އޮޅުވެލިފުށިން: އަލީ ޔާމީން- ވަން އޮންލައިން
ޅ. އޮޅުވެލިފުށީ ބަނދަރުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެރަށުގެ ކައުންސިލުން އެދިއްޖެއެވެ. ޅ. އަތޮޅަށް ރައީސް ސޯލިހު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އޮޅުވެލިފުށްޓަށް މިއަދު ވަޑައިގެން، ރައީސް ވަނީ އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލު ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އެރަށުގެ ތަރައްގީއަށް އެންމެ މުހިންމު މަޝްރޫއުތަކާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރައްވާފައެވެ. އެގޮތުން ބަނދަރުގެ ޖާގައިގެ ދަތިކަމާއި ހެލްތު ސެންޓަރުގެ ހިދުމަތު ރަނގަޅުކޮށް ލެބޯޓްރީގެ ހިދުމަތް ބޭނުންވާކަމާއި ގިރާ ސަރަހައްދު ހިމާޔާތްކުރުމާއި ގޯތި ދޫކުރާނެ ބިންނެތުމުގެ މައްސަލައާއި ކައުންސިލު އިމާރާތުގެ ޖާގައިގެ ދަތިކަން އަދި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްދޭން އެދުނެވެ.
އެ ބައްދަލުކުރެއްވުމުގައި އޮޅުވެލިފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ އެ ކޮމެޓީގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް އާ އިމާރާތެއްގެ މުހިންމުކަން ވެސް ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެމަނިކުފާނު އޮޅުވެލިފުށްޓަށް ވަޑައިގެންނެވުމުން ރައްޔިތުން ދެންނެވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަމާބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމަށްފަހު އޮޅުވެލިފުށީ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ އޮޅުވެލިފުށީގައި މިހާރު އޮތް ބަނދަރު ބޭރަށް ޖައްސައި އާ ބަނދަރެއް ހެދުމަށް ކުރަން ޖެހޭ ޓެކްނިކަލް ސާވޭތައް ކުރުމަށްފަހު ގެންނަން ޖެހޭ ބަދަލުތަަކާ ގުޅޭ ގޮތުން ކައުންސިލާ މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް އޮޅުވެލިފުށްޓަށް ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އޮޅުވެލިފުށީ ސްކޫލަށް ޒިޔާރަތްކުރައްވައި ސްކޫލުގެ ހާލަތު ބައްލަވައިލައްވައި ސްކޫލަށް އެންމެ ދަތިވާ ކަންކަމާގުޅޭގޮތުން ސްކޫލްގެ އިސްވެރިންގެ ފަރާތުން މައުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި މި ދަތުރުފުޅުގައި އޮޅުވެލިފުށީ ސިއްހީ މަރުކަޒަށްވެސް ޒިޔާރަތްކުރައްވައި އެމަނިކުފާނު ވަނީ އެތަނުގެ ހާލަތު ބައްލަވައިލައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު