަނި ލަވަކިޔުމަށް ހާއްސަ ނަމަވެސް އެހެން ގިނަ އެތައް ކަމެއްވެސް ހިމެނޭ އެޕެކެވެ.

"ހަމައެކަނި ކަރޯކޭ ޖައްސާތީއެއް ނޫން. އެއަށްވުރެ ލިބޭ ރައްޓެހިންނާއި އެމީހުންގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރުލުމާއި އަޅައިލުން ކަރޯކޭއަށްވުރެ މާބޮޑަށްވެސް މުހިންމު!"

ސްޓާ މޭކާ ބޭނުންކުރާ ފަރާތްތަކާ ސުވާލުކޮށްލުމަށް އެޕްލިކޭޝަން އަޅައިގެން ބޭނުންކޮށްލީ މީހުން ބުނާ ބުނުމަށްވުރެ އަމިއްލަ ތަޖުރިބާ މާބޮޑަށްވެސް ފުރިހަމަ ވެފައި ސައްހަ ނަތީޖާ ދޭނެތީއެވެ.

އަޑުއިވިފައިވާ ވާހަކަތަކަށްވުރެ ދިވެހިން މިއެޕް ބޭނުން ކުރާ މިންވަރު މާބޮޑަށްވެސް ގިނައެވެ. ސަބަބުތައް ގަބޫލުކުރެވެއެވެ. ކޮންމެ ވަގުތެއްގައިވެސް ހިތްހަމަޖެހޭ ފަދަ ރައްޓެހިންތަކެއް ލިބެއެވެ. ދުނިޔޭގެ އެކި ގައުމުތަކުގެ މީހުން އުޅޭއިރު ކޮންމެ ބަޔަކާވެސް ހިޔާލު ބަދަލުކޮށްލެވެއެވެ. މިއީ ކަރޯކޭ ޖެއްސުމަށް ހާއްސަކޮށްފައިވާ އެޕެއް ނަމަވެސް މިއިން ފުރިހަމަ ވަނީ ލަވަކިޔާހިތްވުމުގެ އުއްމީދު އެކަންޏެއް ނޫނެވެ. އެކަނިވެރި ވަގުތުތަކުގައި ރަނގަޅު ހެޔޮލަފާ އެކުވެރިންގެ އެހީތެރިކަން އަބަދުމެ ލިބެއެވެ. ބޭނުންވާ ކޮންމެ ގަޑިއެއްގައިވެސް ކޮންމެވެސް އެއްދިމާއަކުން ކޮންމެވެސް އެއް އެކުވެރިޔެއްގެ އެހީ ލިބެއެވެ. ކާއެއްޗެއް ހަދަން ބޭނުން ވެއްޖެ ހިނދެއްގައި ރެސިޕީ ލިބެއެވެ. ސަކަ މިޒާޖުގެ ސަމާސާ ކުރާ ބައިވެރިންގެ ތެރޭގައި އުޅުމުގެ ސަބަބުން ހިތްހަމަނުޖެހުންތަކާއި ހިތާމަތައް ހަނދާންނެތިދެއެވެ. އަދި ހަމައެހެންމެ އާއުއްމިދުތަކާއި އާހިޔާލުތަކާއި މުޅިންވެސް ތަފާތު ދިމާއަކަށް މިޒާޖު ބަދަލުކޮށްލައެވެ.

ސްޓާ މޭކާ ބޭނުން ކުރާ މީހުންގެ ހިޔާލަކީ މި އެޕަކީ ވަރަށްވެސް ހިތްހަމަޖެހޭ އެޕެއް ކަމެވެ. ފޭސްބުކާއި ޓުވިޓާފަދަ ތަންތަނާ ތަފާތުކޮށް މިއީ ބޮޑުބައި އަޑުން ހިންގާ އެޕަކަށް ވެފައި ވީޑިއޯ ލެވޭގޮތަށް ހުންނައިރުވެސް ވީޑިއޯއަށްވުރެ ގިނަ މީހުން ވަގުތު ހޭދަ ކުރަނީ އޯޑިއޯތަކުން މުއާމަލާތް ކުރުމުގައެވެ.

"ވަރަށް މަޖާ..މިއީ ހަބުރީގެ ގެއެއް. އެކި ފްލޯތަކުގައި އުޅޭ އެންމެންހެން އުޅޭނެ ފެމިލީގަ. ހީވާނީ ހަމަ ހަގީގަތިގައިވެސް ނުއުފަންނަ އާއިލާއެއް ހެން. އޭގެ ތެރޭގައި 50އިން މަތީގެ ހާއްސަ ބައެއް އުޅޭނެ. އެންމެ އުމުރުން ދުވަސްވީ 73އަހަރުގެ ސަކީނައްތަ އެއީ އަހަރެމެން އެންމެންގެ ތިއްތިމާމަ. ދެން އުޅޭނެ ބޮޑުބޭބެއަކާއި އައްތައްތައެއް. އެއީވެސް 60 ވަރަކަށް އަހަރުގެ ދެމީހުން. ދެން ވަރަށް ލޯބި ވާހަކަ ކިޔައިދޭނެ. ކީކޭ ބުނާނީ. މިއީ ޑިޕްރެޝަނުން ނުކުތުމަށް މަންމަގެ ފަރާތުން ތައާރަފުވި ވަރަށް އެހީތެރި އެޕެއް."

2014ގައި ސެންފްރެންސިސްކޯގައި އާންމުކޮށް ތައާރަފު ކުރެވިގެން ދިޔަ ސްޓާމޭކާ އެޕަކީ މުޅި ދުނިޔޭގައި ދެވަނައަށް އެންމެ މަޝްހޫރު އަދި ދެވަނައަށް އެންމެ ކާމިޔާބު ކަރޯކޭ، ލަވަކިޔުމަށް ހުޅުވިފައިވާ އެޕެކެވެ. 20 މިލިއަނަށްވުރެ ގިނަ މީހުން ދުނިޔޭގެ އެކިިތަންތަނުން ބޭނުން ކުރަމުން އަންނަ ސްޓާމޭކާއަށް ވީޑިއޯއެއް އެޅުމަކީ ހަމަ އެއްވެސް ކަމެއް ނޫނެވެ. ޔޫޓިއުބުގައި ޗެނަލެއް ހެދުމަށްފަހު އަމިއްލައަށް ވީޑިއޯއެއް ތައްޔާރުކޮށްގެން މިއެޕަށް ހުށަހެޅިދާނެއެވެ.

ސްޓާމޭކާ އުފެއްދި ޖެފްޑެނިއެލް އަދި ނަތަން ސެޑްލޭންޑާ 2018ގައި، ސްޓާމޭކާގެ ކުންފުނި ކަމަށްވާ ޗައިނާގެ ބެއިޖިންގެ ކަންލަން ޓެކް ކުންފުނި ދޫކޮށްލި ނަމަވެސް މިއީ މިވަގުތު ދުނިޔޭގައި އޮތް އެންމެ އިތުބާރު ކުރެވޭ އެއް ކުންފުނިން ހިންގާ އެޕަކަށް ވުމަކީ ވެސް މީހުންގެ ޔަގީންކަން ސްޓާމޭކާއަށް ލިބިގެންދާ ކަމެކެވެ.

ކޮންމެއަކަސް ސްޓާމޭކާ އަކީ މިފަހަކަށް އައިސް ދިވެހިންގެ ހިތްތަކުގައި ގަދަ ލޯތްބެއް އުފެދިފައިވާ ދިވެހިންގެ މުނިފޫހި ފިލުވުމުގެ ތެރެއަށް އިތުރުވި ވަރަށް ވަރުގަދަ ބޮޅެއްކަން ޔަގީނެވެ.