ޅ. އޮޅުވެލިފުށީން: އަލީ ޔާމީން - ވަން އޮންލައިން

ޅ. އޮޅުވެލިފުއްޓަކީ 100 ޕަސެންޓް އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު ފޯރުކޮށްދޭ ރަށަކަށް ހައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އޮޅުވެލިފުއްޓަށް ރައީސް ސޯލިހު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެރަށު ބަނދަރު ސަރަހައްދުގައި މިއަދު މެންދުރު ބޭއްވި "ޖަޒީރާ ހޮޅުއަށި" ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، އޮޅުވެލިފުށީގައި ގާއިމުކޮށްފައިވާ ސޯލާ ޕީވީ މަޝްރޫއުގެ ދަށުން، މިހާރުވެސް ކަރަންޓުގެ ބޮޑު ބައި ފޯރުކޮށްދެނީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަމަށެވެ.

"މިހާރުވެސް ސޯލާ މަޝްރޫއުގެ ބޮޑުބައި ނިމި ކަރަންޓުގެ ބޮޑު ބައި ބޭނުންކުރަނީ ސޯލާގައި. އޭގެން 70 ކިލޯވޯޓު އުފެއްދޭ. އަމާޒަކީ މުޅި ރަށް ސޯލާއަށް ބަދަލުކުރުން. އެކަން ފެނަކައިން ކުރާނެ. މުޅި ރަށް ސޯލާއަށް ބަދަލުކުރާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އޮޅުވެލިފުށީގައި ސަރުކާރުން ހެދުމަށް ނިންމާފައިވާ އަށް ކްލާސްރޫމް ދިހަ ކްލާސްރޫމަށް އިތުރުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އޭރުން އޮޅުވެލިފުއްޓަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ރަށަކަށް ހެދޭނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، އޮޅުވެލިފުށީގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް، ސިއްހީ މަރުކަޒުގައި ލެބޯޓަރީއެއް ގާއިމުކޮށް އެހެން ވަސީލަތްތައްވެސް ގާއިމުކޮށްދެއްވާނެ ކަމަށެވެ.

އޮޅުވެލިފުށީ ސޯލާ ނިޒާމުގެ އިތުރު މައުލޫމާތު ދެއްވަމުން އެރަށުގެ ފެނަކަ ބްރާންޗުގެ މެނޭޖަރު އަހުމަދު އަބްދުއްރަހީމް "ވަން" އަށް މިއަދު ވިދާޅުވީ، އެރަށުގެ 178 ގެ ހުރިއިރު، ދުވާލުގެ ދެބައިކުޅަ އެއްބަޔަށް ބޭނުންވާ ކަރަންޓް މިހާރުވެސް ފޯރުކޮށްދެނީ ސޯލާގެ އެހީގައި ކަމަށެވެ.