މާލޭގައި ހިންގާ ޑުރަގް ކެފޭތަކުން އާންމުކޮށް ހިދުމަތް ހޯދާ މީހުންގެ އަދަދު 1،000 އަށް ވުރެ ގިނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާފައިވާ އޮޕަރޭޝަންތަކުގެ މައުލޫމާތު ދިނުމަށް ޑްރަގް އެންފޯސް ޑިޕާޓްމަންޓުން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި "މީޑިއާ އިވެންޓް" ގައި އެ ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވީ، މާލޭގައި ހިންގާ ޑުރަގް ކެފޭތަކުން އާއްމުކޮށް 1،118 ދިވެހިން ހިދުމަތް ހޯދާ ކަމަށެވެ.

އޭގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތިން ސަލާމަތްވުމުގެ ފަރުވާއިން ވަކިކޮށްފައިވާ މީހުންނެވެ. އެފަދަ 305 މީހަކު ހިމެނޭ އިރު، ރިހެބިލިޓޭޝަންގެ ފަރުވާ ދިނުމަށް އަމުރު ކޮށްފައިވާ 217 މީހެއް އަދި ދެ ވަނަ ހުކުމެއް އައިސްފައިވާ 141 މީހުން ހިމެނެއެވެ.

ފުލުހުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، ޑުރަގް ކެފޭތަކުން ހިދުމަތް ހޯދާ ދިވެހީންގެ ތެރޭގައި، ދިރިއުޅޭނެ ވަކި ތަނެއް ނެތި، މަގުމަތިވެފައިވާ މީހުން ނުވަތަ ހޯމްލެސް 63 ދިވެހިން އަދި ބަންގްލަދޭޝްގެ ހަތަރު މީހަކު އުޅެއެވެ. އަދި ޑުރަގް ކެފޭތަކުން އާންމުކޮށް ހިދުމަތް ހޯދާ 139 ބިދޭސީއަކު އުޅެއެވެ. އެއީ ބަންގްލަދޭޝްގެ 134 މީހަކާއި އިންޑިއާގެ ތިނެއް އަދި ސްރީ ލަންކާގެ ދެ މީހެކެވެ.

ޝާކިރު އިތުރަށް ވިދާޅުވީ، ޑުރަގް ކެފޭތަކުން 65 އަންހެނަކާއި އުމުރުން 50 އަހަރުން މަތީގެ 56 މީހެއް އަދި 14 ކުޑަކުއްޖަކުވެސް ފާހަގަކުރެވޭ ކަމަށެވެ.

ޝާކިރު ވިދާޅުވި ގޮތުގައި 2015-2021ގެ ނިޔަލަށް ޑްރަގް ޓްރެފިކް ކުރުމުގެ ބޮޑެތި މައްސަލަތަކުގައި 146 ބިދޭސީއަކު ބައިވެރިވެފައިވާ ކަމަށެވެ. އަދި ބަނގުރާ ވިއްކައި، ވިޔަފާރި ކުރުމުގައި 525 ބިދޭސީއަކު ހިމެނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.