ޅ. މަޑިވަރުގައި މިދިޔަ ހުކުރު ދުވަހު ހުޅުވި އާ އެއާޕޯޓަށް ކުރާ ދަތުރުތަކުގެ ޓިކެޓުގެ އަގު މުރާޖައާ ކުރުމުގެ މަސަައްކަތް ކުރާނެ ކަމަށް ގައުމީ އެއާލައިން، މޯލްޑިވިއަން އިން މިއަދު ބުނެފި އެވެ.

މޯލްޑިވިއަން ހިންގާ އައިއޭއެސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޖެނިފާ ލަތީފު "ވަން" އަށް މިއަދު ވިދާޅުވީ މަޑިވަރު އެއާޕޯޓުގެ ޓިކެޓުގެ އަގު ހެޔޮކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވީ ނަމަވެސް ރަސްމީކޮށް އެކަމުގެ މަޝްވަރާތައް އަދި ނުފެށޭ ކަމަށާއި، ރަސްމީ މަޝްވަރާތަކަށް ފަހު މަޑިވަރުގެ ޓިކެޓުގެ އަގު ރިވައިޒް ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

މަޑިވަރު އެއާޕޯޓް ހިންގަނީ ކުރެއްދޫ ހޯލްޑިންސްއިން އާއި ގުޅިގެން ކަމަށްވާތީ ޓިކެޓުގެ އަގަށް ބަދަލު ގެނައުމުގެ ނިންމުން ހަމައެކަނި އައިއޭއެސް އަށް ނުނިންމޭނެ ކަމަށާއި ލަފާކުރެވޭ ގޮތުގައި މަޑިވަރަށް ކުރާ ދަތުރުތަކުގެ ޓިކެޓުގެ އަގު ހެޔޮ ކުރުމަށް ގުޅިގެން ކުރަންޖެހޭ މަޝްވަރާތައް ފަށާނީ ޅ އަތޮޅަށް ރައީސް ސޯލިހު ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންނެވުމުން ކަމަށް ޖެނިފާ ވިދާޅުވިއެވެ.

އެގާރަ މިލިއަން ޑޮލަރުގެ އަގަކަށް ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ސަބްސިޑަރީއެއް ކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއާ ހަވާލުކޮށްގެން ހަދާފައިވާ މަޑިވަރު އެއާޕޯޓްގެ މިދިޔަ ހުކުރު ދުވަހު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެވެ.

މަޑިވަރަށް އެއްކޮޅު ޓިކެޓަށް 1،029ރ ދައްކަންޖެހޭ އިރު ދެކޮޅު ޓިކެޓުގެ އަގަކީ 2،058ރ. އެވެ. މަޑިވަރަށް ދަތުރުކުރުމަށް އެއްކޮޅަށް އެހާ ބޮޑު އަދަދެއް ހަރަދުކުރަން ޖެހި އެކަމުގައި ރައްޔިތުންގެ ކަންބޮޑުވުން ހުރުމުން އެކަމަށް ހައްލު ގެނައުމަށް އައިލެންޑް އޭވިއޭޝަން ސާވިސަސްއާ މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ސޯލިހު ވަނީ އިއްޔެ ވިދާޅުވެފައެވެ. ރައީސް ސޯލިހު އެގޮތަށް ވިދާޅުވީ ޅ. ނައިފަރުގައި ސަރުކާރުން ހެދި 100 ހައުސިން ޔުނިޓް ހަވާލުކުރުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޅ. އަތޮޅަށް ރައީސް ސޯލިހު ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މިއަދުގެ ވަގުތެއްގައެވެ.